03 ޖެނުއަރީ 2021 - 08:17

ބުދަ ދުވަހާ ގުޅޭ
"އޭނަގެ ކެރިއަރަށް އޮތް އެންމެ ބޮޑު ބިރަކީ ކާކު؟" އަހުސަން ސިއްރުސިއްރުން ބުނެލިއެވެ.
ޒިޔާން ވިސްނައިލިއެވެ. ދެ މީހުން ދެއްކި ވާހަކަ އަޑުއިވޭ ހިސާބުގައި އޭރު މަނާރަތު ހުރި ކަމެއް އެކަކަށް ވެސް ނޭނގެއެވެ. މަނާރަތު ހިތަށްއެރިއެވެ. އަހުސަންގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ މަނާރަތާއި ޒިޔާންގެ ދެމެދަށް އަހުސަން ވަނުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ޒިޔާނަށް ފެނުމުގެ ކުރިން އެ ތަނުން ނުކުންނަން މަނާރަތު ހިނގައިގަތެވެ. ދެ ފިޔަވަޅެއް އަޅައިފައި ހުއްޓުނެވެ. ހިތަށްއެރިއެވެ. ޒިޔާން ދޭނީ ކޮން ޖަވާބެއް ބާއެވެ؟ މަނާރަތާ ދޭތެރޭގައި ޒިޔާން ދެކެނީ ކިހިނެއް ބާއެވެ؟ އަލުން މަނާރަތު ވަނެވެ. ވީހާ ވެސް ޒިޔާނަށް ނުފެންނާނެހެން އެއްފަރާތަކަށް ޖެހިލިއެވެ.
"ނޭނގެ!" ޒިޔާން ގަސްތުގައި ނޭނގޭކަމަށް ހެދުނެވެ.
"އާނ ނޭނގޭނެ!" ސަމާސާ ރާގެއްގައި އަހުސަން ބުންޏެވެ. "ދޮންދޫނި ތިހިރީ ކިރުއިލޮށީގަ ރަނގަޅަށް ތަތްލައިފަ. ޒިޔާން ނޭނގޭ ކަމަށް ހެދުނަސް އަހަރެން ހަމަ ބޭނުން ބުނެލަން. އޭނައަށް އޮތް އެންމެ ބޮޑު ބިރަކީ ތީ. އެހެންވެ އޭނަގެ ކޮންޓްރޯލު ދަށަށް ޒިޔާން ގެނެއްސަ ތިހިރީ. މިހާރު ހުންނާނީ އަކުރުގަ ފިލިޖެހިފަ."
މަނާރަތު ނިކަން ފަރުވާތެރިކަމާ އެކުގައި ޒިޔާންގެ މޫނަށް އަރައިފައިބަމުންދިޔަ ކުލަވަރަށް ބަލަން ހުއްޓެވެ.
"ޒިޔާންއަކީ މިހާރު ޑިޕާޓުމަންޓުގެ ފޭވަރިޓް!" އަހުސަން ހަނދާންކޮށްދިނެވެ. "މަނާރަތަށް އެ ކަމެއް ހަޖަމެއް ނުވާނެ. ވޭކަޕް! ތިހެން އުޅެނިކޮށް ދެން ވާނެ ގޮތަކީ..."
އަހުސަންގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ފޯނު ބަލައިލިއިރު އެއީ މަނާރަތުގެ ކޯލެކެވެ.
"މީން ދުވަހަކު މަރެއް ނުވާނެ،" އަހުސަން މަޑުމަޑުން ބުނެލިއެވެ. އަދި ފޯނު ނެގިއެވެ. "އައްސަލާމް އަލައިކުމް މޭމް!"
އޭރު މަނާރަތުގެ މިސްރާބު ހުރީ މަނާރަތުގެ ކޮޓަރިއާ ދިމާއަށެވެ.
"މިކޮޅަށް ޖައްސާލަބަލަ! ހަމަ މިހާރު އިނގޭ!" ވަރަށް ހަމަޖެހިލައިފައި މަނާރަތު ބުންޏެވެ.
