އިންތިހާބު ލަސްވާ މައްސަލަ ހައްލު ކުރަން އާ އިސްލާހެއް ހުށަހަޅަނީ
އިންތިހާބު ލަސްވާ މައްސަލަ ހައްލު ކުރަން އާ އިސްލާހެއް ހުށަހަޅަނީ

ކޮވިޑް-19އާ ހެދި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ހެދި އިލެކްޝަންސް ކޮމިޝަނުން ތާވަލްކުރި ތާރީޚުގައި ނުބޭއްވި އަނެއްކާވެސް ލަސްވެފައިވާ އިންތިޚާބު އަވަސްކުރަން އާ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މެއި، 10، 2020އި ފާސް ކުރި ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައި ބުނާ ގޮތުން އިންތިހާބު ބޭއްވޭނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިގެނެވެ. އަދި އަމަލު ކުރަން ފަށާތާ އަހަރެއް ތެރޭގައި އިންތިހާބު ބާއްވަން ވެސް އެ ގާނޫނުން ލާޒިމް ކުރެ އެވެ. މި ގާނޫނުގެ ދަށުން އީސީން ނިންމީ މާޗް މަހުގެ ތެރޭގައި އިންތިޚާބު ބާއްވާށެވެ.

އެކަމަކު ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލާތީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަނީ އިންތިހާބު ބާއްވަން ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

އެ މައްސަލައަށް އިޝާރާތް ކުރައްވައި ރިއްފަތު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ގާނޫނީ ބައެއް ހުރަސްތަކަށް ހައްލު ހޯދުމަށް ހާއްސަ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމާ ބެހޭ ބިލެއް ސަރުކާރުން އެކުލަވާލައި، ވީހާވެސް އަވަހަކަށް ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހަޅުއްވާނެ ކަމަށް ރިއްފަތު ވިދާޅުވި އެވެ.

އިންތިހާބު ބޭއްވުމުގައި ދިމާވެފައިވާ ގާނޫނީ ގޮންޖެހުންތައް ހައްލުކުރަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވެސް އަންނަނީ ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަޝްވަރާ ކުރަމުންނެވެ. ނަމަވެސް އެ ޖަލްސާ ބާއްވާނެ ތާރީހެއް އަދި ނުނިންމަ އެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް އީސީން ފުރަތަމަ ނިންމީ މާޗް 3ގަ އެވެ. ނަމަވެސް މިމަހު ފަސް ވަނަ ދުވަހާ ހަމަޔަށް ވެސް ކުއްލި ހާލަތު ނިމުމަކަށް ގެނެސްފައި ނުވާތީ އީސީން މިހާރު ތައްޔާރުވަމުން އަންނަނީ އެޕްރީލް، 3 ގައި އިންތިޚާބު ބާއްވާށެވެ.