04 ޖެނުއަރީ 2021 - 15:34

ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް އަނެއްކާވެސް ދިގު ދެންމުމުން ލޯކަލް ކައުންސިލް އިންތިޚާބު މާޗް މަހުގައި ނުބޭއްވޭނެކަން ޔަގީން ވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނަމުން އައީ އެންމެ ލަސްވެގެން މާދަމާގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައިފި ނަމަ މާޗްގައި އިންތިޚާބު ނުބޭއްވޭނެ ކަމަށެވެ. އެއީ، ކެމްޕޭންކުރުމާއި ވޯޓާށް ލިސްޓު އިއުލާންކޮށް ޝަކުވާ ހުށަހެޅުމާއި އިންތިޚާބުގެ އެހެން ގާނޫނީ ތަރުތީބުތަކަށް ވަގުތު ބޭނުންވާނެތީ އެވެ.
ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވީ އަންނަ ބުދަ ދުވަހު ބާއްވާ ކޮމިޝަންގެ ބައްދަލުވުމުގައި އިންތިޚާބާ ގުޅޭ ކަންކަމުގައި ގޮތެއް ނިންމާނެ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން، ޝެޑިއުލްކޮށްފައި އޮތް ތާރީޚުގައި ނުބޭއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރޭތީ އިންތިޚާބު ފަސްކޮށް މިދިޔަ އަހަރު ފާސްކުރި ޚާއްސަ ގާނޫނުގައި ބުނެފައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފަށާތާ އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭ ކަމަށެވެ. އެކަމަކު އިންތިޚާބާ ބެހޭ އެއްވެސް މަސައްކަތެއް ރަސްމީކޮށް ފެށޭނީ ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މި އިއުލާންކުރީ އިންތިޚާބަށް ހުރަސްއެޅޭ މައްސަލައިގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާ އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކޮށްފައި ވަނިކޮށެވެ.
ކައުންސިލް އިންތިޚާބު މާޗް 6 ގައި ނުބޭއްވޭނެ ކަން ޔަގީންވިއިރު އިންތިޚާބު ދެ ވަނަ ފަހަރަށް ލަސްކުރުމާ އިދިކޮޅު ކޯލިޝަނުން ދެކޮޅެވެ. ޕީޕީއެމާއި ޕީއެންސީން ބުނެފައިވާ ގޮތުގައި ވާދަކުރާ އެތައް ކެންޑިޑޭޓުންތަކެއްގެ ހައްގު އިންތިޚާބު ލަސްކުރުމުން ގެއްލޭ ކަމަށެވެ.
ގާނޫނީ ގޮތުން ހުރި ހުރަސްތައް ނައްތާލައި އިންތިޚާބު ބޭއްވެން އޮއްވައި ސަރުކާރުން އެކަން ކުރަން ބޭނުން ނުވަނީ ކަމުގެ ތުހުމަތު ވެސް އިދިކޮޅުން ވަނީ ކޮށްފަ އެވެ.
ކައުންސިލް އިންތިޚާބަށް 4،172 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވެ އެވެ. މިހާތަނަށް 100 އަށް ވުރެ ގިނަ ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ނަގައިފަ އެވެ.