ސެމްސަންގުގެ އާ ފޯނު މި މަހު 14 ގައި
ސެމްސަންގުގެ އާ ފޯނު މި މަހު 14 ގައި

ސެމްސަންގުން ގެލެކްސީ އެސް 21 ސީރީޒްގެ ފޯނުތައް ނެރެން ތައްޔާރުވަމުން އަންނަ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ފަހުން އެ ކުންފުނީގެ ހަފުލާއަކަށް ދައުވަތު ފޮނުވައިފި އެވެ.

ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތަށް ދެކުނު ކޮރެއާގެ ކުންފުނީގެ "ސެމްސަންގް ގެލެކްސީ އަންޕެކްޑް އިވެންޓް" އޮންނާނީ މި މަހުގެ 14 ގަ އެވެ. އެ އިވެންޓް ކުންފުނީގެ ވެބްސައިޓުން ލައިވްސްޓްރީމްކުރާނެ އެވެ.

ޓެގް ލައިނަކަށް "ވެލްކަމް ޓު ދި އެވްރިޑޭ އެޕިކް" ގެ ނަމުގައި ބާއްވާ އިވެންޓްގެ އެންމެ ހާއްސަ ކަމަށްވާނީ އާ ސީރީޒްގެ ފޯނުތައް ދައްކައިލުމެވެ. އެގޮތުން ގެލެކްސީ އެސް ސީރީޒްގެ ގޮތުގައި އެސް 21 އާއި އެސް 21 ޕްލަސްގެ އިތުރުން އެސް 21 އަލްޓްރާ ނެރޭނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެޕަލް ކުންފުނިން މިދިޔަ އަހަރު ނެރުނު އައިފޯން 12 އާ އެއްގޮތަށް އެސް 21 ސީރީޒްގެ ފޯނުތައް ސެމްސަންގުން ވެސް ނެރޭނީ ޗާޖަރާ ނުލަ އެވެ. އެކަމަކު މިއީ ކުރިން މިކަމާ ހެދި އެޕަލް އަށް މަލާމާތްކުރި އެއް ކުންފުންޏެވެ. އެކަމަކު އެއީ ކަށަވަރުކަމެއްތޯ އެނގޭނީ 14 ވަނަ ދުވަހު އެވެ.