05 ޖެނުއަރީ 2021 - 16:03

ރާއްޖޭގެ ޗާޓަޑް މެނޭޖްމަންޓް އެކައުންޓެންޓެއް ކަމަށްވާ އަބްދުލް ހަލީމު، ކްރޯ މޯލްޑިވްސްގެ އެޑްވައިޒަރީ ސާވިސަސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސައިފި އެވެ.
ކްރޯ ގްލޯބަލް އަކީ މާލީ ކަންކަމުގައި ގޮތް ނިންމުމަށް ކުންފުނިތަކަށް އެހީތެރިވެދީ، ޓެކްސް ދެއްކުމުގެ ރެކޯޑްތައް ބަލަހައްޓައިދޭ އަދި ކުންފުނިތައް ހިންގުމުގައި ލަފާދޭ އެމެރިކާގެ ކޮންސަލްޓެންސީ ފާމެކެވެ. އެގޮތުން 130 ގައުމަކަށް ކްރޯގެ ހިދުމަތް ވަނީ ފުޅާވެފަ އެވެ.
ރާއްޖޭގެ އިގްތިސާދު ވެސް ދިރާސާކުރައްވާ ތަޖުރިބާކާރެއް ކަމަށް ވާ ހަލީމް ކުރިން ވަނީ ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝިއަލް އޮފިސާ (ސީއެފްއޯ)ގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އޭގެ އިތުރުން މޮރީޝަސް ކޮމާޝަލް ބޭންކްގެ ހެޑް އޮފް ކޯޕަރޭޓް ބޭންކިން އާއި ރާއްޖޭގެ އިންޝުއަރެންސް ކުންފުންޏެއް ކަމަށް ވާ ސޮލަރެލް އިންޝިއުރެންސްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ވެސް މަސައްކަތް ކުރެއްވި އެވެ.
ހަލީމް ވިދާޅުވީ ކްރޯ ކަހަލަ މާލީ ދާއިރާގައި ދުނިޔެއިން ފާހަގަކޮށްލެވޭ ފާމަކުން ލިބިވަޑައިގެންނެވި ފުރުސަތަކީ "ކެރިއާގައި ވެސް ބޮޑު ކާމިޔާބީއެއް" ކަމަށެވެ.
"ބައިނަލްއަގުވާމީ އެކައުންޓިން ފާމެއްގެ މިކަހަލަ މަގާމެއް ލިބުމަކީ އަސްލު އަޅުގަނޑަށް ވެސް ވަރަށް ބޮޑު ކަމެއް،" އެކައުންޓިން ދާއިރާއިން އޮސްޓްރޭލިޔާގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ވިދާޅުވި، ހަލީމް ވިދާޅުވި އެވެ.
ކްރޯ މޯލްޑިވްސްގައި ހަލީމްގެ އިތުރުން ދިވެހި އެހެން ތަޖުރިބާކަރެއް ވެސް ހިމެނެ އެވެ. ހަލީމްގެ ޒިންމާ އަކީ އެކި މަޝްރޫއުތަކާއި ވިޔަފާރިތަކުގެ މާލީ ކަންކަމުގައި ލަފާ ދެއްވުމެވެ. އޭގެ އިތުރުން ޓެކްސް އާއި އޮޑިޓްގެ ދާއިރާ އިން ވެސް އެ ފާމުގެ އެހީތެރިކަން، ވިޔަފާރިތަކަށް ފޯރުކޮށްދެ އެވެ.