02 ޖެނުއަރީ 2021 - 21:15

ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން އައިޖީއެމްއެޗުގެ ކެންޓީން މިއަދު ބަންދުކޮށްފި އެވެ.
އެ ހޮސްޕިޓަލުގެ ހުޅަނގު ފަރާތުގައި ހަދާފައިވާ "ސަންސެޓް ހައުސް" ކެންޓީނުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތަތްކޮށްފައިވާ ނޯޓިސްގައި ބުނީ އެ ތަން ބަންދުކުރީ ހިދުމަތް ހޯދާ މީހުން ރައްކާތެރިކުރުމަށް ހަދާފައިވާ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވައިދާ ހިލާފުވެފައިވާތީ އެވެ.
ނޯޓިސް ތަތްކޮށްފައިވާ މުއްދަތުގައި ކާބޯތަކެތި ވިއްކުމަކީ މަނާކަމެކެވެ.
ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ހިދުމަތް ހޯދާ އައިޖީއެމްއެޗްގެ ކެންޓީން ބަންދުކުރިއިރު ސާފުތާހިރުކަމުގެ މިންގަނޑާ ހިލާފުވެގެން މިދިޔަ މަހުގެ 23 ގައި އޭޑީކޭ ކެންޓީން ވެސް ބަންދުކޮށްފައިވެ އެވެ.
ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުން ގަވައިދާ އެއްގޮތަށް އަމަލުކުރޭތޯ ބަލަން އެޗްޕީއޭ އިން ކުރާ މަސައްކަތް ފަހަކަށް އައިސް ވަނީީ އިތުރުކޮށްފަ އެވެ. އެއީ ކޮވިޑް-19 ފެތުރޭތީ އެބަލި ކޮންޓްރޯލް ކުރަން ކުރާ މަސައްކަތްތަކުގެ ތެރެއިންނެވެ.