08 ނޮވެމްބަރ 2016 - 06:05

ދިވެހި ފިލްމީ ދާއިރާގައި މާ ދިގު މާޒީއެއް ނެތަސް، މި ދާއިރާ އިން ހުނަރުވެރި އަދި އާންމުންގެ މަގުބޫލަކަން ވަރަށް ބޮޑަށް ހޯދާފައިވާ ތަރިންތަކެއް އެބަ ތިއްބެވެ. އޭރާއި މިހާރަށް ބެލިޔަސް އާންމުން ވަރަށް ބޮޑަށް ބަލައިގެންގައިވާ "ސްޓާރުން" ދިވެހި ފިލްމީ ދާއިރާގައި ވެސް އެބަ ތިއްބެވެ.
ފިލްމެއް ނުވަތަ ޑްރާމާއެއް އަދި ލަވައެއް ވިޔަސް، ގިނަ ދުވަސްތަކަކަށް އެ އުފެއްދުމެއްގެ މަތިން އާންމުން ހަނދާން ހުންނަނީ ވަރަށް ގިނަ ސަބަބުތަކެއް ހުރެގެންނެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް އަދާ ކުރާ އެކައްޗަކީ ތަރިންގެ ގުޅުމެވެ.
ފިލްމެއް ނުވަތަ ލަވައެއް ވިޔަސް، އޭގައި ލީޑް ރޯލް ކުޅޭ އެކްޓަރުންގެ ޖޯޑު ސްކްރީނުން ބަލާލަން ކަމުގޮސްފި ނަމަ، އެއީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު އަދި ތަކުރާރުކޮށް އެތައް ފަހަރަކު ވެސް ބަލާލަން ބޭނުންވާ ޖޯޑަކަށްވެ އެވެ.
މި ފަހަރު އެކަހަލަ ޖާދުވީ ބައެއް ޖޯޑުތަކަށް ބަލާލުން ކިހިނެއް ވާނެ ބާވަ އެވެ؟
ފިލްމީ ދާއިރާގެ ފެށިގެން އައިތާ ވަރަށް ކުރީކޮޅު އާންމުންގެ މެދުގައި އެންމެ މަގުބޫލުވި ޖޯޑަކީ މުހައްމަދު ރަޝީދު (ދަރާ) އާއި މަރިޔަމް ރަޝީދާގެ ޖޯޑެވެ. މި ދެ މީހުން އެކުގައި ގިނަ ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ލޭކަރުނަ" އަދި "ހާލި" ފަދަ ފިލްމްތައް ފާހަގަކޮށްލެވެ އެވެ.
ހުސައިން ޝިހާބާއި މުހައްމަދު މުސްތޮފާ ހުސައިން ފަދަ ބޭބޭފުން ފިލްމް އުފެއްދެވި ދުވަސްވަރު ދަރާ އާއި ރަޝީދާ އަކީ ޑިމާންޑް ބޮޑު އަދި އާންމުން ވެސް އެކުގައި ބަލާލަން ހިތްއެދޭ ކަހަލަ ޖޯޑަކަށްވެގެން ދިޔަ އެވެ.
މިއަދު އެ މީހުންގެ ބައެއް ލަވަތަކާއި ފިލްމްތައް ބަލައިފި ނަމަ އެ ދެ މީހުންގެ ކެމިސްޓްރީގައި އާދަޔާހިލާފު ގޮތެއް ހުންނަކަން ފާހަގަ ކުރެވޭނެ އެވެ.
އަހުމަދު ނިމާލާއި ފާތުމަތު ރަޒީމާގެ ޖޯޑަކީ ވަކި އާދައިގެ ޖޯޑެއް ނޫނެވެ. މިހާރު ދެމަފިރިންގެ ގޮތުގައި ވެސް ތިބި މި ދެ މީހުން އެކުގައި ފެނިގެން ދިޔަ އުފެއްދުންތަކުގެ ތެރެއިން "ސިޓީ" އަކީ އެންމެ ފާހަގަކޮށްލެވޭ ފިލްމެކެވެ. "ސިޓީ" އާ އެކު ނިމާލާއި ރަމީޒާގެ ޖޯޑަކީ އަބަދަށް ފެހި ޖޯޑެއްކަން ވަނީ ސާބިތުވެގެން ގޮސްފަ އެވެ.
