ވަޅި ހަރައި ސައުތު ތައުފީގު މަރާލަން އިންޒާރުދޭ މައްސަލަ ޕޮލިހަށް
ވަޅި ހަރައި ސައުތު ތައުފީގު މަރާލަން އިންޒާރުދޭ މައްސަލަ ޕޮލިހަށް

ވަޅި ހަރައި މަރާލާނެ ކަމަށް ތަކުރާރުކޮށް މުހައްމަދު ތައުފީގު (ސައުތު ތައުފީގް) އަށް އިންޒާރުދެމުން އައިސް މަގުމަތިން އިއްޔެ ދިމާކޮށް މޫނުމަތީގައި ޖެހި މައްސަލައެއް ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.

ތައުފީގް "މިހާރު" އަށް މިއަދު ވިދާޅުވީ ބަޔަކު އޭނާއަށް މަރުގެ އިންޒާރު ދެމުން އަންނަތާ ގާތްގަނޑަކަށް ހަ މަސް ވެދާނެ ކަމަށެވެ. މަގުމަތިން އިއްޔެ އޭނާ އަށް ހަމަލާ އަމާޒުވީ އަންހެނުންނާއި ދަރިފުޅާ އެކު މޫދަށް އެރެން ޓްރެކް ސަރަހައްދަށް ހަވީރު ގޮސް އުޅެނިކޮށް ކަމަށް ވިދާޅުވި އެވެ.

"ސައިކަލެއް މަޑުކޮށްލާފައި، އަޅުގަނޑު އެތާ ހުއްޓާ މޫނުމަތީގައި ޖަހާފައި މަރާލާނަމޭ، ވަޅިއޭ ހަރާލާނީ ކިޔާފައި ދިޔައީ. އެތާ އޭރު އެތައް ބަޔަކު ވެސް ތިބޭނެ،" ތައުފީގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭގެކުރިން ވެސް އޭނާއާ މަގުމަތިން ދިމާކޮށް ބިރުދައްކާފައިވެ އެވެ. މީގެ ދެތިން މަސް ކުރިން ޖަނާޒާއަކަށް ސަހަރާއަށް ގޮސް އުޅެނިކޮށް ވެސް ބަޔަކު އޭނާ އަށް އިންޒާރު ދިން ކަމަށް ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ވެސް ކުރި އެވެ.

"އަޅުގަނޑުގެ އަތުގައި އެބައޮތް ރެކޯޑިންއެއް ވެސް މަރުގެ އިންޒާރުދީފައި އޮތް،" ތައުފީގް ވިދާޅުވި އެވެ.

އިންޒާރުގެ ފަހަތުގައި ހުރީ ތައުފީގް ތުހުމަތު ކުރައްވާ ގޮތުގައި ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް ސެންޓަރުގެ މީހެކެވެ. މަގުމަތީގައި އުޅޭ މީހުން ފޮނުވައި ބިރުދައްކަމުން ދަނީ 600،000ރ. ދޭން އިންކާރު ކުރުމުން ކަމަށް ތައުފީގް ވިދާޅުވި އެވެ.

ތައުފީގް ވިދާޅުވީ އެ ފައިސާއަށް ޑިމާންޑްކުރަނީ ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތް ހިންގާ ދަރުބާރުގެއަށް ކެއުން ހަމަޖެއްސުން ސައުތު ކޭޓަރިންއަށް ލިބުނީ އެންޑީއެމްއޭގައި ތިބި ބަޔަކު މެދުވެރިކޮށް ކަމަށް ބުނެފައި ކަމަށެވެ.

"އިންޒާރުދޭ މީހާ ބުނަނީ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އެއްބަސްވީއޭ އެ ފައިސާ ދޭން. އެކަމަކު އެއީ، ދޮގެއް. ދަރުބާރުގޭގެ ބިޑް އަޅުގަނޑުމެންނަށް ކާމިޔާބުވީ އެހެން އެންމެންނަށް ވުރެން ކުޑަ އަގެއް ހުށަހަޅައިގެން އޮންނަ އުސޫލުން،" ތައުފީގް ވިދާޅުވި އެވެ.

ސައުތުން ހުށަހެޅީ ބޮލަކަށް 190ރ. އެވެ. އެކަމަކު ކުރިމަތިލީ އެހެން ކުންފުނިތަކުގެ އަގު އުޅެނީ 300ރ. ގައި ކަމަށް ތައުފީގް ވިދާޅުވި އެވެ.

ސައުތާ ކެއުން ހަވާލުކުރީ ތިން މަސް ދުވަހަށެވެ. އެއްބަސްވުމުގައި މުއްދަތު އިތުރުކުރެވޭ ގޮތަށް އޮތަސް އަލުން ބީލަމަށް ލުމުން ދެ ވަނަ ފަހަަރަށް ވެސް ކާމިޔާބުކުރީ ސައުތުންނެވެ. އެކަމަކު ތިން ވަނަ ފަހަރު ބީލަމަށް ލުމުން ކާމިޔާބުކުރީ އެހެން ކުންފުންޏަކުންނެވެ.

"ކެއުން ހަމަޖައްސަން އުޅުނުއިރު ވެސް އަޅުގަނޑުމެންނަށް ވަރަށް ދަތިކުރި. ދުވާލަކު ގާތްގަނޑަކަށް 140 މީހުންނަށް ހަމަޖައްސަން އަންގާފައި ކުއްލިއަކަށް އިތުރު ވެސް ވެދާނެ. އަޅުގަނޑުމެންނަކީ މިކަމުގައި އުޅޭ ބަޔަކަށް ވާތީ ކިތަންމެ އުނދަގޫ ކުރިއަސް ކެއުން ހަމަޖެއްސުނީ،" ތައުފީގް ވިދާޅުވި އެވެ.

ތައުފީގް ވިދާޅުވި ގޮތުގައި މަރާލަފާނެތީ ބިރެއް ނުގަނެ އެވެ. އެކަމަކު މަރުގެ އިންޒާރުތަކާ ގުޅިގެން ފުލުހުންގެ އޭނާ އަށް ސެކިއުރިޓީއަށް ދޭން ޖެހެ އެވެ.

"އަޅުގަނޑުގެ ބެލުމުގެ ދަށުގައި 300 މުވައްޒަފުން އެބަ ތިބި. މަގުމަތިން މިގޮތަށް ބިރުދައްކައި އިންޒާރު ދިނުން މިއީ ހުއްޓުވެން ޖެހޭ ކަމެއް،" ތައުފީގް ވިދާޅުވި އެވެ.