06 ޖެނުއަރީ 2021 - 10:06

އަތުކުރީ ގަޑީގެ ދިވެހި ފުރަތަމަ ބްރޭންޑް ކަމަށްވާ "މޯލްޑިވްސް ވޭވް" އިން ކުރިއަށްގެންދިޔަ ބޮޑު ގިވްއަވޭގެ ނަސީބުވެރިންނާ އިނާމުތައް ހަވާލުކޮށްފި އެވެ.

ބޮޑުފެންވަޅުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ގިވްއަވޭގެ ނަސީބުވެރިންނާ އިނާމްތައް ހަވާލުކޮށްދެއްވީ މޯލްޑިވްސް ވޭވްގެ ބްރޭންޑް އެމްބެސެޑަރު ޝަލަބީ އިބްރާހީމެވެ. މިއީ އެ ކުންފުންޏަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެން ދިޔަ ގިވްއަވޭ އެކެވެ.
މި ގިވް އަވޭގައި އެއް ވަނަ އަށް ހޮވުނު މީހާ އަށް ޕްލޭސްޓޭޝަން 5ގެ ޑިސްކް ވާޝަނަކާއި އައިފޯން 12 ގެ 128 ޖީބީގެ ފޯނެއްގެ އިތުރުން މޯލްޑިވްސް ވޭވް ބޮޑުބެރު ގަޑި ސީރީސްގެ ކަޕަލް ވޮޗް އަދި 7،000 ރުފިޔާ ވަނީ ލިބިފަ އެވެ.
ދެ ވަނައަށް ހޮވުނު މީހާ އަށް ލަވާސް ޕެކޭޖެއްގެ އިތުރުން 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައިވާ އިރު ތިން ވަނަ އަށް ހޮވުނު މީހާ އަށް ލިބިފައި ވަނީ ވެލާ ސީރީސްގެ ފިރިހެން ގަޑިއަކާއި 3،000 ރުފިޔާ އެވެ.
މޯލްޑިވްސް ވޭވްގެ ސީއޯއޯ މުހައްމަދު ޒާޖި އިސްމާއިލް ވިދާޅުވީ ގިވްއަވޭ ވީހާ ވެސް ހަމަހަމަކޮށް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުނީގެ އެއްވެސް މުވައްޒަފަކާ ގުޅުން ހުރި މީހަކަށް މި ގިވްއަވޭގައި ބައިވެރި ނުވެވޭ ގޮތް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ގިވްއަވޭގެ ނަސީބުވެރިން ހޮވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ "އިންސްޓާ ބޮޓް" ބޭނުންކޮށްގެންނެވެ. މި ރަސްމިއްޔާތު ޓީވީއެމް މެދުވެރިކޮށް ވަނީ ވަގުތުން ދައްކާފަ އެވެ.