06 ޖެނުއަރީ 2021 - 21:47

މާފުށީ ޖަލަށް ބޭރުން ބަޔަކު ވަތް ކަމުގެ މައުލޫމާތު ލިބިގެން އެތަން ކުއްލި ހާލަތަށް މިރޭ ގެނެސްފައިވާ ކަމަށް ޕްރިޒަންސް ކޮމިޝަނަރު އަހްމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި މިގޮތަށް ވިދާޅުވީ ޖަލުން ގައިދީންތަކެއް ފިލައިގެން އުޅޭ ކަމުގެ އަޑު ފެތުރިފައި ވަނިކޮށެވެ. އެކަމަކު އެ ވާހަކަ ދޮގުކުރައްވަމުން ކޮމިޝަނަރު ވިދާޅުވީ އެއްވެސް ގައިދީއަކު ޖަލުން ނުފިލާ ކަމުގެ ކަށަވަރުކަން ދެއްވާ ކަމަށެވެ.
ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ވަނީ މާފުށީ ޖަލު ބަލައި ފާސްކޮށްފަ އެވެ. ގައިދީން ހަމައަށް ތިބި ކަމަށް ކަރެކްޝަންސްއާ ހަވާލާދީ ފުލުހުން ވެސް ބުންޏެވެ.
ޖަލަށް ބަޔަކު ވަތް ކަމަށް ބެލެވިގެން ކުއްލި ހާލަތަށް ގެނެސްފައިވާއިރު އެތަނަކީ ސީސީޓީވީ ކެމެރާތައް ހަރުކޮށް، ސިކިއުރިޓީ ވަރުގަދަ ތަނެކެވެ. އެހެންވިޔަސް ޖަލަށް މަނާތަކެތި ވެސް ވައްދައި ހަދަ އެވެ. ޖަލު ބަލައި ފާސްކުރާ އިރު ބައެއް ފަހަރަށް ގިނަ އަދަދެއްގެ ފޯނާއި އިލެކްޓްރޯނިކް ސާމާނު އަތުލައިގަނެ އެވެ.
އެހެން ޖަލުތަކެކޭ އެއްގޮތަށް މާފުށީ ޖަލުގައި ވެސް ޖާގައަށް ވުރެން އިތުރަށް ގައިދީން އެބަތިއްބެވެ. މި މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.