ކޮވިޑަށް ޕޮޒިޓިވްވެ ކުރީގެ ފަނޑިޔާރު މުޖްތާޒް ހާލުދެރަ
ކޮވިޑަށް ޕޮޒިޓިވްވެ ކުރީގެ ފަނޑިޔާރު މުޖްތާޒް ހާލުދެރަ

ޝަރުއީ ދާއިރާގައި އެތައް އަހަރެއް ހޭދަކުރައްވާފައިވާ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހާލުކޮޅު ދެރަވެއްޖެ އެވެ.

ލ. ގަމު ހޮސްޕިޓަލުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ރޯގާ ޖެހިގެން މުޖުތާޒް ހޮސްޕިޓަލަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އަދި މުޖުތާޒް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ހޮސްޕިޓަލުގައި އެޑްމިޓްކުރި ކަމަށާއި އިއްޔެ ހާލުކޮޅު ގޯސްވީ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

"ފުރަތަމަ ހުރީ ހަމަ ވަރަށް ރަނގަޅަށް. ނަމަވެސް އިއްޔެ ކުއްލިއަކަށް ނޭވާއަށް އުނދަގޫވެ ހާލު ދެރަވާން ފެށީ،" އޭނާ ވިދާޅުވި އެވެ.

އެހެންވެ ގަމު ހޮސްޕިޓަލުން މިއަދު ވަނީ މުޖުތާޒް ވެންޓިލޭޓަރު ގުޅައި މާލެ ފުރުވާލައިފަ އެވެ. މިހާރު އެމަނިކުފާނަށް ފަރުވާ ދެމުން އަންނަނީ ކޮވިޑްގެ ބަލި މީހުންނަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ހާއްސަކޮށްފައިވާ ފެސިލިޓީގަ އެވެ. ނަމަވެސް މިހާރު އޮންނެވީ ވެންޓިލޭޓަރަކު ނޫނެވެ.

މުޖްތާޒު ގަމަށް ވަޑައިގެން ހުންނެވި ސަބަބެއް ނޭނގެ އެވެ.

މުޖުތާޒަކީ ސެޕްޓެމްބަރު 18، 2008 އިން އޮގަސްޓް 10، 2010 އާ ހަމަޔަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ މިހާރު ހުންނަނީ ފަނޑިޔާރު ކަމުން ރިޓަޔާ ކުރައްވައިފަ އެވެ.