02 ޖެނުއަރީ 2021 - 17:55

މިހާތަނަށް އެއް މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ދީގެން، އާބާދީގެ ނިސްބަތުން މިހާތަނަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19ގެ ދިފާއު ހޯދައިދިން ގައުމަކަށް އިޒުރޭލް ވެއްޖެ އެވެ.
އޮކްސްފޯޑް ޔުނިވަސިޓީއާ ގުޅިގެން، ވެކްސިންގެ ކަންކަން ބަލަމުން އަންނަ ވެބްސައިޓަކުން ބުނީ އިޒްރޭލްގެ ނިސްބަތް ހުރީ ކޮންމެ 100 މީހަކަށް 11.55 ވެކްސިން ޑޯޒްގައި ކަމަށެވެ. އިޒްރޭލްގެ ފަހަތުން ދެ ވަނާގައި އުޅޭ ބަހުރެއިންގެ ނިސްބަތް 3.49 ގައި އުޅޭ އިރު އިނގިރޭސި ވިލާތުގައި ކޮންމެ 100 މީހަކަށް މިހާތަނަށް ދެވިފައި ވަނީ 1.4 ޑޯޒެވެ.
ޔޫރަޕްގެ ބޮޑު ގައުމެއް ކަމަށް ވާ ފްރާންސްގައި ޑިސެމްބަރު 30ގެ ނިޔަލަށް ވެކްސިން ދެވުނީ އެންމެ 138 މީހުންނަށެވެ.
މުޅި އާބާދީއަށް ބަލާ ކަމަށް ވާ ނަމަ އިޒްރޭލުން މިހާރު އެވަނީ 10 ޕަސެންޓް މީހުންނަށް ވެކްސިން ދީފަ އެވެ.
ވެކްސިން ދެވޭވަރު އަޅާބެލުމަށް ފަހު އާންމުންނާ ހަމައަށް އެ މައުލޫމާތު ގެނެސްދެނީ ވަން ވޯލްޑް އިން ޑޭޓާ ވެބްސައިޓުންނެވެ. އެ ސައިޓުން ބަލާފައި ވަނީ ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ދިން މީހުންގެ ނިސްބަތެވެ. މިހާތަނަށް ހުއްދަ ދިން ކޮވިޑްގެ ކޮންމެ ވެކްސިނެއްގައި ވެސް، ދެ ޑޯޒް ހިމެނެ އެވެ.
އަހަރު ނިމުމުގެ ކުރިން 20 މިލިއަން މީހުންނަށް ވެކްސިން ދޭން އަމާޒު ކަނޑައެޅި އެމެރިކާއަށް އެ އަދަދާ ކައިރި ވެސް ނުކުރެވެ އެވެ. މިހާތަނަށް އެމެރިކާގައި ވެކްސިން ދެވުނީ 2.7 މިލިއަން މީހުންނަށެވެ. އެއީ ކޮންމެ 100 މީހަކަށް އެންމެ ޑޯޒެއްގެ ނިސްބަތެވެ.
އިޒްރޭލުން ވެކްސިން ދޭން ފެށީ ޑިސެމްބަރު 19 ގަ އެވެ. ކޮންމެ ދުވަހަކު 150،000 މީހުންނަށް ފުރަތަމަ ޑޯޒް ދެ އެވެ. މި ވަގުތު އެ ގައުމުގައި ވެކްސިން ދެނީ 60 އަހަރުން މަތީގެ މީހުންނާއި ސިއްހީ އެހީތެރިންގެ އިތުރުން އެހެން ބަލިތަކާ ހެދި ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑު މީހުންނަށެވެ.
އިޒްރޭލުން ވަނީ މި ބަލިމަޑުކަމުގެ އެންމެ ކުރީކޮޅު ފައިޒާ-ބައޮއެންޓެކްގެ ވެކްސިން ހޯދަން އެ ކުންފުނިތަކާ އެކު އެއްބަސްވުމަކަށް ގޮސްފަ އެވެ. އިޒްރޭލްގެ ސިއްހީ ނިޒާމް ރާވާފައި އޮންނަ ގޮތުން، ވެކްސިން ދޭން މިހާރު ކަނޑައަޅާފައިވާ މީހުން ހޯދައި ދެނެގަތުން ވަރަށް ފަސޭހަ އެވެ. އިޒްރޭލްގެ ސިއްހަތާ ބެހޭ ގާނޫނުގެ ދަށުން، ކޮންމެ ރައްޔިތަކު ވެސް، ސަރުކާރުން ގަބޫލުކުރާ ސިއްހީ ހިދުމަތް ފޯރުކޮށްދޭ އިދާރާއެއްގައި ރަޖިސްޓްރީ ވާން ޖެހެ އެވެ. އެހެންކަމުން 60 އަހަރުން މަތީ މީހުންނާއި އެކި ބަލިތަކުގައި އުޅޭ މީހުން ދެނެގަނެ، ވެކްސިން ފޯރުކޮށްދިނުން ފަސޭހަ އެވެ.
