"ޕްރޮޖެކްޓް ރަންވޭ" މެދުއިރުމައްޗަށް
"ޕްރޮޖެކްޓް ރަންވޭ" މެދުއިރުމައްޗަށް

އެމެރިކާގެ ފެޝަން ޑިޒައިން ސީރީޒް، ޕްރޮޖެކްޓް ރަންވޭ އަކީ މުޅި ދުނިޔެއަށް މަޝްހޫރު ރިއަލިޓީ ޓީވީ ކޮމްޕެޓިޝަނެކެވެ. ސުޕަ މޮޑެލް ހައިޑީ ކްލުމް ހުށަހަޅައިދޭ މި ސީރީޒް ގިނަ ބައެއްގެ ސަމާލުކަން ހޯދައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފެޝަން ޑިޒައިނަރުންނަށް ހިތްވަރު ލިބޭ ސީރީޒަކަށް ވި އެވެ. މެދުއިރުމަތީގެ ގައުމުތަކަށް ހާއްސަކޮށްގެން ޕްރޮޖެކްޓް ރަންވޭ ސީރީޒް މިހާރު ވަނީ ފަށައިފަ އެވެ. ދުބާއީގެ މަޝްހޫރު ދުބާއީ ޑިޒައިން ޑިސްޓްރިކްޓްގައި މި ސީރީޒްގެ ލޯންޗިން ހަފުލާ ވަރަށް ކުލަ ގަދަކޮށް މި މަހު ވަނީ ބާއްވައިފަ އެވެ.

"ޕްރޮޖެކްޓް ރަންވޭ" މެދުއިރުމައްޗަށް
"ޕްރޮޖެކްޓް ރަންވޭ" މެދުއިރުމައްޗަށް

"ޕްރޮޖެކްޓް ރަންވޭ މިޑްލްއީސްޓް"ގެ ނަމުން ފެށި ސީރީޒް މެދުއިރުމައްޗަށް ނިސްބަތްވާ 20 ތަނެއްގައި ދައްކާނެ އެވެ. އަދި މެދުއިރުމަތީގެ އެކި ގައުމުތަކުން 15 މީހަކު ބައިވެރިވާނެ އެވެ. ބައިވެރިން ހުށަހަޅައިދޭ ފަރުމާކުރުންތަކަށް އިންސާފުކުރާނީ މަޝްހޫރު ޑިޒައިނާ އެލީ ސާބް، އެކްޓްރެސް އަފެފް ޖިނިފެން އެވެ. އަދި ކޮންމެ އެޕިސޯޑަކަށް ހާއްސަ ޖަޖެއް ހުންނާނެ އެވެ. ހައިޑީ ކްލުމް ގޮތަށް މި ސީރީޒް ޕްރެޒެންޓު ކުރާނީ ލުބްނާނުގެ ސުޕަ މޮޑެލް ޖެސިކާ ކަވަހަތީ އެވެ.

ލުބްނާނަށް ނިސްބަތްވާ މަޝްހޫރު ފެޝަން ޑިޒައިނާ އެލީ ސާބް، ހެލީ ބެރީ އަދި ޝާލީޒް ތެރޮން ފަދަ ހޮލީވުޑް ތަރިންނަށް އޮސްކާ ގައުންސް ފަރުމާކޮށްދެ އެވެ.

"ކުރީ ޒަމާނުގައި މި ސަރަހައްދުގައި ފެޝަން ސްކޫލްތަކާއި ކްލާސްތަކެއް ނުހުންނާނެ. މި ޕްރޮގްރާމްގެ ޒަރިއްޔާއިން މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް އިތުރު ފުރުސަތުތައް ހޯދައިދޭން ބޭނުން. އަދި އަހަރެން މިދާއިރާގައި ކުރިމަތިލާން ޖެހުނު ގޮންޖެހުންތައް އަންނަން އޮތް ޖީލަށް ކުރިމަތިލާން ނުޖެހޭ ގޮތަކަށް މަގު ފަހި ކޮށްދޭން ބޭނުންވޭ،" އެލީ ސާބް ބުންޏެވެ.

ފަހަކަށް އައިސް މެދުއިރުމަތީގެ ގައުމުތަކުން ފެޝަން ދާއިރާ އާއި ފެޝަނާ ގުޅުން ހުރި ހުރިހާ ކަމަކަށް ބޮޑު ސަމާލުކަމެއް ދޭން ވަނީ ފަށައިފަ އެވެ. މެދުއިރުމަތީގެ ގައުމުތަކަށްް ވޯގް އެރޭބިއާ ލޯންޗު ކުރުމަކީ މިއަހަރުގެ އެންމެ ހާއްސަ ކަމެވެ. އަދި ޕްރޮޖެކްޓް ރަންވޭ ފަދަ ސީރީޒްތަކުގެ ސަބަބުން މެދުއިރުމަތީގެ ފެޝަން ޑިޒައިނަރުންނާއި ސްޓައިލިސްޓުންގެ ހުނަރު ދުނިޔެއަށް ދައްކާލެވޭނެ އެވެ.