04 ޖެނުއަރީ 2021 - 14:39

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު އިންޑިއާއިން 62،905 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އެކަމަކު މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 62 ޕަސެންޓު ދަށް އަދަދެކެވެ. އެ އަހަރު 166،030 ޓޫރިސްޓުން އިންޑިއާއިން ޒިޔާރަތް ކުރި އެވެ.
ދެހާސް ނަވާރަ ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް އައި ޓޫރިސްޓުން ގިނަ ނަމަވެސް އެ އަހަރު އިންޑިއާ އޮތީ ލިސްޓުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ޗައިނާއިން އެ އަހަރު 284،029 ޓޫރިސްޓުން އައިއިރު މިދިޔަ އަހަރު އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެ، ލިސްޓުގެ ހަ ވަނައަށް ވެއްޓިފަ އެވެ.
މިދިޔަ އަހަރު ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު ދަށްވީ ކޮވިޑް-19ގެ ސަބަބުން އެ ގައުމުން ދަތުރުފަތުރު ކުރުން މަނާ ކުރުމާ ގުޅިގެންނެވެ. މިދިޔަ އަހަރު އެ ގައުމުން ރާއްޖެ އައީ 34،245 ޓޫރިސްޓުންނެވެ.
މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެއީ 61،388 ޓޫރިސްޓުންނެވެ. އަދި 52،716 ޓޫރިސްޓުންނާއެކު ތިން ވަނައިގައި އިނގިރޭސިވިލާތް އޮތް އިރު ހަތަރު ވަނައިގައި 46،690 ޓޫރިސްޓުންނާއެކު އޮތީ އިޓަލީ އެވެ.
ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން 2019ވަނަ އަހަރު 1.7 މިލިއަން ޓޫރިސްތުން ރާއްޖެ އައި އިރު މިއަހަރު އައީ 555،213 ޓޫރިސްޓުންނެވެ. މިއަހަރު މިއަދަދު 1.5 މިލިއަނަށް އަރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާ ކޮށްފަ އެވެ.