އައިއެސް އިން ދުނިޔޭގައި ތިބެން ބޭނުން ނަމަ ހަތިޔާރު ބަހައްޓާ: އަބާދީ
އައިއެސް އިން ދުނިޔޭގައި ތިބެން ބޭނުން ނަމަ ހަތިޔާރު ބަހައްޓާ: އަބާދީ

ބަޣުދާދު (ނޮވެމްބަރު 6) - މޫސަލްގައި ތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން ދުނިޔޭގައި އިތުރަށް ތިބެން ބޭނުން ނަމަ ހަތިޔާރު ބަހައްޓާ އަމާން ދިނުމަށް އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ އިންޒާރު ދެއްވައިފި އެވެ.

މޫސަލްގެ އިރުމަތީގެ ހިސާބުތަކަށް ވަޑައިގެން އަބާދީ ވިދާޅުވީ އައިއެސްގެ ކުރިމަތީގައި އިރާގު ސިފައިން އަމާން ނުދޭނެ ކަމަށެވެ. އަދި މޫސަލްގެ ރަައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ވަރަށް އަވަހަށް އެ ސިޓީ މިނިވަން ކުރާނެ ކަމަށެވެ.

"އައިއެސް އަށް ދޭން ބޭނުންވާ އަޅުގަނޑުގެ މެސެޖަކީ ދުނިޔޭގައި ދިރި ތިބެން ބޭނުންވާ ނަމަ އަވަހަށް ހަތިޔާރު ބަހައްޓާ އަމާންދީ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބާދީ ވިދާޅުވި އެވެ.

ޓައިގްރިސް ކޯރުގެ ދެކުނުން 10 މޭލު ދުރުގައި އޮންނަ ހައްމާން އަލް އަލީ އަވަށް އިރާގު ސިފައިން އިއްޔެ ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. ލެފްޓިނެންޓް ޖެނެރަލް ރާއީދު ޝާކިރު ޖައުދާތު ވިދާޅުވީ އިރާގު ސިފައިން މިހާރު ތިބީ އެ ޓައުނުގެ މެދުތެރޭގައި ކަމަށެވެ. ނަމަވެސް މޫސަލް އިން އައިއެސް އެކުގައި ފައްސާލާނެ އިރެއް ލެފްޓިނެންޓް ޖެނެރަލް ވިދާޅެއް ނުވެ އެވެ. މޫސަލްގެ އިރުން އޮންނަ އަލް ޒަހްރާ އަށް ވެސް އިއްޔެ ވަނީ އިރާގު ސިފައިން ވަދެފަ އެވެ.

ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި އައިއެސް އިން ދަނީ މޫސަލްގެ ބޮޑެތި މަގުތަކުގައި ކޮންކްރީޓް ބެރިކޭޑް ޖަހަމުންނެވެ.

އައިއެސްގެ ބާރުގެ ދަށަށް މޫސަލް ގެންދިޔައީ ޖޫން، 2014 ގަ އެވެ. އެ ޖަމާއަތުގެ ޚިލާފަތު އައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ އިއުލާން ކުރީ ވެސް މޫސަލްގަ އެވެ. މޫސަލް ހިފުމުގެ ފަހުގެ އޮޕަރޭޝަން އިރާގު ސިފައިން ފެށީ މިދިޔަ މަހު 17 ވަނަ ދުވަހު އެވެ.