މާޒިޔާގެ ކޯޗަކަށް ސާބިއާ ގައުމީ ޓީމުގައި ކުރިން މަސައްކަތްކުރި ވިޑަކޮވިޗް ހަމަޖައްސައިފި
މާޒިޔާގެ ކޯޗަކަށް ސާބިއާ ގައުމީ ޓީމުގައި ކުރިން މަސައްކަތްކުރި ވިޑަކޮވިޗް ހަމަޖައްސައިފި

ސާބިއާ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ރިސްޓޯ ވިޑަކޮވިޗް މާޒިޔާގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

މާޒިޔާގެ ކޯޗުގެ މަގާމު ހުސްވީ ލީގުގައި އެންމެ ފަހުން ވެލެންސިއާއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހު އޭރު މާޒިޔާގެ ކޯޗަކަށް ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) މަގާމުން އިސްތިއުފާ ދިނުމުންނެވެ.

މާޒިޔާއާ އެކު މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓް ހެދި ވިޑަކޮވިޗް އަކީ ފުރަތަމަ ޑިވިޝަނުގައި އެ ޓީމުން ވާދަކުރަން ފެށި ފަހުން އެ ޓީމަށް އިރުޝާދުދޭނެ ފަސް ވަނަ ކޯޗެވެ.

ބިދޭސީ ކޯޗަކަށް މީގެ ކުރިން މާޒިޔާ އަށް އިރުޝާދުދިން ހަމައެކަނި ކޯޗަކީ މެެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ އެވެ. އޭނާ ވަނީ ދެ ފަހަރެއްގެ މަތިން މާޒިޔާގައި މަސައްކަތްކޮށްފަ އެވެ. އެއީ 2017 ވަނަ އަހަރާއި މިދިޔަ ސީޒަނުގަ އެވެ.

މާޒިޔާ އަކީ އުމުރުން 51 އަހަރުގެ ވިޑަކޮވިޗް އޭޝިއާގައި ކޯޗުކޮށްދޭ ދެ ވަނަ ޓީމެވެ. އޭނާ އެންމެ ފަހުން ތިން އަހަރުގައި މަސައްކަތްކުރީ ފިލިޕީންސްގެ ޗެމްޕިއަން ސެރެސްގަ އެވެ. އެ ތިން އަހަރު ވެސް އޭނާ ވަނީ ސެރެސް އަށް ފިލިޕީންސް ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ.

ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ވިޑަކޮވިޗް ކޯޗިން ކެރިއަރު ފެށީ 2006 އިން 2007 އަށް ސާބިއާގެ ގައުމީ ޓީމުގެ އެސިސްޓަންޓެއްގެ ގޮތުގަ އެވެ. އެއީ ސްޕެއިނުގެ މަޝްހޫރު ކޯޗު ހާވިއޭ ކްލެމެންޓޭގެ އެސިސްޓަންޓެއްގެ ގޮތުގަ އެވެ. ސްޕެއިން ގައުމީ ޓީމަށް ވެސް ކޯޗުކޮށްދިން ކްލެމެންޓޭ ސާބިއާ ޓީމު ދޫކޮށް ރެއާލް މުރުސިއާއާ 2008 ވަނަ އަހަރު ހަވާލުވުމުން އޭނާއާ އެކު އެ ޓީމަށް ވެސް ރިސްޓޯ ދިޔަ އެވެ.

ހެޑް ކޯޗެއްގެ ގޮތުގައި ވިޑަކޮވިޗް ކެރިއަރު ފެށީ 2009 ވަނަ އަހަރު އަންދަލުސް ސަރަހައްދުގެ ޓީމު އެސީޔާ އިންނެވެ. އޭގެ ފަހުން 2016 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ސްޕެއިނުގެ ކާޑިޒް އާއި ރެއާލް ބެޓިސްގެ ބީ ޓީމުގެ އިތުރުން ހޮންޑިއުރަސްގެ މޮޓަގުއާ އަށް ކޯޗުކޮށްދީފަ އެވެ.

ސެރެސް އަށް 2016 ވަނަ އަހަރު ބަދަލުވުމަށް ފަހު ޖެހިޖެހިގެން ތިން އަހަރު ފިލިޕީންސްގެ ޗެމްޕިއަންކަން އެ ޓީމަށް ހޯދައިދިނުމުގެ އިތުރުން އޭނާ ވަނީ އެ ޓީމަށް އޭއެފްސީ ކަޕްގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެދީފަ އެވެ. އެ ގޮތުން 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި މެލޭޝިއާގެ ވަރުގަދަ ޖޮހޯރް ބަލިކޮށް އާސިއާން ޒޯންގެ ޗެމްޕިއަންކަން ހޯދި އެވެ. އެ ފަހަރު އިންޓަ ޒޯން ސެމީ ފައިނަލުން ސެރެސް ބަލިވީ ތަޖިކިސްތާންގެ އިސްތިގްލާލް އަތުންނެވެ.

ޖެހިގެން އައި އަހަރު އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކޮލިފައިން ބުރުގައި ސެރެސް ގޮވައިގެން ވިޑަކޮވިޗް ވަނީ ވާދަކޮށްފަ އެވެ. މިއީ އެ ކްލަބްގެ ތާރީހުގައި އޭއެފްސީ ޗެމްޕިއަންސް ލީގުގައި ނުކުތް ފުރަތަމަ ފަހަރެވެ. ކޮލިފައިން ފުރަތަމަ ބުރުގައި އޮސްޓްރޭލިއާގެ ބްރިސްބޭން ރޯ އަތުން މޮޅުވި ނަމަވެސް ދެ ވަނަ ބުރުގައި ޗައިނާގެ ޓިއާންޖިން އަތުން ބަލިވެ ކެޓީ އެވެ. އަދި ފަހުން އޭއެފްސީ ކަޕްގައި ވާދަކޮށް އާސިއާން ޒޯން ފައިނަލުގައި ހޯމް ޔުނައިޓެޑް އަތުން ބަލިވީ އެވެ.

މާޒިޔާ އިން ވިޑަކޮވިޗް ގެނައި އެންމެ ބޮޑު އެއް ބޭނުމަކީ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރުމެވެ. މި އަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާ ވާދަކުރަން ޖެހެނީ އިންޑިއާގެ އޭޓީކޭ މޯހަން ބާގަން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްގެ އިތުރުން ކޮލިފައިން ބުރުން އަންނަ ޓީމެކެވެ. ކޮލިފައިން ބުރުގައި ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރުގެ އިތުރުން ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި ނޭޕާލްގެ އާމީ ކްލަބް އަދި ބޫޓާންގެ ތިމްޕޫ ސިޓީ ވާދަކުރެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ކުޅޭ މެޗުގައި އެ ޓީމަށް ކޯޗުކޮށްދޭނީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ) އެވެ. ވިޑަކޮވިޗް އެ ޓީމާ އެކު ނުކުންނަ ފުރަތަމަ މެޗަކަށް ވެގެންދާނީ މި މަހު 10 ވަނަ ދުވަހު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށް ކުޅޭ މެޗެވެ.