05 ޖެނުއަރީ 2021 - 10:07

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް ވެލެންސިއާ ޖެހިލި ނަމަވެސް އެ ޓީމަކީ ލީގުގެ އެންމެ މޮޅު ޓީމުކަމަށް ބުނަން އަދި އުނދަގޫ ކަމަށް ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.
ލީގުގައި އިއްޔެ ހަވީރު ކްލަބް އީގަލްސް އަތުން މޮޅުވެ ވެލެންސިއާ އިން ވަނީ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއްނަގައިފަ އެވެ. ހަތަރު މެޗުން ވެލެންސިއާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މާޒިޔާ އަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.
އާތީ ބުނީ އަނިޔާގެ ބޮޑެތި މައްސަލަތައް ކުރިމަތިނުވެ އޮތުން ވެލެންސިއާ އަށް މުހިއްމު ކަމަށާއި އެއީ ބަދަލުގައި ފެންވަރު ރަނގަޅު ކުޅުންތެރިން ނެތުމުން ކަމަށެވެ. އެގޮތަށް އެކަން ގޮސްފިނަމަ ވެލެންސިއާ އަށް މަގާމުގައި ދެމެހެއްޓޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އޭނާ ބުންޏެވެ.
"ގަދަވެ ސަލާމަތުން އިންޖަރީއެއް ނައިސް ޕްލޭޔަރުން ތިބެއްޖިއްޔާމު މި ހިސާބުގައި ހިފެހެއްޓިދާނެ. އަޅުގަނޑުމެން އަދި ގަބޫލެއް ނުކުރަން އަޅުގަނޑުމެންނަކީ ނަމްބަރު ވަން ޓީމުކަމަކަށް. މަސައްކަތްކުރަމުން މިދަނީ މެޗަކަށް ފަހު މެޗެއް ރަނގަޅު ޕާފޯމަންސެއް ދެއްކޭތޯ. އެހެންވީމަ ހަމަ ދަންނަވާކަށް ނޭނގެ ލީގު ނަގާނަމޭ އެހެން ނޫނީ ތިން ވަނައޭ އެގޮތަށް. ތިން ބުރު އޮތްއިރު އަދި މި ކުޅެވުނީ ވަރަށް ކުޑައެތިކޮޅެއް ކަންނޭނގެ މުޅި މުބާރާތުގެ،" އާތީ ބުންޏެވެ.
ފުރަތަމަ ހަތަރު މެޗުގައި ވެލެންސިއާ ބަލިނުވެ އޮތްއިރު އެ ޓީމަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވަރުގަދަ މެޗުތަކެއް ކުޅުނު ނަމަވެސް ބައިކޮޅަށް ލަނޑެއް ވަދެފައިނުވުމެވެ. ވެލެންސިއާ އިން މިހާތަނަށް ވަނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި މިދިޔަ އަހަރުގެ ރަނަރަޕް އީގަލްސްގެ އިތުރުން ވަރުގަދަ ސްކޮޑެއް އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަދި ކްލަބް ގްރީން ސްޓްރީޓްސްއާ ކުޅެފަ އެވެ. މި މެޗުތަކުގައި ވެލެންސިއާގެ ގޯލުގައި ހުރި މުހައްމަދު ޝަފީއު (ޗެކް) ކޮޅަށް ގޯލެއް ވަދެފައިނުވާއިރު، އޭނާ ދެއްކި ކުޅުން ވެސް ރަނގަޅެވެ.
"(ލަނޑެއް ނުވަނުމުގެ) އެ ހިތްހަމަޖެހުން އެބައިން. ކާޑުގެ ގޮތުން ވެސް ތަންކޮޅެއް ފެއާކޮށް މީނީ އަޅުގަނޑުމެން. ގޯލެއް ނުވަނުން އެއީ ސްޓްރެންތެއް. އެއީ ކޮންފިޑެންސެއް ޓީމަށް ވެސް ގޯލްކީޕަރަށް ވެސް އަދި ޑިފެންސަށް ވެސް ކޯޗިން ސްޓާފުންނަށް ވެސް،" އާތީ ބުންޏެވެ.
ވެލެންސިއާގައި އާތީއާ އެކު ޓީމަށް އިރުޝާދުދިނުމުގައި އިސްމާއިލް އާސިފް (ކުޑަހީނާ) ހަރަކާތްތެރިވާއިރު، މިއީ ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތެއްކަމަށް އޭނާ ވަނީ ބުނެފަ އެވެ.
"މި ޓީމުގައި އޯޕަންކޮށް އެންމެން މަސައްކަތްކުރަނީ ޕްލޭޔާސް އިންނާއި މެނޭޖްމަންޓާއި ކޯޗިން ސްޓާފުން ވަރަށް އެއްކޮށް މި މަސައްކަތްކުރަނީ. ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ (ކުޑަހީނާ) ހީނާގެ ފަރާތުން. ޓްރެއިނިންތަކާއި ފިޒިކަލް ޓްރެއިނިންތަކުގައި ވެސް މެޗުތަކުގައި ވެސް އަހަރެން ބޭނުންވޭ އޭނަގެ ސަޕޯޓް. އަހަންނަށް އެއްގޮތަކަށް ވެސް އުނދަގުލަކަށް ނުވަތަ އިންފްލުއެންސަކަށް ނުވޭ ހީނާ (ކިޔައިދޭން) ތެދުވާތީ. ވަރަށް ގުޅިގެން މި މަސައްކަތް މިކުރަނީ އެއްޗެހިތައް ވެސް ޕްލޭންކޮށްގެން. (ކުޑަހީނާ) ހީނާ އަކީ ރާއްޖޭގެ ޓޮޕް ލެވަލްގެ ކޯޗެއް،" އާތީ ބުންޏެވެ.
ކުރިން ގައުމީ ފިރިހެން ޓީމުގެ އެސިސްޓަންޓް ކޯޗުކަމާއި އަންހެން ޓީމުގެ ހެޑް ކޯޗަކަށް މަސައްކަތްކުރި އާތީ ބުނީ އޭނާ ހެޑްކޯޗެއްގެ ގޮތުގައި ހުރި ބައެއް އިންޓަނޭޝަނަލް މެޗުތަކުގައި ވެސް އެސިސްޓަންޓުންނަށް ތިބޭ ކޯޗުންނަށް ޓީމު ރޭވުމާއި އެކަހަލަ ކަންކަމުގައި ފުރުސަތުތައް ދޭ ކަމަށާއި ޑިވެލޮޕްމަންޓްގެ މަސައްކަތް ކުރުމުގެ ވިސްނުން އަބަދުވެސް އޭނާ ގެންގުޅޭ ކަމަށެވެ.
ލީގުގައި ދެން ވެލެންސިއާ ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ކުޅެނީ ޓީސީއާ އެވެ. އާތީ މިދިޔަ ސީޒަން ފެށިއިރު ހުރީ ޓީސީގަ އެވެ.