06 ޖެނުއަރީ 2021 - 09:44

މާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ސްވިމިން ކޮމްޕްލެކްސް އެއް އެޅުމަށް ވިޔަފާރިވެރިންތަކެއް 50 މިލިއަން ރުފިޔާ ދޭން އެއްބަސްވެފައިވާ ކަމަށާއި ސަރުކާރުން ދީފައިވާ ބިމުގައި އެތަން ބިނާކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެފި އެވެ.

ދޮޅު އަހަރުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ މި ޕްރޮޖެކްޓާ އެކު ރާއްޖެ އަށް ފުރަތަމަ ފަހަރަށް އޮލިމްޕިކް ސައިޒުގެ ޕޫލެއް ލިބޭނެ އެވެ. މި ވަގުތު ފެތުންތެރިން ބޭނުންކުރަމުން އަންނަނީ އެޗްޑީސީން ހުޅުމާލޭގައި އަޅާފައިވާ ސްވިމިން ކޮމްޕްލެކްސް އެވެ. އެކަމަކު ކުރީ ސަރުކާރުން ތަރައްގީކުރި މި ޕޫލުގައި އެކަށީގެންވާ އަދަދަށް ލޭން ނެތުމުންނާއި ވޯމްއަޕް ޕޫލެއް ނެތުމުން ބޮޑެތި މުބާރާތްތަކަށް ބޭނުމެއް ނުކުރެވެ އެވެ.
ސްވިމިން އެސޯސިއޭޝަނުގެ ނައިބް ރައީސް އިސްމާއިލް އަލީ ވިދާޅުވީ ސަރުކާރުން ބިމެއް ހަމަޖައްސައި ދެނިކޮށް، އިންވެސްޓަރުން ހޯދައިގެން ދުނިޔޭގެ ފެންވަރުގެ ޕޫލެއް އަޅަން އެސޯސިއޭޝަނުން އައީ ކުރީއްސުރެ މަސައްކަތްކުރަމުން ކަމަށާއި މި މަސައްކަތަށް ދުވެލި ލިބުނީ މި ސަރުކާރުން ބިން ހަމަޖައްސައިދިނުމުން ކަމަށެވެ.
"ކުރީ ސަރުކާރުގައި ވެސް އަޅުގަނޑުމެން އޮންނާނީ އެދިފައި ޕޫލް އަޅާނެ ބަޔަކު އެބަތިއްބޭ ބިން ހަމަޖައްސައިދެއްވާށޭ،" އިސްމާއިލް ވިދާޅުވި އެވެ. "ކެމްޕެއިން ތެރޭގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުކުރެއްވުމުން އަޅުގަނޑުމެން ދެންނެވިން ފަންޑް އެބަހުއްޓޭ ބިމެއް ދެއްވާށޭ. އެހެންވެ ރައީސް ވެސް ވަރަށް ބޮޑަށް އެކަމަށް ޝައުގުވެރިވަޑައިގެން ބިން ހަމަޖައްސައިދެއްވާފައި އޮތީ."
ޕޫލް އަޅަން ސަރުކާރުން އެސޯސިއޭޝަނަށް ދިނީ ކުރީގެ އެއް ނަމްބަރު ކޮށި 50 އަހަރަށެވެ. ކުރެހުން ނިމި ޕްލޭނިން މިނިސްޓްރީންނާއި ސިޓީ ކައުންސިލުން ހުއްދަތައް ދިނުމާ އެކު އަންނަ މަހުގެ ތެރޭގައި މަސައްކަތް ފެށޭނެ ކަމަށް އިސްމާއިލް އުއްމީދުކުރައްވަ އެވެ. އަމާޒަކީ ލަސްވެގެން 18 މަސް ދުވަހުގެ ތެރޭގައި ކޮމްޕްލެކްސްގެ ޕޫލް ބޭނުންކުރަން ފެށުމެވެ.
