އައްޑޫ ރޫޓު ފިހާރަ ފަޅާލައިފި
އައްޑޫ ރޫޓު ފިހާރަ ފަޅާލައިފި

އައްޑޫގައި ހުންނަ ރޫޓު ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ އެ ފިހާރަ އިން ބަޔަކު ވައްކަންކޮށްފައި ވަނީ އިއްޔެގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް ފިހާރަ އިން ނެގީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

މާލޭގައި ހުންނަ ރޫޓު ފިިހާރައިގެ މުވައްޒަފުންތަކެއް ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް ފައިސާ ޖަމާކުރަން މިދިޔަ އޮކްޓޯބަރު މަހު ދިޔަ ވަގުތު ވެސް ބަޔަކު ވަނީ އެ ފައިސާތައް ފޭރިގަންނަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ބީއޯސީގެ ސެކިއުރިޓީ ބަލަހައްޓަން ހުރި "އެބްސުލޫޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން" ގެ މުވައްޒަފު މުހައްމަދު ހަސަން މަނިކު އާއި އެ ފިހާރަގެ މުވައްޒަފުންގެ މަސައްކަތުން ވަނީ ޖަމާކުރަން ގެންދިޔަ 4.2 މިލިއަން ރުފިޔާ ސަލާމަތްކޮށްފަ ވެ. އެ މީހުންގެ އަގު ވަޒަންކޮށް އެ ފިހާރައިގެ އިސްވެރިން ވަނީ އެ މީހުންނަށް ފައިސާގެ އިނާމު ދީފަ އެވެ.