އައިލެންޑް އޭވިއޭޝަންގެ އެމްޑީއަކަށް މިހާދު ހަމަޖައްސަނީ
އައިލެންޑް އޭވިއޭޝަންގެ އެމްޑީއަކަށް މިހާދު ހަމަޖައްސަނީ

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު މިހާދު އައްޔަނު ކުރަން ރައީސް އޮފީހުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ހުށަހަޅައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީސީބީން މިހާދު ނަން މިހާރު އަންނަނީ އިވެލުއޭޓް ކުރަމުންނެވެ. އިވެލުއޭޝަން ޕްރޮސެސް އަށް ފަހު އެ މަގާމަށް އައްޔަނު ކުރަން ރަސްމީކޮށް ނިންމާނީ ޕީސީބީގެ ބޯޑުންނެވެ.

މިހާދު އައިލެންޑް އޭވިއޭޝަންގެ އެމްޑީ ކަމަށް އަައްޔަނުކުރައްވަން ނިންމާފައިވަނީ އެ މަގާމުގައި ހުންނެވި މުހައްމަދު ރިޒްވީ އެ މަގާމުން ވަކިކޮށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރުމަށް ޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕީސީބީއަށް ނަން ފޮނުއްވުމާ ގުޅިގެންނެވެ. ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ނަމުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުންފުންޏެއް އުފައްދާފައިވަނީ ވިޔަފާރީގެ އުސޫލުން އެއާޕޯޓުތައް ހިންގައި، އެ އެއާޕޯޓުތައް ދެމެހެއްޓެނިވި ގޮތުގައި ތަރައްގީކުރުމަށެވެ. ރިވްޒީ އައިލެންޑް އޭވިއޭޝަންގެ އެމްޑީ ކަމުގެ މަގާމުން ވަކި ކުރައްވަން ނިންމެވީ އޭނާގެ ގާބިލްކަމާ މެދު ފާޑުކިޔުން ބޮޑުވެފައި އޮތް ދަނޑިވަޅެއްގަ އެވެ.

މިހާދު ވަނީ މީގެ ކުރިން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުކަން 2008 އިން 2012 އަށް ފުރުއްވާފަ އެވެ. މިހާރު އޭނާ ހުންނެވީ އެމްއޭސީއެލްގެ ބޯޑު މެންބަރެއްގެ ގޮތުގަ އެވެ. މީގެ އިތުރުން އޭނާ ވަނީ ފިނޭންސް މިނިސްޓްރީގެ އިސް މަގާމުތައް ވެސް ފުރުއްވާފަ އެވެ.