ކުޅުންތެރިންގެ އިތުބާރާ އެކު މާޒިޔާ އިތުރަށް ވަރުގަދަވާނެ: ވިޑަކޮވިޗް
ކުޅުންތެރިންގެ އިތުބާރާ އެކު މާޒިޔާ އިތުރަށް ވަރުގަދަވާނެ: ވިޑަކޮވިޗް

ސީޒަނެއްގެ މެދުތެރެއިން ޓީމަކާ ހަވާލުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވެދާނެ ކަމަށާއި އެހެން ނަމަވެސް މާޒިޔާގައި މި އޮތް ސްކޮޑާއި ކުޅުންތެރިންގެ މެދުގައި މި އޮތް އިތުބާރާ އެކު އެ ޓީމު އިތުރަށް ވަރުގަދަ ކުރެވޭނެކަމަށް އެ ޓީމާ އިއްޔެ ހަވާލުވި ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

ކުޅުންތެރިންގެ އިތުބާރާ އެކު މާޒިޔާ އިތުރަށް ވަރުގަދަވާނެ: ވިޑަކޮވިޗް
ކުޅުންތެރިންގެ އިތުބާރާ އެކު މާޒިޔާ އިތުރަށް ވަރުގަދަވާނެ: ވިޑަކޮވިޗް

ސީޒަނުގެ ފުރަތަމަ ހަތަރު މެޗަށް ފަހު މާޒިޔާގެ ކޯޗުކަމުން މުހައްމަދު ނިޒާމް (ނިޒާމްބެ) އިސްތިއުފާ ދިނުމުން ކުޑަ މުއްދަތެއްގެ ތެރޭގައި އެ ޓީމުން މި ވަނީ ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ކޯޗަކާ ޓީމު ހަވާލުކޮށްފަ އެވެ.

ކުރިން ސާބިއާ ގައުމީ ޓީމުގައި އެސިސްޓަންޓެއްގެ ގޮތުގައި އަދި ސްޕެއިނުގެ ކްލަބްތަކުގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ވިޑަކޮވިޗް މާޒިޔާއާ ހަވާލުވާނީ ކުރިއަށް އޮތް މެޗުން ފެށިގެންނެވެ. ރޭ ލީގުގައި ދަ ގްރާންޑޭއާ 2-2 އިން އެއްވަރުވި މެޗުގައި މާޒިޔާ އަށް ކޯޗުކޮށްދިނީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ) އެވެ.

މާޒިޔާއާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިޑަކޮވިޗް ބުނީ އާންމު އުސޫލުންނަމަ ޓީމަކާ ހަވާލުވާން ކޮންމެ ކޯޗަކަށް ވެސް އެންމެ ބޭނުންވާނީ ރަނގަޅު ޕްރީ ސީޒަނެއް ވެސް ފުރިހަމަކުރަން ވަގުތު އޮންނަ ގޮތަށް ކަމަށެވެ. އެހެން ނަަމަވެސް މި ފުރުސަތުގެ ބޭނުން ހިފަން ބޭނުންވި އެންމެ ބޮޑު ސަބަބަކީ އަމިއްލަ ކެރިއަރުގައި ވެސް ކުރިއަށްދިއުމުގެ ވިސްނުމާއި މާޒިޔާގައި އޮތް ޓީމާ އެކު ކަންތައްތަކެއް ހާސިލްކުރެވޭނެ ކަމުގެ އުއްމީދު ބޮޑުވުމުން ކަމަށް އޭނާ ބުންޏެވެ.

"އަހަރެން މި ޓީމުގެ މެޗުތަކެއް ބަލައިފިން. މި ޓީމުން ރަނގަޅަށް ކުރާ ކަންތައްތަކާއި ގޯސްކޮށް ހުރި ކަންތައްތަކެއް ވެސް ފެނިފައި އެބަހުރި. މީގައި އަހަންނަށް އެންމެ ކަމުދާ ކަމަކީ މި ޓީމުގެ ތެރޭގައި މި އޮތް މާހައުލު. ވަރުގަދަ އިތުބާރެއް އޮތް ކުޅުންތެރިންތަކެއް ތިބުމަކީ އަހަންނަށް ވެސް ހިތްހަމަޖެހުމެއް،" ވިޑަކޮވިޗް ބުންޏެވެ.

