ރައްޓެހިން ގާތު ބުނެގެން ފިލްމުތަކުން ފުރުސަތެއް ނުހޯދަން: ދިއާ މިރްޒާ
ރައްޓެހިން ގާތު ބުނެގެން ފިލްމުތަކުން ފުރުސަތެއް ނުހޯދަން: ދިއާ މިރްޒާ

ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ތަރިންނާއި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާ އަބަދު ވެސް ގާތް ގުޅުމެއް އޮތް ނަމަވެސް އެއްވެސް އިރަކު ރައްޓެހިކަމުގެ ބޭނުން ހިފައި އެއިން އެއްވެސް މީހެއްގެ ނުފޫޒުގެ ތެރެއިން ފިލްމުތަކުން ފުރުސަތު ހޯދަން މަސައްކަތް ނުކުރާ ކަމަށް ބަތަލާ ދިއާ މިޒްޒާ ބުނެފި އެވެ.

މިހާރު ވަރަށް މަދުން ނޫނީ ފިލްމުތަކުން ނުފެންނަ ދިއާ ބޮލީވުޑަށް ނުކުތީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު 2001 ގެ "ރެހެނާ ހޭ ތޭރޭ ދިލް މޭ" އިންނެވެ. މިސް އޭޝިއާ ޕެސިފިކް އިންޓަނޭޝަނަލްގެ ތާޖު ވެސް ހާސިލުކޮށްފައިވާ 39 އަހަރުގެ ދިއާ އަކީ ފިލްމީ ދާއިރާ އަށް ނުކުތް ދުވަސްވަރު، އައިޝްވާރިއާ ރާއީއާ ވައްތަރު ގޮތެއް ހުންނަ ކަމަށް ގިނަ ބަޔަކު ފާހަގަކުރި ބަތަލާއެކެވެ.

އެކަމަކު ދިއާ އަކީ އެހާ ކާމިޔާބު ބަތަލާއެއް ނޫނެވެ. ސައިފް އަލީ ޚާނާއި ސަލްމާން ޚާނާއި ވިވެކް އޮބެރޯއީ ފަދަ މަޝްހޫރު އެކްޓަރުންނާ އެކު ފިލްމު ކުޅުމުގެ ފުރުސަތު ލިބުނަސް، ފަހުން ފަހުން ދިއާ މުޅިން ވެސް ފެންނަނީ ސަޕޯޓިން ރޯލްތަކުންނެވެ. އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ތާޕްސީ ޕައްނޫގެ "ތައްޕަޅު" އިންނެވެ.

މިދިޔަ އަހަރު ކައިވެނި ވެސް ރޫޅުނު ދިއާ ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަކީ އަބަދުވެސް ޒާތީ ގުޅުންތަކާއި ޕްރޮފެޝަނަލް ގުޅުންތައް މަސްހުނިނުކުރަން އިސްކަންދޭ މީހެއް ކަމަށެވެ.

"އެހެންވެ ދުވަހަކު ވެސް ނުހުންނާނެ ރައްޓެހިކަމުގެ ގުޅުމުގެ ތެރެއިން އެއްވެސް މީހެއްގެ ގާތުގައި އެދިގެން ފުރުސަތުތައް ހޯދަން މަސައްކަތްކޮށްފައެއް،" މިހާރު ތިމާވެށީގެ އެކްޓިވިސްޓެއްގެ ގޮތުގައި ބޮޑަށް ފާހަގަކުރެވޭ ބަތަލާ ބުންޏެވެ.

ދިއާ ބުނި ގޮތުގައި އޭނާއާ ގިނަ ބަޔަކާ ގާތްކަން އުފެދިފައި އޮންނާނީ ކުރެވުނު މަސައްކަތްތަކުގެ ތެރެއިންނެވެ.

"މަސައްކަތުގެ ތެރެއިން އުފެދުނު ގާތްކަމާއި ރައްޓެހިކަން އަބަދު ވެސް އެންމެންނާ ބާއްވާ މީހެއް އަހަންނަކީ. އެކަމަކު އެއް އިރަކު ވެސް ރައްޓެހިކަމުގެ ތެރެއިން ލާފައި ފުރުސަތުތައް ދޭން އެއްވެސް މީހެއްގެ ކިބައިން އެދިފައެއް ނޯންނާނެ،" އޭނާ ބުންޏެވެ.

ދިއާ ބުނީ ފިލްމީ ކެރިއަރާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި ފުރުސަތުތައް ލިބޭ ވަރަކުން ކުރިއަށް ދާނެ ކަމަށެވެ. ދިއާ އަކީ ފިލްމުތަކުން ލިބޭ ރޯލްތަކުގެ އިތުރުން ވެބް ސީރީޒްތައް ވެސް ކުޅެމުން އަންނަ ބަތަލާއެކެވެ.

އޭނާ އަކީ ޕްރޮޑިއުސަރެއް ވެސް މެ އެވެ. ބަތަލާ ވިދިއާ ބަލަން 2014 ގައި ކުޅުނު "ބޮބީ ޖާސޫސް" އަކީ ދިއާ އާއި އޭރު އޭނާގެ ފިރިމީހާ ސާހިލް ސާންގާ ޕްރޮޑިއުސްކުރި ފިލްމެކެވެ.

ދިއާގެ ކުރިއަށް އޮތް ފިލްމަކީ ތެލެގޫ ފިލްމު "ވައިލްޑް ޑޯގް" އެވެ.