އަހުސަން އައި އިރު މަނާރަތު މޭޒުކައިރީގައި އިނެވެ. މަނާރަތުގެ އިޝާރާތަށް އަހުސަން އިށީނުމުން ދިއްކޮށްލީ ސިޓީއެކެވެ. އަހުސަން އެ ސިޓީ ކިޔައިލިއެވެ. އެއީ، އިންޑިޔާގެ މެޑްރާސްގައި އޮތް ކޯހަކަށް ލިބިފައިވާ ފުރުސަތެކެވެ. މުއްދަތަކީ އެއް އަހަރެވެ.
"މާދަން ފުރަންޖެހޭ!" ނަފުރަތުގެ އެއްވެސް އަސަރެއް މޫނުމަތިން ނުދައްކައި މަނާރަތު ބުންޏެވެ. "އަހުސަންގެ ޕާފޯމަންސަށް ބަލާފަ އަހަރެން ހިތަށްއަރަނީ އެންމެ ފުރަތަމަ އަހުސަނަށޭ ޗާންސްދޭނީ. އިންޓްރަސްޓު އެބަހުރި؟"
އެ ވަގުތު ވެސް އަހުސަންގެ ހިތުގައި ސުވާލު އުފެދުނެވެ. އެ ފަދަ ކޯހެއް ދޭން އަހުސަނަށް ވުރެ މާ ގާބިލު މީހުން ޑިޕާޓުމަންޓުގައި އެބަ ތިއްބެވެ. ހާޒިރީއަށް ބެލިޔަސް، މަސައްކަތަށް ބެލިޔަސް، ތައުލީމީ ފެންވަރާއި ހިދުމަތުގެ މުއްދަތަށް ބެލިޔަސް ވެހެވެ. އެހެންނަމަވެސް އެ ފުރުސަތު ދޫކޮށްލާކަށް އަހުސަން ބޭނުމެއް ނޫނެވެ. އެކަމަކު އަހުސަނަށް އެ ކޯސް ދީފި ނަމަ ތަނުގެ މަސްލަހަތު ގެއްލޭނެއެވެ.
"ލައްބަ!" އަހުސަން ޖަވާބުދިނެވެ. "އެކަމަކު.."
"މަރުހަބާ!" ތެދުވެފައި ސަލާންކޮށްލަމުން މަނާރަތު ބުންޏެވެ.
ދެން ވެސް އަހުސަން ވާހަކައެއް ބުނަން މަސައްކަތް ކުރިއެވެ. އެކަމަކު މަނާރަތު ދަނޑިވަޅެއް ނުދިނެވެ.
"އިރުކޮޅަކުން އެޗްއާރުން ގުޅާނެ،" ހިނިތުންވެފައި މަނާރަތު ބުންޏެވެ. "އަވަހަށް ގެއަށް ގޮސް ދަތުރަށް ތައްޔާރުވޭ!"
ވަރަށް އުފާވެފައި އަހުސަން ނުކުމެގެން ދިޔައެވެ. އަހުސަން ފަސްދިނުމާ އެކުގައި މަނާރަތުގެ މޫނުމަތިން ފެންނަން ހުރި ހިނިތުންވުން ނަފުރަތަށް ބަދަލުވިއެވެ.
ޒިޔާން ދުއްވަމުންދިޔަ ސައިކަލުގެ މީޓަރުގެ ކަށި އަށްޑިހައަށް އެރުމަށް ތައްޔާރުވިއެވެ. ހުޅުމާލޭގެ ތާރުއެޅި ދިގު މަގު އޮތީ ފަޅަށެވެ. ކަންފަތުގައި ވައިއަޅާ ވަރުން އެކަކު ކިޔާ އެއްޗެއް އަނެކަކަށް ސާފުކޮށް އިވޭ ވަރެއް ނޫނެވެ. އެ ވަރުން ވެސް ޒިޔާނާއި މަނާރަތު ވާހަކަދެއްކިއެވެ.
"އަދިވެސް ބާރަށް!" މަނާރަތު އެދުނެވެ.
