05 ޖެނުއަރީ 2021 - 10:53

ފަނޑިޔާރުގެ މާލީ ބަޔާން ހުށަހަޅަން ގާނޫނުއަސާސީގައި އޮތަސް ފަނޑިޔާރުންގެ އަނބި/ފިރިންނާއި ދަރީންގެ މާލީ ބަޔާން ވެސް ހުށަހަޅަންޖެހޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ގަވައިދު ހަދާފައި ވާތީ އެކަން އިސްލާހުކުރަން ފަނޑިޔާރުންގެ ޖަމިއްޔާ އިން އެދެފި އެވެ.
ގާނޫނުއަސާސީގެ އިތުރުން ފަނޑިޔާރުންގެ ގާނޫނުގައި ވެސް އޮންނަނީ ފަނޑިޔާރުންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ކޮންމެ އަހަރަކު އެއްފަހަރު ހުށަހަޅާ މާލީ ބަޔާނުގައި ހިމަނަން ޖެހޭނީ އެ ފަނޑިޔާރެއްގެ މައުލޫމާތު އެކަނި ކަމަށެވެ.
ނަމަވެސް ޖޭއެސްސީން މިދިޔަ މަހު 24 ގައި ގެޒެޓްކުރި ފަނޑިޔާރުންގެ މާލީ ބަޔާނާބެހޭ ގަވައިދުގައިވާ ގޮތުން ފަނޑިޔާރުންގެ މާލީ ބަޔާނުގައި ފަނޑިޔާރުންގެ އަނބިންނާއި ފިރިން އަދި ދަރީންގެ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުގެ މައުލޫމާތާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ހުރި މުދަލާއި ހަރަދުކުރި ފައިސާގެ ތަފްސީލް ހިމަނަން ޖެހެ އެވެ. އަދި އެ ފަރާތްތަކަށް ލިބިފައިވާ އެހީ އާއި ހަދިޔާތަކުގެ ތަފްސީލްތައް ވެސް މާލީ ބަޔާނުގައި ހިމަނަން ޖެހެ އެވެ.
އެކަމާ ކަންބޮޑުވުން ފާޅުކޮށް، މިދިޔަ ބުރާސްފަތި ދުވަހު ފަނޑިޔާރުންގެ ޖަމިއްޔާ އިން ޖޭއެސްސީ އަށް ސިޓީއެއް ފޮނުވާފައިވާކަން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް އިޒްމީރާ ޝިހާމް "މިހާރު" އަށް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
އެނގިފައިވާ ގޮތުގައި ފަނޑިޔާރުންގެ އަނބި/ފިރިންނާއި ދަރީންގެ މާލީ ބަޔާން ހުށަހަޅަން ޖެހުމަކީ ޖަމިއްޔާގެ ކަންބޮޑުވުމެއް ނޫނެވެ. ނަމަވެސް ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ވަނިކޮށް އެއާ ހިލާފަށް އެހެން ތަރުޖަމާއެއް ގެނެސްގެން ގަވައިދު ހެދުން ރޫލް އޮފް ލޯއާ ހިލާފުކަން ފާހަގަކޮށް ގަވައިދު އިސްލާހު ކުރުމަށް އެ ސިޓީގައި ވަނީ އެދެފަ އެވެ.