"100 ޕަސެންޓް ކުޅުންތެރިން ދޭ ކަމަށްވަންޏާ މީގައި ހާސިލްނުކުރެވޭނެ ކަމެއް އޮތް ކަމަކަށް އަަހަންނަށް ނުފެނޭ. މީގައި ވަރަށް މުހިއްމު ކުޅުންތެރިންނާއި ކޯޗުގެ މެދުގައި ވެސް އެ އޮންނަ ޔަގީންކަން ވަރުގަދަވުން."

ޖަޕާނާއި އޮސްޓްރޭލިއާ އަދި ޗައިނާ ނަގާފައި އޭޝިއާގެ ކޮންމެ ހިސާބެއްގައި ވެސް ފުޓްބޯޅައިގެ ސްޓައިލް ދާދި އެއްގޮތަށް ކަމަށް ވިޑަކޮވިޗް ގަބޫލުކުރެ އެވެ. އޭނާ ބުނީ މާޒިޔާ ލައްވައި އޭނާ ކުޅުވަން ބޭނުންވަނީ މި ޓީމަށް އެންމެ ރަނގަޅުވާނެ ސްޓައިލުގެ ފުޓްބޯޅަ ކަމަށެވެ. ބޮޑަށް ވިސްނަނީ ޓެކްނިކަލީ ރަނގަޅު ސްޕެއިން ސްޓައިލުގެ ފުޓްބޯޅަ އެއް ކުޅުވަން ކަމަށް އޭނާ ބުންޏެވެ.

އޭޝިއާގައި މިހާތަނަށް ވިޑަކޮވިޗްގެ ތަޖުރިބާ ރަނގަޅެވެ. ފިިލިޕީންސްގެ ސެރެސްގައި މިހާތަނަށް އޭނާ ހުރި އަހަރުތަކުގައި އެ ޓީމަށް ތިން ފަހަރު ފިލިޕީންސް ލީގު ކާމިޔާބުކޮށްދިނުމުގެ އިތުރުން ކޮންމެ ފަހަރަކު އޭއެފްސީ ކަޕްގެ އާސިއާން ޒޯންގެ ފައިނަލުގައި ކުޅެ އެވެ. އެއް ފަަހަރު އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކޮލިފައިންގައި ވެސް ވާދަކުރި އެވެ.

ސްޕެއިނުގެ ރެއާލް ބެޓިސް އާއި އޮސަސޫނާ އަށް ކުރިން ކުޅުނު ވިޑަކޮވިޗް ގެންނަން އެންމެ ބޭނުންވި އެއް ސަބަބަކީ ވެސް ސެރެސްގައި އޭނާ ކޮށްފައިވާ މަސައްކަތުގައި އޭއެފްސީ ކަޕްގައި ރަނގަޅު ރެކޯޑެއް އޮތުމެވެ. މާޒިޔާ އިން މި ފަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާއިރު، ސެރެސްގައި ހޯދި ފަދަ ނަތީޖާތަކެއް މާޒިޔާގައި ތަކުރާރުކުރެވިދާނެތޯ ސުވާލުކުރުމުން ރިޑަކޮވިޗް ބުނީ ޔަގީންކަމެއް ދެވޭނީ ކުރާނެ މަސައްކަތަށް ކަމަށެވެ.

