03 ޖެނުއަރީ 2021 - 12:17

އަދާލަތު ޕާޓީގެ ބާރުތައް އެކެއްގެ މުށުތެރެއަށް ދާ ގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކުރާތީ އެކަމުގެ ޝަކުވާ މިދިއަ ހަފުތާގެ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް، ޕާޓީގެ ބައެއް މެމްބަރުން ހުށައަޅާފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފި އެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް "މިހާރު" އަށް ވިދާޅުވީ މިދިޔަ ހަފްތާގެ ގާތްގަނޑަަށް ކޮންމެ ދުވަހަކުހެން އަދާލަތު ޕާޓީގެ މެންބަރެއްގެ ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މެންބަރުންގެ މައިގަނޑު ޝަކުވާއަކީ ވަކި މީހަކަށް ބާރުތައް ލިބޭ ގޮތަށް ޕާޓީގެ އަސާސީ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް ޕާޓީގެ ތެރޭގައި ކުރިޔަށް ދިއުމެވެ. އެގޮތުން ޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތަކަށް މެދުނުކެނޑި ދެ އަހަރު ޕާޓީއަށް ހިދުމަތް ކުރުން ހިމެނުމަކީ ވެސް، ޝަކުވާ ހުށައެޅި ބައެއް މެމްބަރުން ފާހަގަކުރި މައްސަލައެކެވެ.
"މައިގަނޑު ޝަކުވާއެއް އޮތީ ވަކި މީހަކު ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ދާ ގޮތަށް ދުސްތޫރު ބަދަލު ކުރަަމުންދާ ކަމަށް. އެކެއްގެ މުށުތެރޭގައި ހުރިހާ މަގާމްތަކެއް ބެހެއްޓުމަށް ދުސްތޫރު ބަދަލުކުރަން އުޅުން،" ޝަރީފް ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެ ޝަކުވާތަކަށް އީސީން ވަކި ޖަވާބެއް ނުދެ އެވެ. ސަބަބަކީ އަދާލަތު ޕާޓީގެ އަސާސީ ގަވައިދަށް އެއްވެސް ބަދަލެއް ގެނެސްފައިވާކަން އެ ޕާޓީން އީސީއަށް ހުށަހަޅާފައި ނުވާތީ ކަމަށް ވިދާޅުވި އެވެ.
"ދުސްތޫރެއް އިސްލާހުކުރެވޭނީ އަސާސީ ގަވައިދުގައި އޮންނަ ގޮތަށް. އެއާ ހިލާފަށް ގެންނަ އިސްލާހުތަކަކީ އީސީން ގަބޫލުކުރާނެ އެއްޗެއް ނޫން. އަސާސީ ގަވައިދުގައި އޮންނާނެ އަސާސީ ގަވައިދަށް ބަދަލު ގެނެވޭނެ ގޮތްތައް،" ޝަރީފް ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ އަސާސީ ގަވާއިދު ނުވަތަ ދުސްތޫރަށް އިސްހާލު ގެނެއުމުގެ ބާރު މަޝްވަރާ މަޖިލިހަށް ލިބިގެންވެ އެވެ. ގަވާއިދު ބުނާ ގޮތުން މަޝްވަރާ މަޖިލިހުގެ ބައްދަލުވުމެއް މަހަކު އެއް ފަހަރު ބާއްވަން ޖެހެ އެވެ.
އަދާލަތު ޕާޓީގެ ރައީސަކީ ހޯމް މިނިސްޓަރު އިމްރާާން އަބްދުﷲ އެވެ. ނައިބު ރައީސަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.
އަދާލަތު ޕާޓީން އަސާސީ ގަވާއިދަށް އިސްލާހު ގެންނަނީ މި މަހު 23 ގައި އޮންނަ އެ ޕާޓީގެ އެތެރޭގެ އިންތިހާބަށެވެ.
އަދާލަތު ޕާޓީއަކީ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ވަރަށް މެމްބަރުން ތިބި ޕާޓީއެއް ނޫނެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ މަދުވެގެން 10،000 މެމްބަރުން ތިބޭ ޕާޓީތަކަށެވެ.