މިހާރު ގަވައިދު އޮތް ގޮތުން ފަނޑިޔާރުންގެ އަނބި/ފިރިންނާއި ދަރީންގެ ތެރެއިން އެއްވެސް މީހަކު މާލީ މައުލޫމާތު ދިނުމަށް ދެކޮޅު ހެދިޔަސް ފަނޑިޔާރުގެ ސުލޫކީ މައްސަލައަކަށްވާ ގޮތަށް އޮންނާތީ އެ ކަންބޮޑުވުން ވެސް ޖޭއެސްސީ އަށް ވަނީ ހުށަހަޅައިފަ އެވެ. ކުރިން ވެސް ފަނޑިޔާރުންނަކީ ގަވައިދުން މާލީ ބަޔާން ހުށަހަޅާ ބައެއް ކަމަށާއި މާލީ ބަޔާން ހުށަނާޅާ ވަކިވަކި ފަނޑިޔާރުންގެ މައްސަލަ ވެސް ޖޭއެސްސީއަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ޖަމިއްޔާ އިން ފާހަގަކޮށްފައިވެ އެވެ. ގާނޫނުއަސާސީގައި ބުނާ ގޮތަށް ހަމައެކަނި ފަނޑިޔާރުގެ މާލީ ބަޔާން ހުށަހެޅި ކަމުގައި ވިޔަސް، ފަނޑިޔާރުންނާ ގުޅޭ ގޮތުން މައްސަލައެއް ބަލާ ނަމަ އެހެން އިދާރާތަށް މެދުވެރިކޮށް ފަނޑިޔާރާ ގުޅުން ހުރި ފަރާތްތަކުގެ މާލީ ކަންކަން ބެލުމުގެ ބާރު މިހާރު ވެސް ގާނޫނީ ގޮތުން އޮންނައިރު، ގާނޫނުއަަސާސީއާ ހިލާފު ނުވާ ގޮތަށް ފަނޑިޔާރުންގެ މާލީ މަސްލަހަތުތައް ބަލަން ފުރުސަތު އެބަ އޮތްކަން ޖަމިއްޔާ އިން ފާހަގަކުރެ އެވެ.
މި މައްސަލާގައި މީގެ ކުރިން އިޒްމީރާ ވިދާޅުވެފައި ވަނީ މާލީ ބަޔާން ހުށަހެޅުމާ ގުޅޭ އާ ގަވައިދެއް އެކުލަވައިލަން ކޮމިޝަނަށް ޖެހުނު ސަބަބަކީ ފަނޑިޔާރުންގެ މަސްއޫލިއްޔަތާއި އަމިއްލަ މަސްލަހަތާ ތައާޒަރްވާ ކަންކަމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު އިސްލާހުކުރި އިރު މާލީ ބަޔާން ރަނގަޅަށް މޮނިޓަ ނުކުރެވުމުގެ އިތުރުން އެކަށީގެންވާ ނިޒާމެއް ވެސް ނެތްކަން އެ ކޮމިޝަނަށް ފާހަގަކުރެވުން ކަމަށެވެ.
މީގެ އިތުރުން ގާނޫނުއަސާސީ އާއި ގާނޫނުގައި މާލީ ބަޔާން ހުށަހަޅަން ޖެހޭ ވަކި ގޮތެއް ކަނޑައަޅާފައި ވަނިކޮށް، ގަވައިދަކުން ފިރިންނާއި އަނބިންނާއި ދަރީންގެ މާލީ ބަޔާން ހުށަހަޅަން ލާޒިމްކުރަން ނިންމުމުގެ ކުރިން ޖޭއެސްސީން ވަނީ ކަމާބެހޭ މުއައްސަސާތަކުގެ ލަފާ ހޯދާފައިވާ ކަމަށް އިޒްމީރާ ވިދާޅުވި އެވެ.
"މި ގަވާއިދު ހަދަން ވެގެން ދިރާސާކުރިން، މިސާލަކަށް މަޖިލިސް ވިޔަސް އެ ބޭފުޅުންގެ ވެސް އޮންނަނީ މެމްބަރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭނެއޭ. އެކަމަކު ގަވާއިދެއްގެ ދަށުން އެ ބޭފުޅުން ވެސް އެބަ ހުށަހަޅުއްވާ އަނބިން/ފިރިން، ދަރިންގެ މާލީ ބަޔާން،" އިޒްމީރާ ވިދާޅުވި އެވެ.
ޖޭއެސްސީން ދެކޭ ގޮތުގައި ފަނޑިޔާރުންގެ މާލީ ބަޔާން ހުށަހެޅުމާ ބެހޭ ގަވައިދަށް ގެނައި މި ބަދަލުން ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާއި ޖުޑީޝަރީގެ އިތުބާރު ބޮޑުވެގެންދާނެ އެވެ.