ފަންޑް ހަމަޖެހިފައިވަނީ 50 މީޓަރުގެ އޮލިމްޕިކް ސައިޒުގެ ޕޫލާއި 25 މީޓަރުގެ ޓްރެއިނިން ޕޫލް އަދި ކުޅިބަލާނެ ސަރަހައްދެއް ތަރައްގީ ކުރާށެވެ. އެސޯސިއޭޝަނުން ރާވާފައި އޮތީ އިތުރު ފަންޑް ހޯދައިގެން ކޮމްޕްލެކްސް އިތުރަށް ތަރައްގީކުރާށެވެ. އެގޮތުން އެތަން ބަލަހައްޓައި މަރާމާތަށް ބޭނުންވާ ފައިސާ ލިބޭނެ ފަދަ ވަސީލަތްތަކެއް ކޮމްޕްލެކްސްގައި ގާއިމްކުރަން ވަނީ ވިސްނާފަ އެވެ.
"މިއީ ލަފާކުރެވޭ ގޮތުގައި ދިވެހި ކުޅިވަރަށް އަމިއްލަ ބަޔަކު ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓް. ފެތުންތެރިން ޑިވެލޮޕްކުރަން ޝައުގުވެރިވާ ދިވެހި ވިޔަފާރިވެރިންތަކެއްގެ އިންވެސްޓްމަންޓެއް މިއީ. މިކަމުން އިތުރު މަންފާއެއް ހޯދުމުގެ ވިސްނުމެއް އެ ބޭފުޅުންގެ ނެތް،" އިސްމާއިލް ވިދާޅުވި އެވެ.
އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލެއް އޮތުމަކީ ރާއްޖޭގައި ރަސްމީ ސިފައެއްގައި ފެތުމުގެ މުބާރާތްތައް ބާއްވަން ފެށީއްސުރެ ފެތުންތެރިން ދެކެމުން އައި ހުވަފެނެކެވެ. ގައުމީ ސްވިމިން ޓީމުގެ ފަރިތަކުރުންތަކާއި އަދި މުބާރާތްތައް ވެސް ދާދި ފަހަކާ ޖެހެންދެން ބާއްވަމުން އައީ މާލޭ ދެކުނު ފަރާތު ފަޅުތެރޭގަ އެވެ. ލޮނުގައި ފަރިތަކުރުމަށް ފަހު ޕޫލުގައި ބާއްވާ މުބާރާތްތަކުގައި ވާދަކުރަން ޖެހުމުން އޭގެ ސަބަބުން ޕާފޯމަންސަށް އަސަރުކުރެ އެވެ.
އެއަށް ވުރެ ބޮޑަށް ވެސް ފެތުންތެރިންގެ ޝަކުވާ އަކީ ކުނިބުންޏާއި ތެޔޮ އެޅި ކިލަނބުވެފައިވާ އަދި މާލޭގެ އާއްމުންނަށް ވެސް ބޭނުންކުރަން އޮންނަ ތަނެއްގައި ފަތައި މުބާރާތްތަކުގައި ވާދަކުރަން ޖެހުމެވެ. އަދި އެތަނުގައި މުބާރާތް ބާއްވާއިރު އިދާރީ ކަންކަމާއި އިނާމް ދިނުން ބާއްވަން ޖެހެނީ ރިންގްރޯޑުގެ ޕޭމަންޓްމަތީގަ އެވެ. ތަންކޮޅެއް ކުރިން ބައެއް ފެތުންތެރިން އަމިއްލަ ގޮތުން ހުޅުލޭ އައިލެންޑް ހޮޓަލުގެ ޕޫލް ތަމްރީންތައް ބޭނުންކުރި އެވެ.
ފެތުމަކީ ރާއްޖޭގައި މަތީ ފަންތީގައި ވާދަކުރާ ކުޅިވަރުތަކުގެ ތެރެއިން އެކަށީގެންވާ ވަސީލަތެއް ނުލިބޭ ހަމައެކަނި ކުޅިވަރެވެ. މީގެ އިތުރުން ފަހަކަށް ރާއްޖޭގެ ފެތުންތެރިން ބައިނަލްއަގްވާމީ މައިދާނުގައި ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު، ރަނގަޅު ފެންވަރުގެ ވަސީލަތެއް އެ އެތުލީޓުންނަށް ފުރިހަމަކޮށްދޭން ކުޅިވަރުގެ ވަރަށް ގިނަ ފަރާތްތަކުން އައީ ގޮވާލަމުންނެވެ.