"މަނާ އަންނަންވީނު ކުރިޔަށް،" ޔަގީނުން ވެސް މަނާރަތަށް އިވޭނެހާ ބާރަށް ޒިޔާން ބުންޏެވެ. "އޯކޭތަ؟"
މަނާރަތު އެއްބަސްވިހެން ހީވެގެން ޒިޔާން ސައިކަލު މަޑުކުރިއެވެ. އެކަމަކު މަނާރަތު އެއްބަހެއް ނުވެއެވެ. ސައިކަލުގެ ކުރިޔަކަށް ނޭރިއެވެ. އަލުން ސައިކަލު ދުއްވައިލުމުގެ ބަދަލުގައި، މީހެއްގެ ހިލަމެއް ނުވާ ފަޅު މަގުގައި ދެ މީހުން ވާހަކަދައްކަން ތިބީއެވެ. އެއީ މިލަ ހަނދުވަރެއް ދީފައިވާ ރެޔެކެވެ. މަގުގެ ދެ ފަރާތުގައި އޮތީ ގަސްތަކެވެ. ގަޑިން އެގާރަގަޑި ބައިވަނީއެވެ.
"ޒިޔާން ބިރެއްނުގަނޭތަ؟" މަނާރަތު އެހިއެވެ.
ޒިޔާން ސައިކަލު ނިއްވައިލިއެވެ. އެހެންކަމުން ކުރިޔަށް ވުރެ ވެސް ހަމަހިމޭންވިއެވެ.
"ހުޅުމާލެއަކު ނޫޅޭނެ ޖިންނިއެއް!" ސަމާސާ ރާގެއްގައި ޒިޔާން ބުންޏެވެ. "މީ ޖިންނި ޕްރޫފްކޮށްފަ އޮތް ތަނެއް."
"ދެން އެހެނެއް ނޫނޭ!" ހީނގެންފައި މަނާރަތު ބުންޏެވެ. "އައި މީން އެހާ ބާރަށް ސައިކު ދުއްވަން ބިރެއްނުގަނޭހޭ؟"
"އަހަރެން ދުއްވަނީ ވަރަށް ބަލައިގެން،" ސައިކަލުގެ ހަރުޖައްސައިފައި ސައިކަލުން ފައިބަމުން ޒިޔާން ބުންޏެވެ. "އަހަރެން ދުއްވަމޭ ސަތޭކައިގަ ވެސް."
މަނާރަތު އިނީ ސައިކަލުގައި އިށީނދެލައިގެންނެވެ. ޒިޔާން ހުރީ މަނާރަތު ކައިރީގައި ކޮޅަށެވެ. ދެ މީހުންގެ ދެމެދުގައި ދުރުމިނެއް ހުއްޓެވެ. އެ ދުރުމިން ނެތިކޮށްލަން ދެ މީހުން ވެސް ކިހާ ބޭނުންކަމެއް ދެ މީހުންނަކަށް ނޭނގެއެވެ.
"ކިތަންމެ ކެއަރފުލްކޮށް ދުއްވިޔަސް އެކްސިޑެންޓެއް ވެދާނެއްނު!" މަނާރަތު ބުންޏެވެ. "ދެން ބުނޭ އަދި ދުވަހަކު ވެސް ނުވެޔޭ! ވާނީ އެއް ފަހަރު. ހަމަ ނުލާހިކު ބަލައިގެން އުޅޭ މީހަކު ވެސް ޓަސްލާފަ މަރުވެދާނެ."
"ކިހާ ރަނގަޅު،" ހިނިއައިސްފައި ޒިޔާން ބުންޏެވެ. "އަހަރެން ލައްވާ ބާރަށް ދުއްވާފަ އަހަރެން ތި ބިރުގަންނަވަނީ. ތިހެން އުޅެންޏާ ދެން މިރޭ ހިންގާފަ ގެންދާނީ އިނގޭ!"
"މާ ފޮނިނުވެ ހިނގާ ދާން!" ސައިކަލު އިސްޓާޓުކުރަމުން މަނާރަތު ބުންޏެވެ. "އަހަންނަށް ހެޔޮ ހިނގާފަ ދިޔަސް. އެކަމަކު ޒިޔާން ޖެހޭނީ އަހަރެން އުރަން. އަހަންނެއް ނިހިނގާނަން. ވަރަށް ކަންނެތް ރެޔެއް."
މަނާރަތު ބުނި އެއްޗަކާ މެދު ސީރިއަސް ނުވާ ކަމަށް ހެދެމުން ޒިޔާން ސައިކަލަށް އެރިއެވެ. އެހެނަސް ޒިޔާން ހިތަށްއެރިއެވެ. މަނާރަތު އުރާލަން މަނާރަތު ހުއްދަ ދޭނެ ހެއްޔެވެ؟ ނޭވައެއްގެ ސިފައިގައި އެ ސުވާލު ވައިގެ ތެރެއަށް ދޫކޮށްލަމުން ޒިޔާން ސައިކަލު ދުއްވައިލިއެވެ. އެކަމަކު ބާރަކަށް ނުދުއްވައެވެ. މަނާރަތު ލައްވާ ބައެއް ވާހަކަ ދައްކުވަން ޒިޔާން ބޭނުމެވެ.
