05 ޖެނުއަރީ 2021 - 00:15

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބުން ފަހު ވަގުތު ލަނޑު ޖެހި ލަނޑުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާ 1-1 އިން އެއްވަރުކޮށްފި އެވެ.
ފުރަތަމަ ބުރުގައި ކޮންމެ ޓީމަކަށް ހަތަރު މެޗު ކުޅެވުނުއިރު ޓީސީ އޮތީ ފަސް ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ޔޫވީ އޮތީ ދެ ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ. ތާވަލުގެ އެއް ވަަނައިގައި އޮތީ 10 ޕޮއިންޓާ އެކު ވެލެންސިއާ އެވެ. އަދި ދެ ވަނައިގައި އޮތީ އަށް ޕޮއިންޓާ އެކު ޗެމްޕިއަން މާޒިޔާ އެވެ.
މިރޭގެ މެޗުގައި ޔޫވީން ލީޑު ނެގީ 58 ވަނަ މިނެޓުގައި އިސްމާއިލް އީސާ ނެގި ހިލޭ ޖެހުމަކުން ހުރަސްވި ބޯޅައެއް އަޒިނިއަޒޯފް މަރަޓް ބޮލުން ގޯލަށް ވައްދާލައިގެންނެވެ.
ފުރަތަމަ އެ ޓީމުގެ ލަސިޗޭފް އަނަޓޮލީ އާއި ހައިޝަމް އަލީ (ޗުމްޕު) ވަނީ ލީޑު ނެގުމާ ގާތަށް ގޮސްފަ އެވެ. އަނަޓޮލީ ފޮނުވާލި ހިލޭ ޖެހުމެއް ޓީސީގެ ގޯލްކީޕަރު އާޒާދު އެލްމަޑިން މަތަކުރިއިރު ޗުމްޕު އޭރިއާ ތެރެއިން ވަން އޮން ވަން ފުރުސަތެއްގައި އަރައި ޖެހި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
މި ހާފުގައި، ޓީސީއާ އަލަށް ގުޅުނު ބިދޭސީ ފޯވާޑް މެލްކޮމް ކެސިއަސް ވެސް ނުރައްކާތެރި ބޯޅައެއް ފޮނުވާލި އެވެ. އަލީ ސާމިސް (ތޮއްޕެ) ހާފުގެ މެދަކާ ހަމައިން ބޭރު ރޮނގު ކައިރިން އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ އޭރިއާ ތެރެއިން ކެސިއަސް ހުހަށް އަރައި ފޮނުވާލުމުން ޔޫވީގެ ގޯލްކީޕަރު އާމިރޯފް ރުސްލަން ސަލާމަތްކުރި އެވެ.
ދެ ވަނަ ހާފުގައި ޔޫވީން ނެގި ލީޑާ އެކު ކުޅެމުން ދަނިކޮށް އެ ޓީމުގެ ދެ ސެންޓްރަލް ޑިފެންޑަރުން ކަމަށްވާ އަބްދުއްރަހްމާން އާދިލް އާއި ފިރާގް ޔާސީނަށް އަނިޔާވެގެން ބާލަން ޖެހުމުން މައްސަލަ ދިމާވި އެވެ. އޭގެ ފައިދާ ނަގައި ޓީސީން ކޮންޓްރޯލް ހޯދައި އެޓޭކްކުރަން ފެށި އެވެ. ޓީސީ އަށް އެެއްވަރުވީ އިތުރު ވަގުތުގެ ތެރޭ އިބްރާހިމް އަބްދުލްވާހިދު ހިލޭ ޖެހުމަކުން ހުރަސްކުރި ބޯޅަ އަޖުފާން މުހައްމަދު ގޯލް ތެރެއަށް ވައްދާލައިގެންނެވެ.
ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މިއީ ތިން ޕޮއިންޓުގެ މެޗެއް ކަމަށާއި އެހެންވެ ނަތީޖާއާ ދޭތެރޭ އެހާ ހިތްހަމަނުޖެހޭ ކަމަށެވެ. އެކަމަކު ކުޅުންތެރިން ކުރި މަސައްކަތް ބަލައިގަންނަ ކަމަށާއި އެވަރުގެ މަސައްކަތުގެ ރޭޓޭއް ފެނުމުން އުފާވި ކަމަށް އޭނާ ބުންޏެވެ.
ޔޫވީގެ ކޯޗު މުހައްމަދު އާދަމް ބުނީ ޓީސީން އެއްވަރުކުރީ އެ ޓީމުން ކުރި މަސައްކަތުން ކަމަށާއި ޔޫވީ އަށް ނަސީބު ދެރަވީ ކަމަށެވެ.
"ދެ ޑިފެންޑަރުން ބާލަން ޖެހުމަކީ މުޅި ޓީމު ދިއުން ކަހަލަ ކަމެއް. އެ ހިސާބަށް ރަނގަޅަށް ކުޅުނު،" މުހައްމަދު ބުންޏެވެ. "ވަރަށް ޑިސަޕޮއިންޓްވެފައި މިހުރީ."