05 ޖެނުއަރީ 2021 - 08:38

ދާދި ފަހުން ބަތަލާ ކަންގަނާ ރަނާވަތާއި ކުރީގެ ބަތަލާ އުރްމިލާ މަޓޯންޑްކަރާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކޮށްފައި ވަނިކޮށް ދެ ތަރިންގެ މެދުގައި އަނެއްކާ ވެސް ކޯޅުންގަނޑެއް ފެށިއްޖެ އެވެ.
މި ފަހަރު އުރްމިލާއާ ދިމާކޮށްލީ އޭނާ ދާދި ފަހުން ޝިވް ސެނާ ޕާޓީ އަށް ސޮއިކޮށްފައި ވަނިކޮށް މުމްބާއީން ތިން ކްރޯޑް ރުޕީސްގެ އޮފީސް އިމާރާތެއް ގަތް ކަމަށް ބުނާ ވާހަކަ މީޑިއާތަކުން ގެނެސްދިނުމާ އެކީގަ އެވެ.
އުރްމިލާ ތިން ކްރޯޑަށް އޮފީހެއް ގަތް ވާހަކަ ޕިންކްވިލާގައި ގެނެސްދިން ޚަބަރުގެ ސްކްރީންޝޮޓަކާ އެކު ކަންގަނާ ހިންދީ ބަހުން ކުރި ޓްވީޓެއްގައި ބުނީ އޭނާގެ އަމިއްލަ ފައިސާ އިން ގަތް އިމާރާތެއް ބީއެމްސީން މިދިޔަ އަހަރު ތަޅައި ބިމާހަމަކޮށްލީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށެވެ.
އެކަމަކު އެ މީހުން ރުއްސަން އުޅުނު ނަމަ އެފަދަ ކަމަކާ ކުރިމަތިލާން ނުޖެހުނީސް ކަމަށާއި މިފަދަ ހިތްދަތިކަމެއް ކުރިމަތިވީ އަމިއްލަ ގަމާރުކަމާ ހެދި ކަމަށް ކަންގަނާ ބުންޏެވެ. މީގެ އިތުރުން މި މައްސަލަގަނޑުގެ ތެރެއިން އޭނާ އަށް ދެން ކުރިމަތިލާން ޖެހިފައި އޮތީ 25-30 ވަރަކަށް ދައުވާއާ ކަމަށް ކަންގަނާ ބުންޏެވެ.
އެ ވާހަކަތަކަށް ރައްދު ދީ ކަންގަނާ ޓެގްކޮށް، އުރްމިލާ ޓްވިޓާގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ އޮފީސް އިމާރާތެއް ގަތީ އަމިއްލަ ބުރަ މަސައްކަތުން ހޯދި ފައިސާ އިން ކަމަށާއި އެކަމުގެ ހެކި ވެސް އެބަހުރި ކަމަށެވެ. އަދި އެ އިމާރާތަކީ ސިޔާސީ ދާއިރާ އަށް ނުކުތުމުގެ މާ ކުރިން ގަނެފައިވާ ތަނެއް ކަމަށް ވެސް ބުންޏެވެ.
"ހެކި ބަލަން ބޭނުމިއްޔާ އަހަރެން މި ހުރީ ކަންގަނާއާ ބައްދަލުކޮށް މި މުއާމަލާތުގެ ހުރިހާ ޑޮކިއުމަންޓެއް ވެސް ދައްކަން ތައްޔާރަށް،" ރަންގީލާ އާއި ޖުދާއީ އަދި ބޫތު ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅުނު ބަތަލާ ބުންޏެވެ.
ކަންގަނާ އަށް ރައްދުދެމުން އުރްމިލާ ވަނީ ޑްރަގް މާފިއާ ގުޅުން އޮތް މީހަކަށް ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ދެވޭ ބައެއްގެ ބޭނުންކޮށްގެން ސަރުކާރުން "ވައި-ސެކިއުރިޓީ" ދިނީ ކޮން އުސޫލަކުންތޯ ވެސް ސުވާލުކޮށްފަ އެވެ.
ކަންގަނާ އަށް "ވައި-ސެކިއުރިޓީ" ދިން ވާހަަކަ އަކީ އޭނާގެ މުމްބާއީ އޮފީހުގެ ބައެއް ނޮވެމްބަރު މަހުގެ ފަހުކޮޅު ތަޅާލި ހާދިސާގެ ތެރެއިން މީޑިއާތަކުގައި ވެސް ވަރަށް ގަދައަށް ދެކެވުނު ވާހަކައެކެވެ. އެކަމެއް ހިނގީ ކަންގަނާގެ އުފަން ސްޓޭޓް ހިމާޗަލް ޕްރަދޭޝްގެ މަނާލީގައި ހުއްޓައި އޮފީސް ތަޅާލި ދުވަހު އެނބުރި މުމްބާއީ އަށް ކުރި ދަތުރުގެ ތެރޭގަ އެވެ.
ކަންގަނާ އާއި އުރްމިލާއާ ދެމެދު ކުރިން ބަދަލުކުރެވުނު ބަހުގެ ހަމާލާތަކުގައި ކަންގަނާ ވަނީ އުރްމިލާ އަކީ "ސޮފްޓް ޕޯން" ބަތަލާއެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
އުރްމިލާ ޝިވް ސެނާ ޕާޓީއާ މިދިޔަ މަހު ގުޅުނީ މިދިޔަ އަހަރުގެ ކުރީކޮޅު ކޮންގްރެސް އަށް ސޮއިކޮށް، އެ ޕާޓީގެ ޓިކެޓްގައި ލޯކް ސަބާގެ ގޮނޑިއަކަށް ވާދަކޮށް ނާކާމިޔާބުވެފައި ވަނިކޮށެވެ.