"ޒިޔާނަކަށް ނުވެސް ކެރޭނެ އަހަރެން އުރާކަށް." މަނާރަތު ބުނި އަޑު އިވުނެވެ.
"މުޅި ޑިޕާޓުމަންޓުގަ ވެސް ނުހުންނާނެ އަހަރެންހާ ފިޓް މީހެއް،" ޒިޔާން ރައްދުދިނެވެ. "އަހަރެންގެ ބޮސްއަށް އެންމެ ރަނގަޅަށް އެ ކަން އެނގޭނީ. މަނާ ގޮސް ބޮސް ކައިރީގަ އަހާލައްޗޭ އިނގޭ!"
މަނާރަތު ހީނގަތެވެ. ޒިޔާންގެ ކޮނޑުގައި ބޮނޑިއެއް އެޅިއެވެ.
"ބާރު ހުއްޓަކަސް ހިސާބަށް ވުރެ ފިނޑިވީމަކާ ނުކެރޭނެ!" މަނާރަތު ގޮންޖެހިއެވެ.
"ކީއްވެ އަހަންނާ ދިމާއަށް އިރުއިރުކޮޅާ ފިނޑިއޭ ތި ބުނަނީ؟" ޒިޔާން އެހިއެވެ. "މިހާރު ދެވަނަ ފަހަރު ތި ބުނެވުނީ އިނގޭ. ދެން ތިހެން ބުނެފިއްޔާ ވަރަށް ސަކަރާތްވާނެ. ބީ ކެއަރފުލް!"
މަނާރަތު ހޭން ފެށިއެވެ. އަދި މަޑުމަޑުން ޒިޔާންގެ ބުރަކަށީގައި ބޯއަޅައިލިއެވެ. މީހުން އާބާދުވެފައިވާ ހިސާބަށް ދެވުނު އިރު ވެސް މަނާރަތަށް އޮވެވުނީ އެހެންނެވެ. އެ މަންޒަރު މީހަކަށް ފެންނާކަށް ޒިޔާން ބޭނުމެއް ނޫނެވެ. އެކަމަކު ބޯނަގާށޭ މަނާރަތު ގާތުގައި ބުނަން އަދި ވަކީން ބޭނުން ނުވީއެވެ. އޭގެ ނަތީޖާ ހިތިވިއެވެ. ދީމާގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ދީމާގެ އެކުވެރިޔަކަށް ޒިޔާން ފެނުނީއެވެ. ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. ދީމާއަށް އޮތީ ނިދިފައެވެ. ފޯނުގެ އަޑު ހުރީ ކަނޑައިލައިފައެވެ.
ފުރާ ވާހަކަ ބުނަން އަހުސަނަށް ތަންވަޅެއް ލިބުނު އިރު އަހުސަން ހުރީ އެއާޕޯޓުގައެވެ. ޒިޔާން ހައިރާންވީ އަހުސަނަށް ނުބުނެވުނީމައެއް ނޫނެވެ. މަނާރަތު އެ ކަހަލަ އެއްވެސް ވާހަކައެއް ނުބުނީމައެވެ. ދެން ހިތަށްއެރިއެވެ. މަނާރަތު ހަނދާންނެތުނީއެވެ. އެހެން ނޫން ނަމަ އަހުސަންގެ ވާހަކައެއް މަނާރަތު ނުބުނެއެއް ނުހުންނާނެއެވެ. ޒިޔާންގެ ނަޒަރުގައި މަނާރަތަކީ ގޮތް ހުންނަ ވެރިޔެކެވެ. ހަރުދަނާ އުސޫލުތަކެއް ހިފަހައްޓާ މީހެކެވެ. މަނާރަތާ ގުޅޭ ގޮތުން އަހުސަން ފާޑުފާޑުގެ ވާހަކަދައްކަނީ މަނާރަތު ނޭނގޭތީއެވެ. ނުވަތަ އަހުސަންގެ ޝައްކުބަލި ބޮޑީއެވެ. ޒިޔާން ފަދަ، ފަހުން ވަން މުވައްޒަފަކާ މެދު މަނާރަތު ހަސަދަވެރިވާންވީ ކީއްވެގެން ހެއްޔެވެ؟ މަނާރަތުގެ ހިތުގައި ރޯވެފައިވަނީ އެހެން ކަހަލަ ހުޅުކޮޅެއް ނޫންބާއެވެ؟
