04 ޖެނުއަރީ 2021 - 17:09

ސިއްހީ ރައްކާތެރިިކަމުގެ މިންގަނޑު ހިފަހައްޓާ ފަރާތްތަކަށް ޔޫރަޕިއަން އިންސްޓިޓިއުޓް ފޯ އެކްސްޕޯޓް ކޮމްޕްލަޔަންސް (އީއައިއެފްއީސީ) ގެ ސެޓްފިކެޓް ދޭން ނިންމައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އިއުލާނެއްގައިވަނީ އީއައިއެފްއީސީއަކީ ތަފާތު ގިނަ ދާއިރާތަކުން ކުއްލި ހާލަތްތަކާ ގުޅިގެން މިންގަނޑުތަކާއި ގައިޑްލައިންތައް ކަނޑައަޅައި އަދި ސެޓްފިކެޓް ދެވޭނެ ނިޒާމް ތަރައްގީ ކުރަމުންދާ މުއައްސަސާއެއް ކަމަށެވެ.
އީއައިއެފްއީސީ އިން ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެން ސިއްހަތާއި ސާފުތާހިރު ކަމާއި އަދި އާންމު ދިރިއުޅުމުގައި ރައްކާތެރިވުމަށް ކޮމްޕްލަޔަންސް ސްޓޭންޑްތަކެއް ރާއްޖޭގައި ގާއިމްކޮށް، ތަންފީޒު ކުރަން ނިންމާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.
އެހެންވެ، އެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް އީއައިއެފްއީސީގެ ސެޓްފިކެޓެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ. އަދި އެފަދަ ސްޓޭންޑްތަކެއް ކަނޑައެޅުމަކީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ޔަގީންކަން އޮންނާނެ ކަމެއް ކަމަށް ވެސް އެޗްޕީއޭގެ އިއުލާނުގައިވެ އެވެ.