06 ޖެނުއަރީ 2021 - 12:46

ނިއު ދިއްލީ (ޖެނުއަރީ 6) - އިންޑިއާގައި އުފެއްދި ކޮރޯނާވައިރަހުގެ ވެކްސިން ވަރަށް އަވަހަށް އެކްސްޕޯޓް ކުރަން ފަށާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އަށް ބޭނުންވާ ވަރަށް ވެކްސިން އުފެއްދުމަށްޓަކައި، ވެކްސިން އެކްސްޕޯޓް ކުރުން މަނާކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އޮފިޝަލް ވަނީ ދޮގުކޮށްފަ އެވެ.
ދުނިޔޭގައި އުފައްދާ ވެކްސިންގެ 60 ޕަސެންޓް އުފައްދަނީ އިންޑިއާ އިންނެވެ. އެހެންވެ ގިނަ ގައުމުތަކުން އިންތިޒާރު ކުރަމުން ދަނީ އިންޑިއާ އިން ވެކްސިން އެކްސްޕޯޓް ކުރަން ފަށާނެ ވަގުތަކަށެވެ.
އިންޑިއާ އިން މިހާރު ވަނީ އޮކްސްފޯޑާއި އެސްޓްރަޒެނިކާ ގުޅިގެން އުފެއްދި ވެކްސިނާއި ބާރަތު ބަޔޯޓެކް އިން އުފެއްދި ކޮވެކްސިނަށް ހުއްދަ ދީފަ އެވެ. އޮކްސްފޯޑުގެ ވެކްސިން އިންޑިއާގެ ސީރިއަމް އިންސްޓްޓިއުޓުން އުފައްދަނީ ކޮވިޝީލްޑުގެ ނަމުގަ އެވެ.
އިންޑިއާގައި ވެކްސިން ދޭން މި މަހު ފަށަން ވަނީ ތައްޔާރުވެފަ އެވެ. އިންޑިއާ އިން އަމާޒު ހިފާފައި ވަނީ ޖުލައި މަހުގެ ނިޔަލަށް 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވީ އިންޑިއާ އިން އެހެން ގައުމުތަކަށް އެހީވުމުގެ ޕްލޭން އޮތީ ކުރިއަށް ކަމަށެވެ.
"އިންޑިއާގައި ވެކްސިން ދޭން ފަށާތާ ދެ ހަފުތާއެއްހާ ދުވަސްތެރޭގައި ދެކުނު އޭޝިއާގެ ގައުމުތަކަށް ވެކްސިން އެކްސްޕޯޓް ކުރަން ފަށާނެ. އަވަށްޓެރި ގައުމުތަކަށް އެކްސްޕޯޓް ކުރާ ވެކްސިނަށް ފައިސާ ދައްކާނީ އިންޑިއާ ސަރުކާރުން. އެއީ ގައުމުތަކަށް އިންޑިއާ އިން ދޭ ހަދިޔާއެއް. އަނެއްބައި ވެކްސިން އެކްސްޕޯޓްކުރާނީ ސަރުކާރުން އެ ވެކްސިން ގަތް އަގުގައި،" ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ. "ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު ގައުމުގެ ހައިސިއްޔަތުން އިންޑިއާގެ ޒިންމާ އަދާކުރާނެ."
ފެޑެރަލް ހެލްތު ސެކްރެޓަރީ ރާޖޭޝް ބުޝާން ވިދާޅުވީ އިންޑިއާގައި ކޮވިޑް ވެކްސިން މި މަހު މެދުތެރޭ ހިސާބުގައި ދޭން ފަށާނެ ކަމަށެވެ.
"ވެކްސިނަށް ހުއްދަ ދިންތާ 10 ދުވަސް ފަހުން ވެކްސިން ދޭން ފަށާނެ" ނިއު ދިއްލީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
އިންޑިއާގައި ވެކްސިނަށް ހުއްދަ ދީފައި ވަނީ ޖެނުއަރީ 3 ވަނަ ދުވަހު އެވެ.
އޮކްސްފޯޑުގެ ވެކްސިން އިންޑިއާގައި އުފައްދާ ސީރިއަމް އިންސްޓްޓިއުޓުގެ ސީއީއޯ އަދާރު ޕޫނަވައްލާ ވިދާޅުވީ ގައުމުން ބޭރުގައި އިންޑިއާ އިން ހިންގާ އިމިއުނިޒޭޝަން ޕްރޮގްރާމުގެ ދަށުން ވެކްސިން އެކްސްޕޯޓް ކުރުމުގެ ހުއްދަ ސީރަމް އިންސްޓްޓިއުޓަށް ދީފައިވާ ކަމަށެވެ. އޭނާ ކުރިން ވިދާޅުވެފައި ވަނީ ޕްރައިވެޓް މާކެޓަށް ވެކްސިން ވިއްކުމުގެ ހުއްދަ ދީފައި ނުވާ ކަމަށެވެ.
ޕޫނަވައްލާ ވިދާޅުވީ ސީރަމްގެ ވެކްސިން އިންޑިއާ ސަރުކާރަށް ވިއްކާނީ ފުރަތަމަ 100 މިލިއަން ޑޯޒް، ޑޯޒެއް 200 ރުޕީސް (2.74 ޑޮލަރު) ގެ ރޭޓުން ކަމަށެވެ. އޭގެ ފަހުން ކުޑަތަންކޮޅެއް އަގު ބޮޑުވާނެ ކަމަށެވެ.