06 ޖެނުއަރީ 2021 - 18:14

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ފުރުސަތު ހުޅުވާލައި، ލަސްނުކޮށް އިންތިޚާބު ބާއްވަން ޕީޕީއެމާއި ޕީއެންސީން މިއަދު ގޮވާލައިފި އެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސަރުކާރާއި ރައްޔިތުންގެ މަޖިލީސް ގުޅިގެން ގާނޫނުއަސާސީގެ 170 ވަނަ މާއްދާއިން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ލިބިދީފައިވާ ބާރުތައް ނިގުޅައިގަނެފައިވާ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު މެދުވެރިކޮށް ތަޅު އަޅުވައިގެން އުޅެނީ ކައުންސިލްތަކަށް ވެސް ނުފޫޒް ގޮތަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ބޭނުންކޮށް ރައްޔިތުން ރަށު ބަންދުކޮށްފައި ތިބި ނަމަވެސް ސަރުކާރާއި ސަރުކާރަށް ނިސްބަތްވާ ސިޔާސީ ބޭފުޅުންނާއި ޕްރޮޖެކްޓުތައް ހިންގުމުގެ ނަމުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހިމެނޭ ގޮތައް ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކޮށް ރަސްމިއްޔާތުތައް ބާއްވަމުން އަންނަ ކަމަށް އިދިކޮޅުން ބުންޏެވެ. އަދި ދައުލަތުގެ ވަސީލަތްތަކާއި ތަކެތި ބޭނުންކޮށްގެން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ކުރަމުންދާތީ ކަންބޮޑުވާ ކަމަށް ވެސް އިދިކޮޅު ދެ ޕާޓީން ބުންޏެވެ.
"...ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސް ކަމަށްވާ އިންތިހާބުގައި ސަރުކާރުން ބަނޑުއަޅައިގެން ހުދުމުހުތާރުކަމާ އެކު ރައްޔިތުންގެ މައްޗަށް ކުރަމުން ގެންދާ ވެރިކަން ނިންމުމަކަށް ގެނައުމަށް ދިވެހި ރައްޔިތުން މިއަދު ބޭނުންވޭ. ރައްޔިތުންގެ ތާއީދު މި ސަރުކާރަށް ނެތް ކަން ވޯޓު ފޮށިން ދެއްކުމަށް ދިވެހި ރައްޔިތުން ތިބީ ކެތްމަދުވެފައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސަރުކާރާއި އެމްޑީޕީން ކުރަމުން ގެންދާ ކެމްޕެއިން ދަތުރުތަކެކޭ އެއްގޮތަށް އިދިކޮޅު ކޯލިޝަންގެ މެންބަރުންނަށް ވެސް ދަތުރުތައް ކުރުމަށް ފުރުސަތު ދިނުމަށް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ. އަދި ކެމްޕެއިން ނުކުރެވޭ ތަޅުތައް ނައްޓައި، އިންތިހާބު އަވަސް ކުރަން ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ވެސް އިދިކޮޅު ފަރާތްތަކުން ގޮވާލި އެވެ.
އިންތިހާބު ކުރިން ބާއްވަން އޮތް މާޗު ތިނެއްގައި ނުބޭއްވޭނެ ކަމަށް އީސީން ނިންމީ އިއްޔެއާ ހަމަޔަށް ވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލުމުންނެވެ. އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައިވާ ގޮތުން ކައުންސިލް އިންތިހާބު ބޭއްވޭނީ އެ ހާލަތު ނިމުމަކަށް ގެނެސްގެނެވެ.
މި މައްސަލަ ހައްލުކޮށް އިންތިހާބު އަވަސް ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ. އަދި ސަރުކާރުން ވެސް މިހާރު އަންނަނީ އެ ގާނޫނަށް އިސްލާހެއް ހުށަހެޅުމަށް ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.