03 ޖެނުއަރީ 2021 - 11:59

ނިއު ދިއްލީ (ޖެނުއަރީ 3) - އޮކްސްފޯޑާއި އެސްޓްރަޒެނިކާ ގުޅިގެން ކޮރޯނާވައިރަހަށް އުފެއްދި ވެކްސިނާއި ބާރަތު ބަޔޯޓެކުން އުފެއްދި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އިންޑިއާ އިން ދީފި އެވެ.
"ސީރަމް އިންސްޓްޓިއުޓުގެ ވެކްސިން (އޮކްސްފޯޑް/އެސްޓްރަޒެނެކާ) އާއި ބާރަތު ބަޔޯޓެކްގެ ވެކްސިން އިމަޖެންސީ ހާލަތުގައި ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފައި،" އިންޑިއާގެ ޑްރަގްސް ކޮންޓްރޯލާ ޖެނެރަލް ވީ.ޖީ. ސޮމާނީ ވިދާޅުވި އެވެ. "ވެކްސިންގެ ރައްކާތެރިކަމާ މެދު ކުޑަވެސް ޝައްކެއް އުފެދޭ ނަމަ ހުއްދައެއް ނުދޭނަން."
އޭނާ ވިދާޅުވީ ހުއްދަ ދިނީ 100 ޕަސެންޓް ރައްކާތެރި ވެކްސިންތަކަށް ކަމަށާއި ވެކްސިން ޖެހުމުން ކުޑަކޮށް ހުން އައުމާއި ގައިގައި ރިއްސުމަކީ ކޮންމެ ވެކްސިނަކުން ވެސް ދިމާވާނެ ކަމެއް ކަމަށެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެކްސިން އަށް އަވަސް މުއްދަތެއްގައި ހުއްދަ ދިނުމަކީ ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމައިގައި، ކޮވިޑުން ގައުމު ސަލާމަތް ކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
އިންޑިއާ އަކީ ކޮވިޑަށް ދެ ވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމެވެ. އެ ގައުމުން 10.3 މިލިއަން މީހުންނަށް ބަލިޖެހިފައިވާ އިރު 150،000 މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް ސެޕްޓެމްބަރު މަހުން ފެށިގެން ކޮވިޑް ކޭސްތައް ވަނީ ދަށްވާން ފަށައިފަ އެވެ.
ކޮރޯނާވައިރަހުގެ ދެ ވެކްސިނަކަށް އިންޑިއާ އިން ހުއްދަ ދިން އިރު، އާބާދީގައި 1.3 ބިލިއަން މީހުން ހިމެނޭ ގައިމުން އަންނަނީ ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންނެވެ. އިންޑިއާ އިން މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމަށް ތައްޔާރުވުމަށް ރިހާސަލްތައް ވެސް ބާއްވައިފަ އެވެ.
ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ސީރަމް އިންސްޓްޓިއުޓުން ބުނެފައި ވަނީ އޮކްސްފޯޑް/އެސްޓްރަޒެނިކާގެ ވެކްސިންގެ 50-60 މިލިއަން ޑޯޒް މަހެއްގެ މައްޗަށް އުފެއްދޭނެ ކަމަށެވެ.