06 ނޮވެމްބަރ 2016 - 14:47

ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވާ ގޮތާ މެދު ރައްޔިތުން ހިތްހަމަނުޖެހި، މާޔޫސްވެފައި ތިބި މިންވަރާއި ސަރުކާރުގެ ސައިޒު، އިދިކޮޅު ފަރާތްތަކަށް ކުޑަ ފުރުސަތެއް ދިނަސް ދައްލާނެ ކަމަށް އެމްޑީޕީ އާއި އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
ޕީޕީއެމް ތެރޭގައި އުފެދިފައިވާ މައްސަލާގައި އަސްލު ޕީޕީއެމަކީ ރައީސް އަބްދުﷲ ޔާމީން ފެކްޝަން ކަން ދެއްކުމަށް ކާނިވަލުގައި ބޭއްވި ޖަލްސާއަކީ، ރާއްޖޭގައި ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ބޮޑު ޖަލްސާ ކަމަށް އެ ފެކްޝަނުން ވަނީ ބުނެފަ އެވެ. އެވަރުގެ ޖަލްސާއެއް އިދިކޮޅު ފަރާތްތަކަށް ނުބޭއްވޭނެ ކަމަށާއި އެ ޖަލްސާގައި 12،000 މީހުން ބައިވެރިވި ކަމަށް ވެސް ރައީސް ޔާމީން ފެކްޝަނުން ބުނެ އެވެ.
އެ ޖަލްސާގައި 12،000 މީހުން ބައިވެރިވީ ކިހިނެއްތޯ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވަނީ، އޭނާގެ ޓްވީޓެއްގައި، ސުވާލު އުފައްދަވައިފަ އެވެ. ބޮޑު ހަރަދުކޮށް، ފައިސާ ބަހައި ފުލުހުންނާއި ސިފައިންނާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް ބޭނުންކުރުމުގެ އިތުރުން 13 ފްލައިޓް ޗާޓަރުކޮށްގެން ވެސް އަސްލު އަދަދަކީ 3،500 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ފުރުސަތެއް ދީފި ނަމަ، "އަސްލު އަދަދު" ދައްކާލާނެ ކަމަށެވެ.
އަލީ ޒާހިރުގެ ވާހަކަ އަށް ތާއީދުކުރައްވައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ޖަލްސާ ބާއްވަން ފުރުސަތު ދޭން ސަރުކާރު ޖެހިލުންވާ ކަމަށެވެ. ކުޑަ ފުރުސަތެއް ދިނަސް މުޅި ދުނިޔޭގެ ކުރިމަތީގައި ރައީސް ޔާމީންގެ ސަރުކާރުގެ ސައިޒު ހާމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ޖަލްސާ ބޭއްވީ ހުރިހާ މުއައްސަސާއެއް "މުށުތެރެއަށް ލައި" ރައްޔިތުންނަށް މަޖުބޫރުކޮށްގެން ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ.
"ހުރިހާ ބާރުތަކެއް ނިގުޅައިގަނެ ވާދަވެރި ސިޔާސީ ނިޒާމް ނައްތާލައި މަޖުބޫރުކޮށްގެން ޖަލްސާ އަށް މީހުން ގެންދިޔައީ. އިދިކޮޅު ފަރާތްތަކުން ސިޔާސީ ހަރަކާތް ހިންގިޔަކަ ނުދޭ ކުޑަ ފުރުސަތެއް ދިނަސް ސަރުކާރުގެ ސައިޒު ދުނިޔެ އަށް ހާމަވާނެތީ،" ޝިފާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް މަޖުބޫރުކުރުމުގެ އިތުރުން މުޅި ޖަލްސާ އިން ފެނުނީ ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރި މަންޒަރެވެ. އެކަމަކު އެ މައްސަލަ ބަލާނެ މުއައްސަސާއެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"ދައުލަތުގެ މުވައްޒަފުންނާއި ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކުރީ. ފާރަވެރިވާން ޖެހޭ މުއައްސަސާތަކުން ފާރަވެރިއެއް ނުވޭ. މި އިހުމާލަށް ޖަވާބުދާރީ ކުރުވޭނެ ދުވަހެއް އަންނާނެ،" ޝިފާޒް ވިދާޅުވި އެވެ.
ރައީސް ޔާމީން ފެކްޝަނުގެ ޖަލްސާ އަށް ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު ގެނައީ ދެ ކޮޅު ޓިކެޓާއި މާލޭގައި ހުރުމުގެ ހަރަދު ދީގެންނެވެ. ބައެއް މީހުންނަށް 500ރ. ދީފައިވާއިރު އަނެއް ބަޔަަކަށް 300ރ. ދީފައިވެ އެވެ. މިއީ، ޖަލްސާ އަށް އައި މީހުން ބިކަވިޔަ ނުދޭން ކަމަށް ސަރުކާރުގެ އޮފިޝަލަކު ޓުވިޓާގައި ވަނީ ވިދާޅުވެފަ އެވެ.