ވަކީލަށް ފުރުސަތު ނުދީ ބަންދު މުއްދަތު އިތުރުކުރުމުން ބަންދުން ދޫކޮށްލަން އަމުރުކޮށްފި
ވަކީލަށް ފުރުސަތު ނުދީ ބަންދު މުއްދަތު އިތުރުކުރުމުން ބަންދުން ދޫކޮށްލަން އަމުރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކަށް ވަކީލެއްގެ ފުރުސަތު ނުދީ ބަންދު މުއްދަތު އިތުރު ކުރުމުން އޭނާ ބަންދުން ދޫކޮށްލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

މިދިޔަ ނޮވެމްބަރު މަހު ކޮފީ މެޝިނެއްގެ ތެރެއަށް މަސްތުވާތަކެތި އަޅައިގެން ގެންގުޅުނު ކަމުގެ ތުހުމަތެއްގައި ބ. އަތޮޮޅުގެ ރަށަކުން ހައްޔަރުކުރި އެ މީހާ 15 ދުވަހަށް ބަންދު ކުރަން މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރުނީ އޭނާގެ ވަކީލު ބަންދު މުއްދަތު މަޖިލީހުގައި ބައިވެރިވާން އެދިފައި ވަނިކޮށް އެ ފުރުސަތު އޭނާއަށް ދިނުމެއް ނެތި އެވެ. އެ ފުރުސަތު އެ ވަކީލަށް ނުދިނީ ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ހިންގުމުގެ ވަސީލަތް އެ ކޯޓުގައި ނެތް ކަމަށް ބުނެ އެވެ.

އެ މައްސަލަ އެ މީހާގެ ފަރާތުން ހައި ކޯޓުގައިި އިސްތިއުނާފް ކުރުމުން ދައުލަތުން ވެސް ވަނީ އެ ބަންދު ގާނޫނާ ޚިލާފްވާނެ ކަމަށް އެއްބަސްވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ކުރި ހުކުމުގައިވަނީ ވަކީލުންގެ އެހީތެރިކަން ލިބުމަކީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގަކަށް ވެފައި، އެ ހައްގު ދިނުމެއް ނެތި ބަންދު މުއްދަތު އިތުރު ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފަށް ކުރާ ކަމަކަށް ވާނެ ކަމަށެވެ.

ގާނޫނު އަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމެއް ބާތިލްވާނެ ކަމަށް ގާނޫނު އަސާސީގައި ބުނާތީ އެ މީހާ ބަންދުގައި ބަހައްޓަން މާޅޮހު ކޯޓުން ނެރުނު އަމުރު ބާތިލްކުރީ ކަމަށް އެ މައްސަލަ ހައި ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.