07 ޖެނުއަރީ 2021 - 09:35

ކުރިން އިއުލާނުކޮށްފައިވާ ގޮތަށް، އަންނަ އާދީއްތަ ދުވަހުން ފެށިގެން ވެމްކޯއިން މާލޭގެ ގެތަކުން ކުނި ނަގާނީ ރޭގަނޑުކަން އެ ކުންފުނިން ހަނދާންކޮށްދީފި އެވެ.
ވެމްކޯއިން ނެރުނު އިއުލާނެއްގައި ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ކާފިއު ވަގުތުތަކަށް ގެނައި ބަދަލާއެކު ދުވާލު ވަގުތު މަގުމަތީގައި ވެހިކަލް ގިނަވެފައިވާ ކަމަށެވެ. އެހެންވެ ގެނައި ބަދަލުތަކާ އެކު އާދީއްތަ ދުވަހުން ފެށިގެން ކުނި ނަގާނީ ރޭގަނޑު 10:00 އިން 12:00 އާ ދެމެދުގަ އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ވެމްކޯއިން މާލޭގެ ގެތަކުން ކުނި ނަގަމުން އަންނަނީ މެންދުރު ފަހު 2:30ގެ ފަހުންނެވެ. ނަމަވެސް ބައެއް ގެތަކުން ކުނި ނެރެންޖެހޭ ވަގުތު ނޫން އެހެން ވަގުތުތަކުގައި ކުނި ނެރެފައި ބަހައްޓާތީ ބައެއް ސަރަހައްދުތަކުގައި ކުނި ގިނަވެފައި ހުންނަ ކަމަށާއި އާދީއްތަ ދުވަހުން ފެށިގެން ކުނި ނެރެން ޖެހޭނީ ރޭގަނޑު ކުނި ނަގާ ވަގުތުތަކުގައި އެކަނި ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.
ކުނި ނަގާ ވަގުތަށް ބަދަލު ގެނައި ނަމަވެސް އަދިވެސް ގޭގެއިން ޖެހޭނީ ކުނި ބޭރަށް ނެރޭށެވެ. މިކަން ބަދަލުވާނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށް ވެމްކޯ އިން ވަނީ ބުނެފަަ އެވެ.