އިޒްރޭލުން ވަނީ ފައިޒާގެ ވެކްސިން ޝިޕްމެންޓްތައް ބައިބަޔަށް ބަހައިފަ އެވެ. މިއީ މައިނަސް 70 ޑިގްރީގެ ފިނީގައި ބަހައްޓާފައި ހުންނަ ވެކްސިންއަކަށް ބަލާއިރު އިޒްރޭލުން ވަރަށް ރަނގަޅަށް ކުރި ކަމެއް ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ.
އިޒްރޭލް މިހާތަނަށް ތިން ފަހަރަށް ލޮކްޑައުންއަކަށް ހިނގައްޖެ އެވެ. އެކަމަކު ވެކްސިންއާ އެކު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވަނީ ފެބްރުއަރީގެ ކުރީކޮޅު، މި ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށެވެ.
"މިއީ ވަރަށް ހައިރާންކުރުވަނިވި ވާހަކައެއް،" ވެކްސިން ދިނުމުގައި އިޒްރޭލުން ހޯދިކުރިއެރުމާ ބެހޭ ގޮތުން، ޕްރޮފެސަރު ރަން ބަލިސާ ވިދާޅުވި އެވެ.
އޭނާއަކީ ކޮވިޑް-19އާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ ތަޖުރިބާކާރުންގެ ތެރެއިން އެކެކެވެ.
އޭނާ ވިދާޅުވި ގޮތުގައި ނުވަ މިލިއަން މީހުންގެ އާބާދީއެއް އޮތް އިޒްރޭލުން އެހާ ބޮޑު ކުރިއެރުމެއް ހޯދުމުގައި ނިސްބަތުން ކުޑަ އާބާދީއަކަށް ވުމަކީ ވެސް ސަބަބެކެވެ.
އާބާދީގެ ނިސްބަތުން އިޒްރޭލަކީ އެންމެ ބޮޑަށް ބަލި ފެތުރުނު ގައުމު ވެސް މެ އެވެ. ތިން ވަނަ ލޮކްޑައުންއަކަށް ދިޔަ އިރު ދުވާލަކު 5،000 މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ.
މިހާތަނަށް 420،000 މީހުންނަށް ކޮވިޑް ޖެހި، މަރުވި މީހުންގެ އަދަދު އުޅެނީ 3،200 އަށް ވުރެ މަތީގަ އެވެ.
އިޒްރޭލްގެ ސިއްހީ ނިޒާމަށް ދުނިޔޭގެ ބޭސް ކުންފުނިތަކުން ވަރަށް ބޮޑު އިތުބާރެއް އޮވެ އެވެ. އެގޮތުން އެ ނިޒާމް ފުރިހަމަވުމާއި މައުލޫމާތު ރައްކާކުރާލެއް ރަނގަޅުކަމުން، ވެކްސިންގެ މައި ކުންފުނިތަކުން އެ ގައުމަށް ދޭ ސަމާލުކަން ވެސް ބޮޑެވެ.
"މި ކަމުގައި ދުނިޔޭގެ ލީޑްކުރާ ގައުމަކަށް އިޒްރޭލް ވީ ދުރާލާ ވީ ތައްޔާރީތަކުން،" ސިއްހަތާ ބެހޭ ވަޒީރު ޔޫލީ އެޑެލްސްޓެއިން ވިދާޅުވި އެވެ.
ގާނޫނީ އަދި އިންސާނީ ހައްގުތަކާ ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި އިޒްރޭލްގެ ވެކްސިން ޕްރޮގްރާމް، ފަލަސްތީނުގެ ވެސްޓް ބޭންކާއި ގާޒާ ސްޓްރިޕަށް ފުޅާކުރަން ޖެހޭނެ އެވެ. އެކަމަކު އިޒްރޭލުން އޭގެ ޔަގީންކަމެއް އަދި ނުދެ އެވެ. އަދި ފަލަސްތީނުން ރަސްމީކޮށް އެކަމަށް އެދިފައެއް ވެސް ނުވެ އެވެ.
އެޑެލްސްޓެއިން ވިދާޅުވީ ފުރަތަމަ އިސްކަން ދޭނީ އިޒްރޭލްގެ ރައްޔިތުންނަށް ކަމަށެވެ. ނަމަވަސް ފަލަސްތީނު ރައްޔިތުން ވެސް އެ ބަލިން ރައްކާތެރިކުރަން އެހީތެރިވާން ޝައުގުވެރިކަން ހުރި ކަމަށް ވިދާޅުވި އެވެ.
"އެހެން މީހުންނަށް އެހީތެރިވެވޭ ފަދަ ހާލަތަކަށް އަހަރެމެން އަދި ދާނެ،" އެޑެލްސްޓެއިން ވިދާޅުވި އެވެ.
"އެކަން ކުރާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް."