06 ޖެނުއަރީ 2021 - 13:17

ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭ ޚާއްސަ ގާނޫނު އިސްލާހުކޮށްފި ނަމަ އަންނަ އެޕްރީލް 3ގައި އިންތިޚާބު ބޭއްވިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ފެތުރޭތީ އިންތިޚާބު ފަސްކޮށް މިދިޔަ އަހަރު ފާސްކުރި ޚާއްސަ ގާނޫނުގައި ބުނެފައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފަށާތާ އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭ ކަމަށެވެ. އެކަމަކު އިންތިޚާބާ ބެހޭ އެއްވެސް މަސައްކަތެއް ރަސްމީކޮށް ފެށޭނީ ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.
ފުރަތަމަ ކަނޑައެޅީ މާޗްގައި އިންތިހާބު ބާއްވާށެވެ. އެކަަމަކު އެ ތާރީޚުގައި ބޭއްވޭނީ އިއްޔެގެ ނިޔަލަށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިގެން ކަމަށް އީސީން ބުނަމުން އަންނަނިކޮށް އެޗްޕީއޭ އިން ވަނީ އެއްމަސް ދުވަހަށް ނުރައްކަލުގެ ހާލަތު ދަންމައިފަ އެވެ. އެހެންވެ އިންތިޚާބު ލަސްކުރަން މަޖުބޫރުވީ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ދައުލަތުގެ މީޑިއާގައި ވިދާޅުވީ އިންތިޚާބާ ބެހޭ ޚާއްސަ ގާނޫނަށް އިސްލާހުތަކެއް އެ ކޮމިޝަނުން ހުށަހަޅާނެ ކަމަށެވެ. އެ އިސްލާހުތައް މަޖިލީހުން އަވަހަށް ފާސްކޮށްފި ނަމަ އިންތިޚާބު ރޯދައިގެ ކުރިން ބާއްވަން މަދުވެގެން 60 ދުވަހުގެ މުއްދަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށް ޚާއްސަ ގާނޫނުގައި އޮތް އޮތުން ބަދަލުކޮށް ތާރީޚެއް ކަނޑައެޅުން އިލެކްޝަނަށް ބާރުދޭން ހުށަހަޅާނެ އެވެ. އޭގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމުގެ ހުއްދަ ލިބެން ޖެހޭނެ ކަމަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.
"ކޮމިޝަނުގެ މެމްބަރުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ނިންމުނީ އެންމެ ލަސްވެގެން ޖެނުއަރީ މަހުގެ ތެރޭގައި ގާނޫނު އިސްލާހުވެގެންނޭ އިންތިޚާބު ބޭއްވޭނީ 3 އެޕްރީލްގައި،" ޝަރީފް ވިދާޅުވި އެވެ.
ގާނޫނު އިސްލާހު ހުށަހަޅަން އީސީން ނިންމާފައިވާއިރު ރައްޔިތުންގެ މަޖިލީހުން އަންނަނީ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.
ކައުންސިލް އިންތިޚާބަށް 4،172 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވެ އެވެ. މިހާތަނަށް 130 އަށް ވުރެ ގިނަ ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ނަގައިފަ އެވެ.