"އަހަންނަށް ޔަގީންކަން ދެވޭނީ އަމިއްލަ ކޮންޓްރޯލްގައި ހުރި ކަންކަމަށް. މި ވަގުތަށް ބަލާއިރު ބޭނުންވާ ދެ ކަންތަކުގެ ތެރެއިން އެއް ކަމެއް މި އޮތީ. އެއީ ކުރެވޭނެ ބުރަ މަސައްކަތް. ނެތީ ވަގުތު. އަހަރެމެން އެބަޖެހޭ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބުރަކޮށް ނަތީޖާ ނެރެން މަސައްކަތްކުރަން،" ވިޑަކޮވިޗް ބުންޏެވެ.

"ފުޓްބޯޅައިގައި ބައެއް ފަހަރު ދޭކާއި ދޭއް އެއްކުރީމަ ހަތަރެއް ނުވެދާނެ. މި ބުނާ ބަހުގެ މާނަ އަކީ ހުރިހާ ކަމެއް ރަނގަޅަށް ކުރި ނަމަވެސް ނަސީބެއް ނެތިއްޔާ މޮޅުނުވެދާނެ. އެކަމަކު ކޮންމެ މެޗެއްގައި ވެސް މޮޅުވެވޭނެ ފެންވަރަށް މި ކުޅުންތެރިންގެ މަސައްކަތުގެ ރޭޓް ބަހައްޓަން އެ ލެވަލް ހިފަހައްޓައިފިއްޔާ ކުރެވޭނެ ކަންތައް އެބަހުރި،"

މާޒިޔާ އިން މިދިޔަ ސީޒަނުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި އިންޑިއާގެ ގަދަބާރު ބެންގަލޫރުގެ މައްޗަށް ހޯދި މޮޅަށް ވިޑަކޮވިޗް ވަނީ ތައުރީފުކޮށްފަ އެވެ. އޭނާގެ އުއްމީދަކީ އެ ލެވަލްގެ ކުޅުން ތަކުރާރުކޮށް މާޒިޔާ އެއް ހަރުފަތް މައްޗަށް ޖައްސާލައިދޭން އެހީތެރިވުމެވެ.

މި ފަހަރުގެ ލީގަށް މާޒިޔާ އިން ޓާގެޓްކުރާއިރު ޗެމްޕިއަނުންގެ ގޮތުގައި އޮންނާނެ ޕްރެޝަރާ ބެހޭގޮތުން ސުވާލުކުރުމުން ވިޑަކޮވިޗް ބުނީ ފުޓްބޯޅައިގައި ވެސް ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ޕްރެޝަރު އޮންނާނެ ކަމަށެވެ.

"ޕްރެޝަރާ ނުލައި ފުޓްބޯޅައެއް ނެތް. އަހަރެމެން އެކުވެރިންނާ އެކު ފުޓްބޯޅަ ކުޅުނަަސް މޮޅުވުމުގެ ޕްރެޝަރެއް އެބައޮވޭ. އެހެންވީމަ އަހަރެންގެ ނަޒަރުގައި ޕްރެޝަރަކީ ފުޓްބޯޅައިގެ ބައެއް. އެއާ އެކު އުޅުން އޮތީ. އެ ގޮތަށް ބަލާއިރު އެހެން އެންމެން ތިއީ އެންމެ މޮޅު ޓީމުގެ ގޮތުގައި ދެކޭއިރު އެ ހިސާބަށް ހުރި އުއްމީދުތަކާ އެއްވަރަށް ކުޅުމުގެ ޕްރެޝަރު ވެސް އޮންނާނެ. އަހަރެންގެ ނަޒަރުގައި ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ޕްރެޝަރު އޮންނާނެ،" ވިޑަކޮވިޗް ބުންޏެވެ.

ވިޑަކޮވިޗަކީ މާޒިޔާ އަށް ފުރަތަަމަ ޑިވިޝަނުގައި އިރުޝާދުދޭނެ ފަސް ވަނަ ކޯޗެވެ. އޭނާއާ އެކު މާޒިޔާ އިން ނުކުންނާނެ ފުރަތަމަ މެޗަކީ މި މަހު 10 ވަނަ ދުވަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ބައްދަލުކުރާ މެޗެވެ.