ޖިހާދު ފުރުން މަނާކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި
ޖިހާދު ފުރުން މަނާކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން، އެމަނިކުފާނު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުން މަނާކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ޖިހާދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ކުރަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނަވައިގެން ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވި މައްސަލާގަ އެވެ.

އެ މައްސަލާގައި ދައުވާކޮށް، ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދެއްވުމަށް ޖިހާދު ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތެވެ. އެކަމަކު ދައުލަތުން އެކަމަށް ދެކޮޅު ހެދި އެވެ. އަދި ކޯޓުން ވެސް މިދިޔަ މަހު ނިންމީ އޭނާއަށް ފުރާވަޑައިގަތުމުގެ ހުއްދަ ނުދިނުމަށެވެ.

އެ މައްސަލަ ޖިހާދުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލާގެ އަޑުއެހުންތައް މާދަމާ ފަށަން ހައި ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.