02 ޖޫން 2016 - 13:55

ރޯދައާ ދިމާކޮށް ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ، އައްޑު އާއި ފުވައްމުލަކަށް އިތުރު ދަތުރުތަކެއް ކުރަމުން އަންނަ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.
ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ އައްޑު އާއި ފުވައްމުލަކަށް ދަތުރުކުރާ މީހުން އިތުރުވާ ވަރަށް ބަލާފައި ފްލައިޓްތައް އިތުރުކުރަމުން އަންނަ ކަމަށެވެ.
"ކޮންމެ ފްލައިޓެއްގެ ލޯޑު ވަރަށް ފުލްކޮށް އުޅެނީ. އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ބުކިން ހަދާ ނަމަ އަޅުގަނޑުމެންނަށް ފަސޭހަވާނެ އިތުރު ދަތުރުތައް ހަމަޖައްސަން. އެންމެ ފަހު ވަގުތު އެއްފަހަރާ ގިނަ ބަޔަކު އައިމަ ދަތިތަކެއް އެބަ ކުރިމަތިވޭ ފުރުވާލަން،" އޭނާ ވިދާޅުވި އެވެ.
ހާރިސް ވިދާޅުވީ އެންމެ ދެކުނުގެ ދެ އަތޮޅުގެ އިތުރުން އުތުރުގެ އަތޮޅުތަކަށް ދަތުރުކުރާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
"ރޯދަ އަށް ދަތުރުކުރާ މީހުން އިތުރުވީމަ ހުރިހާ ދިމާލަކަށް ވެސް އަޅުގަނޑުމެން ފޯކަސްކުރަމުން އެބަގެންދަން. މިއީ ކޮންމެ އަހަރެއްގައި އެންމެ ބާރު ބޮޑުވާ ދުވަސްކޮޅު،" އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކާއި ތިމަރަފުއްޓަށް މިހާރު ދުވާލަކު ދެ ފްލައިޓް އަދި ގަމަށް މަދުވެގެން ފަސް ފްލައިޓް އަދި ދަރަވަންދޫ އަށް ހަތް ފްލައިޓް ރ. އިފުރަށް ހަތަރު ފްލައިޓް، ހަނިމާދު އަށް ވެސް މަދުވެގެން ފަސް ފްލައިޓް އަދި އެހެން އެއާޕޯޓްތަކަށް ވެސް މަދުވެގެން ހަތަރު ދަތުރުކުރަމުން އަންނަ އެ ކުންފުނިން ބުންޏެވެ.