06 ނޮވެމްބަރ 2016 - 11:52

އަންނަ ޖެނުއަރީ 14 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން މިއަދު އިތުރުކޮށްފި އެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ ޑިސެމްބަރު 1 ގެ ނިޔަލަށެވެ.
އެ ގޮތަށް ނިންމީ ކީއްވެގެން ކަމެއް އިލެކްޝަންސް ކޮމިޝަނުން ހާމައެއް ނުކުރެ އެވެ. އެ ކޮމިޝަނުން ކުރިން ބުނި ގޮތުން އިންތިހާބަށް ކުރިމަތިލާ މީހުންނާއި އިންތިހާބުގެ އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބު ކަމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް ފޯމް ހުށަހެޅޭނީ މި މަހު 15 ގެ ނިޔަލަށެވެ.
އެމްޑީޕީ އާއި އަދާލަތު ޕާޓީން ކުރިން ބުނެފައި ވަނީ އިންތިހާބަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްދޭން އެދިފައިވާނެ ކަމަށެވެ.
ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ކޮމިޝަނުން ހުޅުވާލީ އޮޮކްޓޯބަރު 26 ގަ އެވެ.
އިންތިހާބުގައި ވޯޓުލާ މީހުންގެ ތެރެއިން، ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓު ލާން ރަޖިސްޓްރީވާން ހުށަހެޅުމުގެ ފުރުސަތު މާދަމާއިން ފެށިގެން މި މަހުގެ 21 ވަނަ ދުވަހަށް ވަނީ ހުޅުވާލައިފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި މިފަހަރު އިންތިހާބުކުރާނީ 653 ކައުންސިލަރުންނެވެ. އިލެކްޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 179 ރަށު ކައުންސިލަކަށް 563 ރަށު ކައުންސިލަރުންނާއި 18 އަތޮޅު ކައުންސިލަކަށް 67 އަތޮޅު ކައުންސިލަރުން އަދި ތިން ސިޓީ ކައުންސިލަކަށް 23 ސިޓީ ކައުންސިލަރުން އިންތިހާބުކުރާނެ ކަމަށެވެ.
އިންތިހާބު މޮނީޓާ ކުރުމަށް ރާއްޖޭން ބޭރުގެ ގިނަ އޮބްޒާވަރުންތަކެއް ރާއްޖެ އަންނާނެ ކަމަށް އީސީން ބުންޏެވެ. އޭގެ ތެރޭގައި އިންތިހާބުތަކާ ބެހޭ ދުނިޔޭގެ ޖަމިއްޔާ އާއި މި ސަރަހައްދުގެ އިންތިހާބާ ބެހޭ ޖަމިއްޔާތައް ވެސް ހިމެނެ އެވެ.
އިންތިހާބުގައި ރާއްޖޭގެ އެކި ރަށްރަށުގައި 400 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި 132 ވޯޓު ފޮށި ހުންނާނެ އެވެ. އިންތިހާބާ ގުޅޭ ހުރިހާ ކަމެއް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދަނީ ބާ ޖަމާލުއްދީންގެ އިމާރާތުގަ އެވެ.