ޑްރާމާ "ސަޅިބައިސާ" އާއި ބައެއް ވީޑިއޯ ލަވަތަކުން ވެސް މި ދެ މީހުން ޖާދޫގައި އެތައް ބަޔަކު ޖެއްސުވި އެވެ. އޭގެ ތެރޭގައި "ސިޓީ" ގައި ހިމެނޭ "މުޅިން ޖާން ހިތާ" ލަވަ އަކީ މިހާރު ވެސް ހަމަ އެހާމެ ރީތި ލަވައެކެވެ.
އިސްމާއީލް ވަޖީހާއި އައިޝަތު ޝިރާނީގެ ޖޯޑަށް ބަލާއިރު އެކުގައި ވަރަށް ގިނަ އަދަދަކަށް ވީޑިއޯ ލަވަތައް ކުޅެފައިވެ އެވެ. އޭގެ އިތުރުން "ރިހުން" އާއި ކުލުނު" ފަދަ ފިލްމުތަކާއި ޑްރާމާތައް ވެސް އެކުގައި ކުޅެފައިވެ އެވެ. ދިވެހި އުފެއްދުންތަކުން އާންމުން އެންމެ ބޮޑަށް ބަލައިގެންފައިވާ އެއް ޖޯޑަކީ މިއީ ކަމަށް ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
ނިއުމާ މުހައްމަދާއި ޖަމްޝީދާ އަހުމަދު ފަދަ ބަތަލާއިންނާ އެކު ވެސް ވަޖީހު ފެނިފައި ވިޔަސް، ގިނަ ބަޔަކަށް އޭނާ ކަމުގޮސްފައި އޮތީ ޝިރާނީ އާ އެކުގަ އެވެ.
ޝިރާނީ އާއި ރީކޯ މޫސާ މަނިކުގެ ޖޯޑަކީ ވެސް އަދި ވަކިން ދެރަ ޖޯޑެއް ނޫނެވެ. އެ ދެ މީހުން އެކުގައި ކުޅެފައިވާ ބައެއް ފިލްމުތަކަށް ބަލާ އިރު "ނަސީބު"، "ހީލަތް" ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ގިނަ އަދަދަކަށް ވީޑިއޯ ލަވަތަކުން އެކުގައި ފެނިފައިވެ އެވެ.
ޝިރާނީ އާއި މޫސަގެ ޖޯޑު އަބަދު ވެސް ބެލުންތެރިން ހަނދާން ކުރާނެ އެވެ.
މޫސަ އާއި ނިޝާ މިއީ އެންމެ ހިޓް ޖޯޑޭ ބުނެފި ނަމަ ގޯހަކަށް ވެދާނެހެނެއް ހިއެއް ނުވެ އެވެ. ދެ މީހުން އެކުގައި ކުޅެފައިވާ ފިލްމުތަކާއި ލަވަތަކަށް ބަލާ އިރު މިއީ ދެ ވަނައެއް ނެތް ޖޯޑެކޭ ބުނެވި ދާނެ އެވެ. ހާއްސަކޮށް ފިލްމް "ހައްގު"، "ނާއުއްމީދު"، "ބިރު" އަދި "މަޖުބޫރު ލޯބި" ފަދަ ފިލްމުތަކަކީ މޫސަ އާއި ނިޝާގެ މޮޅު އެކްޓިން އާ އެކު ބެލުންތެރިންގެ މެދުގައި މަގުބޫލުވެގެން ދިޔަ ފިލްމުތަކެވެ.
މި ދެ މީހުންގެ ލަވަތަކަށް ބަލާ އިރު "ހައްގު" ގައި ހިމެނޭ "މޫނޭ ތިއީ ހިތް އެދޭ" އާއި ވީޑިއޯ ލަވައެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ "ކާއިނާތޭ އެކީ އަންތަރީސްވީ" އަކީ ނިޝާ އާއި މޫސަގެ ޖޯޑުގެ އެންމެ ވަރުގަދަ ޖާޖުވީ ހަރަކާތްތަކެވެ.
މޫސަ އާއި ނިއުމާގެ ޖޯޑު އެންމެ ބޮޑަށް ފާހަގަ ކުރެވިގެން ދިޔަ ފިލްމަކީ އެތައް ބަޔަކު އެ ފިލްމެއްގެ ދަލުގައި ޖެހުނު ބިރުވެރި ފިލްމް "ފަތިސްހަނދުވަރު" އެވެ.
