ސަސް އާއި ގްރީންސްޓްރީޓްސް އެއްވަރުވެއްޖެ
ސަސް އާއި ގްރީންސްޓްރީޓްސް އެއްވަރުވެއްޖެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް ގްރީންސްޓްރީޓްސް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

މި ނަތީޖާއާ އެކު ސަސް ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ހަމަކޮށް ތާވަލުގެ ތިން ވަނަ އަށް އަރައިފަ އެވެ. އަދި ގްރީން ވަނީ ހަތަރު މެޗުން ދެ ޕޮއިންޓާ އެކު ހަ ވަނަ އަށް އަރައިފަ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން މާޒިޔާ އެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ވެލެންސިއާ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން މާ ނުރައްކާތެރި ހަމަލާތަކެއް ނުފެނެ އެވެ. ލަނޑެއް ޖެހުމާ އެންމެ ގާތަށް ދިޔައީ 19 ވަނަ މިނެޓުގައި ގްރީންގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން ސަސްގެ ދިފާއީ ފާރުން ނެއްޓި ގޮސް ތިރީ ކަނަށް ވަންނަން ދަނިކޮށް ސަސްގެ ގޯލްކީޕަރު މަމަތުނޮހޯފް މިރްޒޮހިދް ސަލާމަތްކުރި އެވެ.

ދެ ވަނަ ހާފު ފަށައިގެން 60 ވަނަ މިނެޓުގައި ސަސްގެ ރޮޑްރިގޭޒް މުނޯޒް ވިކްޓަ ފޮނުވާލި ބާރު ޝޮޓެއް ގްރީންގެ ގޯލްކީޕަރު ހަނީފް ސާގިބް މަތަކުރި އެވެ.

އޭގެ މިނެޓެއް ފަހުން ގްރީންގެ މުސްލިހް މުހައްމަދު އުފެއްދި ހަމަލައެއްގައި، އަބްދުﷲ ޔާމީން އޭރިއާ ތެރެއަށް ވައްޓާލި ބޯޅައަށް މުސްލިހް އަލުން އަރައި ގޯލަށް ޖަހަޖަހާ އޮއްވާ ސަސްގެ ކީޕަރު އެ ބޯޅަ އަތުލި އެވެ.

މެޗުގެ ފަހުކޮޅު ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ފުރަތަމަ ފުރުސަތުގައި 85 ވަނަ މިނެޓުގައި ބެންޖޯ ފޮނުވާލި ހިލޭ ޖެހުން ގޯލުގެ ކަނަށް ވަންނަން ދަނިކޮށް ކީޕަރު ޕަންޗުކުރީ އެވެ. އޭގެ ފަހުން އިތުރު ވަގުތުގެ ތެރޭގައި މުހައްމަދު ރަޝީދު (ހޮކޭ) ނެގި ހިލޭ ޖެހުމެއް ބެންޖޯ ބޮލުން ޖެހުމުން ވެސް ކީޕަރު ސަލާމަތްކުރީ އެވެ.

އެ ވަގުތު ގްރީންގެ އަލީ ޝާމިތު (މައިތޯ) އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅައެއް އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.

މަދުވެގެން ޕޮއިންޓަކަށް މަސައްކަތްކުރާނެ ކަމަށް މެޗުގެ ކުރިން ބުނި ސަސްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) މެޗަށް ފަހު ބުނީ ކުޅުމަށް ބަލާއިރު މިއީ އެންމެ ރަނގަޅު މެޗު ކަމަށާއި އޭނާ ބުނި ގޮތަށް ކުޅުނު ކަމަށެވެ.

އެހާ ރަނގަޅަށް ކުޅުނުއިރު ތިން ޕޮއިންޓް ނުލިބުނީ ކީއްވެތޯ އެހުމުން ނާދު ބުނީ މެޗުން ހޯދޭނެ ނަތީޖާއަކަށް ޓާގެޓްކުރަނީ އިދިކޮޅު ޓީމުގެ ފެންވަރަށް ވެސް ބެލުމަށް ފަހު ކަމަށާއި މި މެޗުން ޕޮއިންޓަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

ގްރީންގެ ކޯޗު އަލީ ނިސްތާރު ބުނީ މިއީ ވަރަށް ބުރަކޮށް މަސައްކަތްކުރި މެޗެއް ކަމަށާއި ދެ ޓީމުގެ ކުޅުންތެރިން ވެސް ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ކުޅުނު ކަމަށެވެ.

"ސްކޯ ނުކުރެވިގެން މިއަދު ތިން ޕޮއިންޓް ނުލިބި މިދިޔައީ. އެކަމަށް މަސައްކަތްކުރާނަން،" އޭނާ ބުންޏެވެ.