03 ޖެނުއަރީ 2021 - 18:58

އެފްއޭއެމްއާ އެކު ކްލަބްތަކުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކަށް ފަހު ރެފްރީންގެ ނިންމުންތަކަށް ކޯޗުންނަށް ފާޑުނުކިޔޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.
އެފްއޭއެމުން އެކަން ހާމަކުރީ ލީގުގައި މިއަދު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް ގްރީންސްޓްރީޓްސް 0-0 އިން އެއްވަރުވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުން ފެށުމުގެ ކުރިންނެވެ.
ދެ ކޯޗުންނަށް މުހާތަބުކޮށް އެފްއޭއެމްގެ މީޑިއާ ހެޑް އަބްދުﷲ އަޒްމީން ބުނީ ނޫސްވެރިންގެ ބައްދަލުވުމުގައި ރެފްރީންގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ.
އެކަމުގެ ތަފްސީލް "މިހާރު" އަށް ދެމުން އަޒްމީން ބުނީ ކްލަބްތަކާ އެކު އެފްއޭއެމުން ސޮއިކޮށްފައިވާ ކޯޑް އޮފް ކޮންޑަކްޓުގެ ދަށުން ރެފްރީންގެ ނިންމުންތަކަށް މީޑިއާގައި ފާޑުނުކިޔެނީ ކަމަށާއި މައްސަލައެއް އޮވެއްޖެ ނަމަ ލިޔުމުން ހުށަހަޅަންވީ ކަމަށެވެ.
"ރެފްރީންގެ ވާހަކަ ދެއްކިދާނެ. އެކަމަކު އޭރުން ޖޫރިމަނާއެއް އަންނާނެ،" އަޒްމީން ބުންޏެވެ.
ސަސްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ ރެފްރީންގެ ވާހަކަދައްކައިގެން އޭނާ އަށް "ލިޔުމެއް" އައިސްފައިވާ ކަމަށެވެ.
ނަން ހާމަނުކުރާ ގޮތަށް އެފްއޭއެމްގެ އޮފިޝަލަކު "މިހާރު" އަށް ބުނި ގޮތުގައި އެހެން ހަދަން ޖެހުނީ ރެފްރީންނަށް ހިމާޔަތެއް ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން ރެފްރީންނަށް ކޯޗުން ފާޑުކިޔުމުން އެ ރެފްރީން ވަޒީފާ އަދާކުރާ އޮފީސްތަކުން ރެފްރީންނަށް ފިޔަވަޅު އަޅާފައި އެބަހުރި ކަމަށް އޭނާ ބުންޏެވެ.
"ރެފްރީ އަށް ފާޑުކީމާ އެ މުއައްސަސާ އިން މި ބުނަނީ އޭނާގެ ސަބަބުން ތަނުގެ ނަމަށް އެބަ ހުތުރުވެޔޭ. އެހެންވެ އެބަހުރި ރެފްރީންނަށް ފިޔަވަޅު އަޅާފައި. އެކަންކަން ހުއްޓުވަން ކުރި ކަމެއް މިއީ. ރެފްރީންގެ މައްސަލައެއް އޮވެއްޖެއްޔާ ލިޔުމުން އެފްއޭއެމަށް ހުށަހަޅަންވީ،" އޭނާ ބުންޏެވެ.
މެޗަށް ފަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ރެފްރީންނަށް ފާޑުކިޔުމަކީ ވަރަށް އާއްމު ކަމެކެވެ. ހާއްސަކޮށް ބަލިވާ ޓީމުގެ ކޯޗު، މާޔޫސްކަމާއި ހިތްހަމަނުޖެހުން ވަރަށް ގިނައިން ރެފްރީ އަށް ބާލަ އެވެ. މީގެ ކުރިން ދިވެހި ފުޓްބޯޅައިގައި ސަޕޯޓަރުންގެ ޖިސްމާނީ ހަމަލާ ވެސް ރެފްރީންނަށް އަމާޒުވެފައިވެ އެވެ.