05 ޖެނުއަރީ 2021 - 14:50

ތެހެރާން (ޖެނުއަރީ 5) - އީރާނުން ހިފެހެއްޓި ޓޭންކަރު ދޫކޮށްލާތޯ ސައުތު ކޮރެއާ އިން މަސައްކަތް ފަށައިފި އެވެ.
އެމްޓީ ހަންކުކް ޗެމީ ޓޭންކަރުގެ 20 ފަޅުވެރިންނާ އެކު އީރާނުން ހިފަހައްޓާފައި ވަނީ ހޮރްމޫޒް ކަނޑުއޮޅިންނެވެ. އީރާނުން ބުނެފައި ވަނީ ޓޭންކަރު ހިފަހައްޓާފައި ވަނީ ތިމާވެށީގެ ގަވާއިދުތަކާ ޚިލާފުވެގެން ކަމަށެވެ. ޓޭންކަރުގައި ތިބީ އިންޑޮނީޝިއާ، މިއަންމާ، ސައުތު ކޮރެއާ އަދި ވިއެޓްނާމުގެ ފަޅުވެރިންނެވެ.
އީރާނުގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ޓޭންކަރު ހިފެހެއްޓީ ކަނޑަށް ކެމިކަލް އެޅުމުން ކަމަށެވެ.
ސައުތު ކޮރެއާގެ ޓޭންކަރެއް އީރާނުން ހިފަހައްޓާފައި ވަނީ ކޮރެއާގެ ބޭންކްތަކުގައި ހުރި އީރާނުގެ ފައިސާ ހިފަހައްޓާފައިވާ ދުވަސްވަރެއްގަ އެވެ. ސައުތު ކޮރެއާ އިން އެ ފައިސާ ހިފަހައްޓާފައި ވަނީ އެމެރިކާ އިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
ޓޭންކަރު ދޫކޮށްލާތޯ މަޝްވަރާ ކުރުމަށް ސައުތު ކޮރެއާގެ ސީނިއާ އޮފިޝަލަކު ވަރަށް އަވަހަށް އީރާނަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ސައުތު ކޮރެއާގެ ފޮރިން މިނިސްޓަރު ކަންގް ކިޔޫން ވިދާޅުވީ ޓޭންކަރު ދޫކޮށްލާތޯ، އީރާނުގެ އެމްބަސީއާ ގުޅައިގެން ޑިޕްލޮމެޓިކް މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
ސައުތު ކޮރެއާގެ ޑިފެންސް މިނިސްޓްރީން މިއަދު ބުނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރާ އެ ގައުމުގެ އުޅަނދުތަކަށް ހިމާޔަތް ދިނުމަށް އެންޓި-ޕައިރެސީ ޔުނިޓެއް ފޮނުވާފައިވާ ކަމަށެވެ.