06 ޖެނުއަރީ 2021 - 14:01

ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ބުނެފި އެވެ.
މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަޒީމާ އަހުމަދު "މިހާރު" އަށް ވިދާޅުވީ ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކޮށް، ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވަކިން ހާއްސަކޮށް ވައި ގަދަ ވާނެ ކަމަށް ވިދާޅުވި އެވެ.
"ދެކުނުގެ އަތޮޅުތަކަށް މިއަދު 10-20 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ބެލެވޭ. މާދަމާ ވެސް އެ ސަރަހައްދަށް މޫސުން ގޯސް ވާނެ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާ އިރު ބޮޑަށް ވިއްސާރަކުރާނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ކަމަށް މެޓް އޮފީހުން ބުންޏެވެ. އެ ސަރަހައްދުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވެ އެވެ. އަދި ދެކުނުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާ އިން ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ ވިލާގަނޑުގައި 35 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް ކަނޑު ގަދަ ވާނެ ކަމަށާއި އަދި އެހެން ސަރަހައްދުތަކަށް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ފަސް ފޫޓު ހުރުން އެކަށީގެންވެ އެވެ.
މި ދުވަސްވަރު ވިއްސާރަ ކުރާތީ، މޫސުމަށް ހާއްސަ ސަމާލުކަމެއް ދޭނެ އެ އިދާރާ އިން ވަނީ އެދިފަ އެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެހެން އަހަރުތަކަށް ވުރެ މި އަހަރުގެ ޖެނުއަރީގައި ހއ. އިން އދ. އަތޮޅާ ދެމެދު ވާރޭ ވެހޭ ވަރު އިތުރުވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެވްރެޖް ހޫނުމިނަށް ވުރެ މި މަސް ހޫނު ވާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.