04 ޖެނުއަރީ 2021 - 14:29

ނިއު ދިއްލީ (ޖެނުއަރީ 4) - އިންޑިއާގެ ކުންފުންޏަކުން ކޮރޯނާވައިރަހަށް އުފެއްދި ވެކްސިން އިމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށް ހުއްދަ ދިން ގޮތުން ތަޖްރިބާކާރުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
ބާރަތު ބަޔޯޓެކުން އުފެއްދި ކޮވެކްސިނަށް އިންޑިއާ އިން ހުއްދަ ދިނީ އާދިއްތަ ދުވަހު އެވެ. އަދި އޮކްސްފޯޑާއި އެސްޓްރަޒެނިކާ ގުޅިގެން އުފެއްދި ވެކްސިނަށް ވެސް ވަނީ އިންޑިއާ އިން ހުއްދަ ދީފަ އެވެ. އޮކްސްފޯޑުގެ ވެކްސިން ވަނީ އިންޑިއާގެ ސީރަމް އިންސްޓްޓިއުޓުން އުފައްދަން ފަށައިފަ އެވެ.
އިންޑިއާ އިން ދެ ވެކްސިނަކަށް ހުއްދަ ދިނުމުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި ޓްވީޓް ކުރައްވައިފަ އެވެ.
އެކަމަކު އޯލް އިންޑިއާ ޑްރަގު އެކްޝަން ނެޓްވޯކުން ބުނެފައި ވަނީ ބާރަތުގެ ވެކްސިނަށް މާ އަވަހަށް ހުއްދަ ދިނުމުން ކަންބޮޑުވާ ކަމަށެވެ. ސަބަބަކީ އެ ވެކްސިންގެ ރައްކާތެރިކަމުގެ މިންވަރުގެ ޑޭޓާ އަދިވެސް ހާމަކޮށްފައި ނުވާތީ އެވެ. އިންޑިއާގެ ޑްރަގްސް ކޮންޓްރޯލަރު ޖެނެރަލް ވީޖީ ސޮމާނީ ވިދާޅުވީ ބާރަތުގެ ކޮވެކްސިން އަކީ ހުރިހާ ގޮތަކުން ވެސް ރައްކާތެރި އެއްޗެއް ކަމަށެވެ.
ސޮމާނީ ވިދާޅުވީ ހުއްދަ ދިނީ 100 ޕަސެންޓް ރައްކާތެރި ވެކްސިންތަކަށް ކަމަށާއި ވެކްސިން ޖެހުމުން ކުޑަކޮށް ހުން އައުމާއި ގައިގައި ރިއްސުމަކީ ކޮންމެ ވެކްސިނަކުން ވެސް ދިމާވާނެ ކަމެއް ކަމަށެވެ.
އިންޑިއާގެ މަޝްހޫރު މެޑިކަލް އެކްސްޕާޓެއް ކަމަށްވާ ޑރ. ގަގަންދީޕް ކަންގް ޓައިމްސް އޮފް އިންޑިއާ އަށް ވިދާޅުވީ ވެކްސިނެއްގެ ރައްކާތެރި މިންވަރުގެ ޑޭޓާ ހާމަނުކޮށް އެ ވެކްސިނަކަށް ހުއްދަ ދިނުމަކީ އޭނާ ކުރިން ދެކެފައި ނުވާ ކަމެއް ކަމަށެވެ.
ސޯޝަލް މީޑިއާގައި ވެސް ބައެއް ފަރާތްތަކުން ބުނެފައި ވަނީ ވެކްސިންގެ ޓްރަޔަލްތައް މުޅިން ނުނިމެނީސް ހުއްދަ ދިނުމަކީ ކަންބޮޑުވުންތައް ހުރި ކަމެއް ކަމަށެވެ.
ބާރަތު ބަޔޯޓެކުން ވެކްސިން އުފައްދާފައި ވަނީ އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މެޑިކަލް ރިސާޗްއާ ގުޅިގެންނެވެ. ބާރަތުން ބުނެފައި ވަނީ ވެކްސިންގެ ފޭސް 1 އަދި ފޭސް 2 ވަރަށް ކާމިޔާބު ކަމަށެވެ. އެކަމަކު ސައެންސްވެރިން ބުނެފައި ވަނީ ވެކްސިންގެ ޑޭޓާ ހާމަނުކުރުމަކީ ވެކްސިންގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ސީނިއާ ބައެއް މެންބަރުން ވެސް ވަނީ ކޮވެކްސިންއާ މެދު ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. އިންޑިއާގެ ހެލްތު މިނިސްޓަރު ޑރ. ހާޝް ވަރުދަން ވަނީ އަމިއްލަ ގައުމުގައި އުފެއްދި ވެކްސިނަކަށް އިދިކޮޅު ފަރާތްތަކުން ތައުރީފްކޮށްފައި ނުވާތީ ފާޑު ވިދާޅުވެފަ އެވެ.
އިންޑިއާ އިން ޕްލޭން ކުރަމުން ދަނީ އޮގަސްޓް މަހުގެ ކުރިން 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ.