މިހާރު އޮތް ޓީސީ ހާސްބައި ތަފާތު: މުހައްމަދު އާދަމް
މިހާރު އޮތް ޓީސީ ހާސްބައި ތަފާތު: މުހައްމަދު އާދަމް

މިދިޔަ ސީޒަނުގައި އޮތް ޓީސީގެ ޓީމާ މި ވަގުތު އެ ޓީމުގައި އޮތް ސްކޮޑު ހާސްބައި ތަފާތު ކަމަށާއި އެހެން ނަމަވެސް މެޗު ފަސޭހަކޮށްލެވޭނެ ކަމަށް ނުދެކޭ ކަމަށް އެ ޓީމާ ދެކޮޅަށް މިރޭ ނުކުންނަ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗު މުހައްމަދު އާދަމް ބުނެފި އެވެ.

މިހާރު އޮތް ޓީސީ ހާސްބައި ތަފާތު: މުހައްމަދު އާދަމް
މިހާރު އޮތް ޓީސީ ހާސްބައި ތަފާތު: މުހައްމަދު އާދަމް

ޓީސީން މިދިޔަ ސީޒަނުގައި އޭއެފްސީ ކަޕް ކުޅެން ޖެހިފައި އޮތުމާއި ލީގަށް ވާދަކުރަން ޓާގެޓް ކަނޑައަޅައި ވަރުގަދަ ސްކޮޑެއް ހެދި އެވެ. އެހެން ނަމަވެސް އޭއެފްސީ ކަޕް ކެންސަލްވެ ފަހުން ދިމާވި މާލީ ދަތިތަކާ ހުރެ ހަރަދުތައް މެނޭޖްކުރުމުގެ ވިސްނުމާ އެކު މި ސީޒަނަށް އެކުލަވާލީ ނިސްބަތުން ޒުވާން ޓީމެކެވެ. މުހައްމަދު ބުނީ ޓީސީގެ އެ ޓީމުގެ ބޮޑު ތަފާތަކީ މޮޅުވާން އެ ކުރާ މަސައްކަތް ކަމަށެވެ.

"މިދިޔަ އަހަރުގެ ޓީސީ ޓީމާ މިހާރު އޮތް ޓީސީ ޓީމާ ހާސްބައި ތަފާތު. މި އަހަރު އަހަންނަށް ޓީސީ ޓީމުން ފެންނަނީ އެ މީހުންގެ ވޯކިން ރޭޓް. އެ ވަރަށް ހައި އެ މީހުންގެ. އަސްލު ހަގީގަތުގައި އެ މީހުން މޮޅުވާން ވަރަށް ރަނގަޅަށް މަސައްކަތްކުރޭ،" މުހައްމަދު ބުންޏެވެ.

"އެއީ އަސްލުގައި ބޮޑަށް ކޯޗަކަށް ކިޔައިދެވޭނެ އެއްޗަކަށް ވުރެ ބޮޑަށް ކުޅުންތެރިން މޮޅުވާން ބޭނުންވާވަރުން އަންނަ ކަމެއް. މި އަހަރު ނެތް މިވެނި ޓީމަކާ އެކީ ކުޅެލަން ފަސޭހަވާނެއޭ ބުނާވަރުގެ ޓީމެއް. ޓީސީއާ އެކު ކުޅެން ފަސޭހައެއް ނުވާނެ. އެކަމަކު މޮޅުވާކަށް އުނދަގުލެއް ނުވާނެ،"

ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ޔުނައިޓެޑް ވިކްޓްރީ ނުކުތީ މާޒިޔާ އާއި ވެލެންސިއާގެ އިތުރުން ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް ގްރީން ސްޓްރީޓްސް އަތުން ޕޮއިންޓެއް ހޯދި އެވެ. މުހައްމަދު ބުނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް އެ ފެނުނު ރޫހުގައި މުޅި ސީޒަން ބާކީ ބައި ކުޅެން ބޭނުންވާ ކަމަށާއި އަމާޒަކީ އެ މެޗު ނިންމާލި ހިސާބުން މިރޭ އަލުން ފެށުން ކަމަށެވެ.

"ގޯލެއް ވަނަސް އަލުން އަނބުރާ މެޗު މޮޅުވާން އެ ކުރަން ޖެހޭ މަސައްކަތް ކުޅުންތެރިންގެ ފަރާތުން ފެންނަން ފަށައިފި. އެއީ ރަނގަޅު ފާލެއް،" މުހައްމަދު ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީ ތިން މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ޓޭބަލްގެ އެންމެ ފުލުގައި އޮތްއިރު، ޓީސީ އޮތީ ހަތަރު ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ. ލީގުގައި ފުރަތަމަ ކުޅުނު ތިން މެޗުން ޔުނައިޓެޑް ވިކްޓްރީ އަށް މޮޅެއް ލިބިފައިނެތުމަކީ ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް)ގެ ނަޒަރުގައި އެ ޓީމަށް އޮތް ޕްރެޝަރަކަށް ވެދާނެ އެވެ.

"ހަގީގަތުގައި އެ ޕްރެޝަރު ޔޫވީ އަށް އޮންނާނެ. އެ ޕްރެޝަރު ޔޫވީ އަށް އޮތުމަކީ ޓީސީ އަށް އޮންނާނެ އުނދަގުލެއް. ކޮންމެ ގޮތެއް ވިޔަސް މޮޅެތި ކުޅުންތެރިން ތިބި ޓީމެއް ޔޫވީ އަކީ. އެ މީހުން މުބާރާތުގައި އެހެން އޮންނާކަށް ބޭނުމެއް ނުވާނެ. އަނެއްކޮޅުން ޓީސީއާ ކުޅެން ޖެހޭއިރު ގެންނަ ޗޭންޖްތައް ވެސް ތަފާތުވާނެ. އެ ގޮތަށް ބަލާއިރު މިހާރު ޔޫވީއާ ދިމާވީމަ އުނދަގޫވާނެ،" ކުރިން ބީޖީ ސްޕޯޓްސް ކްލަބްގައި މަސައްކަތްކުރި ޝާޒް ބުންޏެވެ.

ލީގުގައި މިހާތަނަށް ޔުނައިޓެޑް ވިކްޓްރީ އާއި ޓީސީ ކުޅެފައި ހުރި މެޗުތައް އަޅާކިޔާއިރު އުނދަގޫ މެޗުތަކެއް ކުޅެފައި ހުރީ ޔުނައިޓެޑް ވިކްޓްރީންނެވެ. ޝާޒް ބުނީ ޕޮއިންޓް ޓޭބަލްގައި މިހާރު ޔުނައިޓެޑް ވިކްޓްރީ އެ އޮތް ހިސާބުގައި އޮންނަން އެ މީހުން ބޭނުމެއްނުވާނެ ކަމަށެވެ. ޓީސީން މެޗަށް ތައްޔާރުވާނީ ޕޮއިންޓް ޓޭބަލަށް ބެލުމެއް ނެތި ކަމަށް ޝާޒް ބުންޏެވެ.

"މުޅި ޔޫވީ އަށް ބަލާއިރުގައި އެ ޓީމުގެ އެޓޭކިންގައި ވަރަށް ވަރުގަދަ ކުޅުންތެރިން އެ ތިބީ. ޔޫވީއާ ދޭތެރޭ ފަސޭހަކޮށް ނުވިސްނޭނެ. އަނެއްކޮޅުން ލީގުގައި ވެސް ނެތް ފަސޭހަކޮށް ވިސްނޭނެ ޓީމެއް. އެކްސްޕީރިއަންސަށް ބަލާއިރު ވަރަށް ރަނގަޅު ސްކޮޑެއް،" ޝާޒް ބުންޏެވެ.

އަނިޔާގެ ސަބަބުން ޔުނައިޓެޑް ވިކްޓްރީގެ ފަސް ވަރަކަށް ކުޅުންތެރިންނަށް މި މެޗުގައި ނުކުޅެވޭއިރު، ޓީސީ އަށް އޮތް ހިތްހަމަޖެހުމަކީ އެ ޓީމުގެ ލިސްޓުގައި ޖަހާފައިވާ ސެއިން ވިންސެންޓުގެ ފޯވާޑް ކެސިއަސް ސްޓެވާޓް ޓީމާ ގުޅިފައިވުމެވެ. ޓީސީ އާއި ޔުނައިޓެޑް ވިކްޓްރީ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.