މި ފިލްމުގައި މޫސަ ކުޅުނު ޖިންނިއެއްގެ ރޯލާއި ޖިންނި ދެކެ ނިއުމާ ވީ ލޯތްބާ އެކު، އާންމުންގެ މެދުގައި ވަރަށް މަގުބޫލުވި އެވެ. ހަމަ މިއާ އެކު މި ދެ ތަރިން ވެސް އެކުގައި ވީޑީއޯ ލަވަތަކާއި އިތުރު ފިލްމަތަކެއް ވެސް ކުޅުނެވެ.
ހަމަ މިއާ އެކު މޫސަ އާއި ޖަމްޝީދާގެ ޖޯޑަކީ ވެސް ވަރަށް ގުޅޭ ޖޯޑެކެވެ. ފިލްމް "ނާއުއްމީދު"، އުމުރަށް" އަދި "2000 ވަނަ އުފަން ދުވަސް" ފަދަ ފިލްމުތަކުން އެކަން ސާބިތު ވާނެ އެވެ.
ނިޝާ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ޖޯޑަކީ މޫސަ އާއި ނިޝާގެ ޖޯޯޑަށް ފަހު، ދެން ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލުވި ޖޯޑެވެ.
"ގޮވިއްޖެ ނަދުރު އެރޭ" ކަހަލަ ލަވަތަކާއި އެކުގައި ކުޅުނު ފިލްމުތަކަށް ބަލާ އިރު "އެދިއެދި ހޯދީމޭ" އާއި "ޒުލޭހާ" އަދި "ނާއުއްމީދު" އަދި "ސަނދުރަވިރޭ" ކަހަލަ ފިލްމްތައް ބެލުންތެރިން އަބަދު ވެސް ހަނދާން ހުންނާނެ އެވެ.
ޔޫއްޕެ އާއި ނިއުމާގެ ޖޯޑް ވެސް ހަމަ އެހާމެ ހިޓެވެ. މި ދެ ތަރިން އެކުގައި ކުޅުނު ފިލްމުތަކަށް ބަލާ އިރު "ކަލާޔާ ނުލާ" އާއި "ޔޫސުފް"، "ދިން ވޭނުގެ ހިތާމައިގައި" އަދި "ހެޕީ ބާތުޑޭ" ވަކިން ފާހަގަކޮށްލަން ޖެހޭނެ އެވެ. "ޕަވަހައުސް" މި ދެ އެކްޓަރުން އެކުގައި ކުޅުނު ލަވަތަކުން ވެސް ވަރަށް މަގުބޫލުވި ޖޯޑެކެވެ.
މި މަހުގެ 30 ވަނަ ދުވަހު ރިލީޒް ކުރާ "ވީ ބޭވަފާ" އިން ޔޫއްޕެ އާއި ނިއުމާގެ ޖޯޑު އަނެއްކާ ވެސް ފެނިގެން ދާނެ އެވެ.
ނިއުމާ އާއި އަލީ ސީޒަންގެ ޖޯޑަކީ ވެސް އާންމުން އެކުގައި ސްކްރީނުން ބަލާލަން ވަރަށް ކަމުގޮސްފައި އޮތް ޖޯޑެކެވެ. ފިލްމުތަކާއި ލަވަތަކުން ދެއްކި ކެމިސްޓްރީ ހަގީގީ ދިރިއުޅުމުގައި ވެސް ދައްކަން މި ދެ ތަރިން މަސައްކަތް ކުރި އެވެ. އެކަމަކު ދެމަފިރިންގެ ގޮތުގައި އެކަން ކާމިޔާބެއް ނުވި އެވެ.
އެހެން ނަމަވެސް ސްކްރީނުން އެ ކެމިސްޓްރީ ކިތަންމެހާ ވެސް ފުރިހަމަ އެވެ. ނިއުމާ އާއި ސީޒަން ވަނީ އެކުގައި "ގިނިހިލަ"، "އާނ! އަހަރެން ވެސް ލޯބިވިން"، "މާފެއް ނެތް" އަދި "ކަރުނަވީ ބޭވަފާ" ފަދަ ފިލްމުތަކާއި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތައް ކުޅެފަ އެވެ. މިއީ އަދިވެސް ބެލުންތެރިން ސްކްރީނުން އެކުގައި ބަލާލަން ބޭނުންވާ ޖޯޑެކެވެ. އެ ދެ މީހުން ކުޅުނު ވީޑީއޯ ލަވަތަކަށް ބަލާ އިރު "ހުވަފެން ދެކޭނީ، ހިއްސާ ކުރާނީ" ވަކިން ފާހަގަކޮށްލެވޭ ލަވައެކެވެ.