އޮފީސް ތެރޭގައި މަނާރަތާއި ޒިޔާނަކީ ދެ މުވައްޒަފުންނެވެ. އެކަކީ ވެރިޔެކެވެ. އަނެކަކީ، ވެރިމީހާގެ ދަށުން މަސައްކަތްކުރާ މުވައްޒަފެކެވެ. އެކަމަކު ހުޅުމާލެއަށާއި، ރިސޯޓުތަކަށް ދެ މީހުން އެކުގައި ދެއެވެ. ރަސްމީކޮށާއި ނުރަސްމީކޮށެވެ. އެކުގައި ވަގުތު ހޭދަކުރުމަކީ ދެ މީހުން ވެސް ފޫހިފިލާ ކަމަކަށް ވެއްޖެއެވެ. ގަޔާވާ ކަމަކަށް ވެއްޖެއެވެ. މަނާރަތު ފަދަ، ފިރިހެނުންގެ ލޯތައް ވަކިއަޅާ އަންހެނަކު ޒިޔާނަށް ފިދާވާން ފެށީ ކީއްވެގެން ހެއްޔެވެ؟ ޒިޔާންގެ އާއިލީ ތަނަވަސްކަމެއް، ނުފޫޒެއް ނެތެވެ. ތިން ކުދިން އެބަ ތިއްބެވެ. އަންބަކު އެބަ ހުއްޓެވެ. ޒިޔާންގެ ފަރާތުން މަނާރަތަށް ލިބޭނީ ކޯޗެއް ހެއްޔެވެ؟ އެ ސުވާލުތައް ޒިޔާންގެ ހިތުގައި އުފެދެއެވެ. ދުލާ ހަމައަކަށް ނުގެނެއެވެ. އެއް މިލިޔަން ރުފިޔާގެ ނަސީބު ނަންބަރެއް ދިމާވުމުން ނަސީބުވެރިޔާގެ ހިތާ ސުވާލު ނުކުރާ ފަދައިންނެވެ. ޒިޔާން ބޭނުންވީ ލިބުނު ހެޔޮ ނަސީބަށް ޝުކުރުކުރާށެވެ. ހެޔޮ ފާލެއް ކަމުގައި ބަލައިގަންނާށެވެ. އެކަމަކު ޒިޔާން ވަޒީފާ މި އަދާކުރަނީ ކޮން ތާކު ކަމާއި، ތަނުގެ އުސޫލުތަކާއި، މިންގަނޑުތައް ޒިޔާން ހަނދާން ނައްތައެއް ނުލައެވެ.
ފުވައްމުލަކުގައި ފުލުހުންގެ މަރުކަޒެއް ހުޅުވިތާ ސައުވީސް އަހަރު ފުރިގެން ކުޑަ ހަފުލާއެއް ބޭއްވިއެވެ. އެ ތަނުގައި މިޔުޒިކު ކުޅެން ޒިޔާނަށް ދާންޖެހުނެވެ. ފުލުހުންގެ ގަވާއިދު އޮންނަ ގޮތުން އޯޑަރު އަންނަ ކޮންމެ ކަމެއް ޖެހޭނީ ކުރާށެވެ. އެކަމަކު އެ ފަހަރު ޒިޔާން މުލަކަށް ދިޔައީ އަމުރަށް ތަބާވުމުގެ ގޮތުން އެކަންޏެއް ނޫނެވެ. މަނާރަތު ވެސް އެ ދަތުރުގައި ބައިވެރިވާތީއެވެ. އެއީ، ކިހާ ބަދުނަސީބު ދަތުރަކަށް ވާނެކަމެއް ޒިޔާނަކަށް ނޭނގެއެވެ. އެ ދަތުރަށް ޓަކައި، މީހަކު ކިހާ ދުރާލައި ތައްޔާރުވެފައިވާ ކަމެއް ވެސް ޒިޔާނަކަށް ނޭނގެއެވެ.
ނުނިމޭ