05 ޖެނުއަރީ 2021 - 17:52

އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫގައި ހިންގާ ފްލައިން ސްކޫލުގެ ދަރިވަރުންނަށް ބުލީކޮށް، ފުރައްސާކުރާ މައްސަލަ އެ ދަރިވަރުންގެ ފަރާތުން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން އެ މައްސަލަ ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅައިފި އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ދަރިވަރުން ޓްރާންސްޕޯޓަށް ފޮނުވި ސިޓީއެއްގައި ސަމާލުކަމަށް ގެނައި މި މައްސަލަތައް ހުށަހެޅުމާ އެކު އެ މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.
"އައްޑޫ ސިޓީގައި ހިންގަމުން ގެންދާ ފްލައިން ސްކޫލް "އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް"ގައި ކިޔަވާ ކުދިންގެ ކަންބޮޑުވުމާއި ޝަކުވާ ހިމެނޭ ސިޓީއެއް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މި މިނިސްޓްރީއާ ވަނީ ހިއްސާ ކޮށްފައި،" ޖެންޑާ މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވެ އެވެ.
އޭއޭއޭ ގައި ކިޔަވާ ދަރިވަރުންނާ މެދު އެ ސްކޫލުގެ މެނޭޖުމެންޓުން ކަންތައް ކުރާ ގޮތާ ގުޅިގެން މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އެ ތަނުގެ ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ކޯހުގެ މުއްދަތު އިތުރު ކުރުމާއި ދަރިވަރުންގެ އަތުން ބޮޑު ފީ ނެގުމާއި އިމްތިހާނު ފުރިހަމަ ކުރުމަށް ފަހު، އުދުހުމުގެ ފުރުސަތު ނުލިބުން ހިމެނެ އެވެ. މި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ޓީމެއް ވެސް މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ވަނީ އައްޑު އަށް ދަތުރުކޮށްފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެންމެ ފަހުން އޭއޭއޭގެ ދަރިވަރުން ފޮނުވި ސިޓީގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ ސްކޫލް ފީ ދެއްކުމުގައި ދިމާވެފައިވާ އުނދަގޫތަކެވެ. އެ ސިޓީގައި އެ ދަރިވަރުން ހިމަނާފައި ވަނީ ސްކޫލް ފީ ދައްކަން ޖެހެނީ ޑޮލަރުން ކަމަށާއި ރުފިޔާ އިން ދައްކާ ނަމަ ދައްކަން ޖެހެނީ އޭއޭއޭ އިން ކަނޑައަޅާފައިވާ ރޭޓާ އެއްގޮތަށް ކަމަށެވެ. މިއީ މޮނިޓަރިން ގާނޫނާ ހިލާފު ކަމެއް ކަމަށް އެ ދަރިވަރުން ވަނީ ފާހަގަކޮށްފަ އެވެ.
މީގެ ކުރިން، ކޯހުގެ ފީ ރުފިޔާ އިން ދައްކަން ދަރިވަރުން އެދުމުން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އޭއޭއޭ އާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ސަބަބުން، އެ ފައިސާ ޑޮލަރުގެ ގޮތުގައި ކޮލެޖަށް ލިބެ އެވެ. ނަމަވެސް އެ ގޮތަށް އެދުމުން ބޭންކުން އެ ރިކުއެސްޓް މިހާރު ޕްރޮސެސް ނުކުރާ ކަމަށް އެ ސްކޫލުގައި ކިޔަވާ ދަރިވަރަކު ނަން ނުޖަހާ ގޮތަށް ކިޔައި ދިނެވެ.
ބެލެވެނީ އެއީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރި ނޭދެވޭ އަސަރާ އެކު ޑޮލަރު ދޫކުރުން ބީއެމްއެލް އިިން ކޮންޓްރޯލް ކުރުމުން ކުރިމަތިވި ކަމެއް ކަމަށެވެ. ޑޮލަރުން ފީ ނަގަން ކޮލެޖަށް މިނިސްޓްރީން މަނާކުރި ނަމަވެސް މިކަމަށް އަދިވެސް ހައްލެއް ނުލިބޭ ކަމަށް އެ ދަރިވަރު ބުންޏެވެ.
އޭއޭއޭގެ ދަރިވަރުން ޓްރާންސްޕޯޓް މިނިސްޓްރީއަށް އެންމެ ފަހުން ސިޓީއެއް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހެވެ.
މި މައްސަލަތަކަށް ހައްލެއް ނުލިބި ގިނަ ދުވަހަށް ދެމިގެން ދިއުމަކީ ވެސް އެ ސްކޫލުގައި ކިޔަވާ ދަރިވަރުން ކަންބޮޑުވާ އިތުރުކަމެކެވެ.