ދެން އޮތީ ސީޒަން އާއި ރިޝްމީ ރަމީޒްގެ ކެމިސްޓްރީގެ ވާހަކަ އެވެ. "އިން ދަ ރެއިން، އޮން ދަ ބީޗް" އިން ފެށިގެން އައި މި ދެ ތަރިންގެ ކެމިސްޓްރީ އިތުރަށް ފުރިހަމަވެގެން އައީ އެކުގައި ކުޅުނު ފިލްމުތަކުންނެވެ. އޭގެ ތެރޭގައި "ހިތް ޔާރާ ދީފާ"، "14 ވިލޭރޭ" އަދި "ލަވް ސްޓޯރީ" ފާހަގަކޮށްލެވެ އެވެ. މިއީ އަދިވެސް ބަލާލަން ހިތް އެދޭ ކަހަލަ ޖޯޑެކެވެ.
ދެން އޮތީ މިހާރު އެންމެ ހިނގާ ޖޯޑުގެ ވާހަކަ އެވެ. އެއީ އަރަމުން އަންނަ، ވިދަމުން އަންނަ އުންމީދީ ދެ ތަރިންނެވެ. ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ.
މި ދެ ތަރިންގެ ކެމިސްޓްރީގައި ބެލުންތެރިން ފުރަތަމަ ޖެހުނީ "އެންމެ ފަހު ވިންދާ ޖެހެންދެން" އިންނެވެ. އޭގެ ފަހުން އަނެއްކާ ވެސް "ވާށޭ މަށާއެކީ" އިން ވަނީ އެ ޖާދޫ އިތުރަށް ދައްކާލައި، ބެލުންތެރިން އަދިވެސް ބަލާލަން ހިތްއެދޭ ވަރުގެ ޖޯޑެއްކަން ސާބިތުކޮށް ދީފަ އެވެ.
މަޖޫ އާއި ޖުމަލް އިތުރު ފިލްމެއް ވެސް އަދި ރިލީޒް ނުވެ އެބަ އޮތެވެ. އެއީ މާސްކޭ ސްޓޫޑިއޯގެ "ޕްލޭން ބީ" އެވެ. އެ ފިލްމުން މި ދެ ތަރިން ފެނިގެން ދާނެ ގޮތެއް ބަލާލުމުގެ ޝައުގުވެރިކަން ކިތަންމެހާ ވެސް ބޮޑެވެ.
މިހާރުގެ ޒުވާން ތަރިންނަށް ބަލާ އިރު، ޖުމަލް އާއި މަރިޔަމް އައްޒަގެ ޖޯޑާ ދޭތެރޭ ކުރެވޭ އުންމީދުތައް ވެސް އަދި ކުރިއަށް ހުރީ އެވެ. މިހާރު ސިނަމާގައި އޮތް "4426" ގެ އިތުރުން މި ދެ ތަރިން އެކުގައި ފެނިގެން ދާނެ ދެ ފިލްމެއް ކުރިއަށް އެބަ އޮތެވެ.
އެއީ ފާތުމަތު ނަހުލާގެ "ބީ" އާއި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "މިއީ ލޯތްބަކީ" އެވެ. މި ދެ ފިލްމުން ޖުމަލް އާއި އައްޒަގެ ކެމިސްޓްރީއަކީ ކަމުދާ ކެމިސްޓްރީއެއްތޯ ނުވަތަ ނޫންތޯ ކަށަވަރުވެެގެން ދާނެ އެވެ.
މީގެ އިތުރުން ރިޝްމީ އާއި ރަވީ ފާރޫގަކީ ވެސް ޝައުގުވެރި ޖޯޑެކެވެ. އެ ދެ މީހުންގެ ކުރިއަށް އޮތް ފިލްމް ވިޝްކާ" އިން ދެއްކެނީ ކިހާ ވަރެއްގެ ކެމިސްޓްރީއެއްތޯ ވެސް ބަލާލަން ކެތްމަދުވެފައި ތިބި ބަޔަކު އެބަ ތިއްބެވެ.