ފަނޑިޔާރުގެ އެހީތެރިޔާގެ މަގާމުގައި ހުރި މުއްދަތަކީ ވެސް ފަނޑިޔާރުކަމުގެ މުއްދަތުގެ ގޮތުގައި ބަލަނީ
ފަނޑިޔާރުގެ އެހީތެރިޔާގެ މަގާމުގައި ހުރި މުއްދަތަކީ ވެސް ފަނޑިޔާރުކަމުގެ މުއްދަތުގެ ގޮތުގައި ބަލަނީ

ފަނޑިޔާރުންގެ މަގާމުގެ މުއްދަތު ގުނުމުގައި، ފަނޑިޔާރުގެ އެހީތެރިޔާގެ މަގާމު އެ މީހަކު އަދާކުރި މުއްދަތަކީ ވެސް ފަނޑިޔާރު ކަމުގައި ހޭދަކުރި ދުވަސްތަކުގެ ގޮތުގައި ބަލަން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ހަމަޖައްސައިފި އެވެ.

ފަނޑިޔާރުންގެ ރިޓަޔާމެންޓް ގަވާއިދަށް މިއަދު ގެނެސް، އަމަލުކުރަން ފެށި އިސްލާހު ބުނާ ގޮތުން ފަނޑިޔާރުންގެ ގާނޫނު އައުމުގެ ކުރިން ފަނޑިޔާރުކަމުގެ ހުވާކޮށްގެން ހުރެ ގާޒީގެ އެހީތެރިޔާގެ މަގާމު ނުވަތަ ފަނޑިޔާރުގެ އެހީތެރިޔާގެ މަގާމު އަދާކުރި މުއްދަތަކީ ވެސް އެ މީހަކު ފަނޑިޔާރު ކަމުގައި ހޭދަކުރި މުއްދަތު ކަމަށް ބެލެވޭނެ އެވެ.

ގާޒީންގެ އެހީތެރިން ނުވަތަ ފަނޑިޔާރުންގެ އެހީތެރިންގެ މަގާމަކީ ފަނޑިޔާރުންގެ ގާނޫނު އައުމުގެ ކުރިން އޮތް މަގާމުތަކެކެވެ. އެކަމަކު މިހާރު ކޯޓުތަކުގައި އެ މަގާމުތަކެއް ނޯވެ އެވެ.

ފަނޑިޔާރު ކަމުގައި ހޭދަކުރި މުއްދަތު ގުނަނީ ފަނޑިޔާރުކަމުން އެ މީހަކު ރިޓަޔާވުމުން އިނާޔަތް ދިނުމަށެވެ. ރިޓަޔާމެންޓް އިނާޔަތްތައް ލިބޭނީ އެ މީހަކު ފަނޑިޔާރު ކަމުގައި ހޭދަކުރި މުއްދަތަށް ބެލުމަށް ފަހު އެކި މިންވަރަށެވެ.

މީގެ އިތުރުން ރިޓަޔާކުރާ ފަނޑިޔާރުންނަށް ދެވިދާނެ ކަމަށް އޮތް ޗުއްޓީ ފައިސާ ނުދޭ ގޮތަށް ވެސް ގަވާއިދަށް ވަނީ ބަދަލު ގެނެސްފަ އެވެ.

ފަނޑިޔާރަކު ރިޓަޔާ ވާއިރު އޭނާއަށް ހައްގުވާ އަހަރީ ޗުއްޓީއެއް އޮވެ، އޭގެ ބޭނުން އެ މީހަކު ނުހިފައި އޮތް ނަމަ އެދުވަސްތަކަށް ޖެހޭ ފައިސާ އެ މީހަކަށް ދޭން ޖެހޭނެ ކަމަށް ގަވާއިދުގައި އޮތް އަކުރު މިހާރު ވަނީ އުވާލައިފަ އެވެ.

ޝަރަފްވެރިކަމާ އެކު ފަނޑިޔާރުކަމުން ރިޓަޔާވާ މީހުން މަސައްކަތް ކުރި މުއްދަތަށް ބަލައި މުޅި އުމުރަށް އިނާޔަތް ދޭއިރު، ލިވިން އެލަވަންސާއި ސެކިއުރިޓީ ވެސް ލިބެ އެވެ. އަދި އެ މީހަކު މަސައްކަތްކުރި ކޯޓުގެ ފަނޑިޔާރުންނަށް ލިބޭ ފެންވަރުގެ މެޑިކަލް އިންޝުއަރެންސް ޕެކޭޖެއް، އޭނާގެ އިތުރުން، އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި 18 އަހަރު ނުވާ ދަރިންނަށް ވެސް ލިބެ އެވެ.