އޭއެފްސީ ކަޕް އިރާގުގެ އެއާ ފޯސް ކާމިޔާބުކޮށްފި
އޭއެފްސީ ކަޕް އިރާގުގެ އެއާ ފޯސް ކާމިޔާބުކޮށްފި

އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން 1-0 އިން މޮޅުވެ އޭއެފްސީ ކަޕުގެ ޗެމްޕިއަންކަން އިރާގުގެ އެއާ ފޯސް ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.

ގަތަރުގެ ދޯހާގައި ރޭ ކުޅުނު ފައިނަލް މެޗުގައި އެއާ ފޯސްގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 70 ވަނަ މިނެޓުގައި ހައްމާދީ އަހުމަދެވެ. މިއީ އޭޝިއާގެ ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް އެއާ ފޯސް އިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެ ޓީމަކީ މުބާރަތް ކާމިޔާބުކުރި އިރާގުގެ ފުރަތަމަ ޓީމެވެ. މީގެ ކުރިން މުބާރާތުގެ ފައިނަލުން އިރާގުގެ އެރްބީލް ވަނީ 2012 އަދި 2014 ގައި ބަލިވެފަ އެވެ.

އޭއެފްސީ ކަޕުގެ ފައިނަލުން އިންޑިއާގެ ބެންގަލޫރު އެފްސީ ޖާގަ ހޯދުމާ އެކު މުބާރާތުގައި އެންމެ ބޮޑު ކާމިޔާބެެއް ހޯދި ދެކުނު އޭޝިއާގެ ޓީމުގެ ޝަރަފް ރާއްޖޭގެ ނިއު ރޭޑިއަންޓް އަތުން ވަނީ ގެއްލިފަ އެވެ.

އޭޝިއާގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތުން ދެކުނު އޭޝިއާގެ ކްލަބެއް މިހާތަނަށް ހޯދި އެންމެ މަތީ ވަނަ އަކީ 2005 ވަނަ އަހަރުގެ މުބާރާތުން ނިއު ރޭޑިއަންޓް ތިން ވަނަ ހޯދުމެވެ. އޭގެ ފަހުން 2008 ވަނަ އަހަރު އިންޑިއާގެ ޑެމްޕޯ އަދި 2013 ވަނަ އަހަރު އިންޑިއާގެ އީސްޓް ބެންގާލް ސެމީ ފައިނަލުން ޖާގަ ހޯދި ނަމަވެސް ލިބިފައިވަނީ ހަތަރު ވަނަ އެވެ.

މި އަހަރުގެ މުބާރާތުގައި ރާއްޖޭން ވާދަކުރީ ނިއު އާއި މާޒިޔާ އެވެ. ދެ ޓީމު ވެސް ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.