03 ޖެނުއަރީ 2021 - 11:50

އަދާލަތު ޕާޓީގެ ނައިބު ރައީސްގެ މަގާމަށް އަންހެނުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވައިދު އިސްލާހުކޮށްފި އެވެ.
ޕާޓީގެ އެންމެ މަތީ މަގާމުތަކަށް އަންހެނުންނަށް ވާދަކުރެވޭނެ ފުރުސަތު ނެތުމުން، މި ފަހުން އެ ޕާޓީއަށް ބައެއް މީހުންގެ ފާޑުކިއުން އަމާޒުވި އެވެ. އަދާލަތު ޕާޓީގެ އަސާސީ ގަވައިދުގެ 42 ވަނަ މާއްދާގެ (ޅ) ބުނާ ގޮތުން، ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭނީ ހަމައެކަނި ފިރިހެނުންނަށެވެ. އެކަމަކު މިހާރު ނައިބު ރައީސްގެ މަގާމަށް އަންހެނުންނަށް ވެސް ވާދަކުރެވޭ ގޮތް ހެދީ އެވެ.
އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ރައީސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު "މިހާރު" އަށް ވިދާޅުވީ އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް އަންހެނުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް ހުށަހެޅި އިސްލާހު ފާސްވުމުގެ އިތުރުން ވެސް ގިނަ އިސްހާލުތަކެއް ގެނެސްފައިވާ ކަމަށެވެ.
"ކުރިން ނައިބު ރައީސްގެ މަގާމަށް އަންހެނަކަށް ކުރިމަތި ނުލެވޭ ގޮތަށް އޮތް އޮތުން މިހާރު ވާނީ އިސްލާހުކޮށްފައި،" ނަޒީރު ވިދާޅުވި އެވެ.
ނައިބު ރައީސް ކަމަށް އަންހެނުންނަށް އާދެވޭ ގޮތަށް އަސާސީ ގަވައިދު އިސްލާހުކުރި ނަމަވެސް އެ ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންހެނުންނަކަށް އަދިވެސް ނެތެވެ. އެ މާއްދާ އިސްލާހު ކުރަން އެއްވެސް މެންބަރަކު ހުށަހަޅާފައި ނުވާ ކަމަށް، އެނގިފައިވެ އެވެ.
މި މަހު 23 ގައި އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވަ އެވެ. އެ އިންތިހާބުގެ ކުރިން އަސާސީ ގަވާއިދަށް ގެންނަ އިސްލާހުތައް ފާސްކުރަނީ ޕާޓީގެ މަޝްވަރާ މަޖިލިހުންނެވެ. އެގޮތުން އެންމެ ފަހުން ގެނައި ބަދަލުތައް ފާސްކުރީ މިދިއަ ހަފުތާގަ އެވެ.
ނަޒީރު ވިދާޅުވީ މިހާރު ގެނައި އިސްލާހުތަކުގެ ތެރޭގައި ތިން ނައިބު ރައީސުން ތިބޭ ގޮތަށް ހަމަޖެއްސުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން އެ ޕާޓީގެ ބައެއް އިސް މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މެދުނުކެނޑި އެ ޕާޓީއަށް ދެ އަހަރު ހިދުމަތްކުރުން ހިމެނޭ ގޮތަށް ވެސް އަސާސީ ގަވައިދަށް ވަނީ ބަދަލު ގެނެސްފަ އެވެ.