02 ޖެނުއަރީ 2021 - 17:02

ނިއު ދިއްލީ (ޖެނުއަރީ 2) - ކޮރޯނާވައިރަހުގެ ވެކްސިން ދިނުމުގެ ދުނިޔޭގެ އެންމެ ބޮޑު ޕްރޮގްރާމް ފެށުމުގެ ކުރިން އިންޑިއާގައި މިއަދު ރިހާސަލެއް ބާއްވައިފި އެވެ.

އިންޑިއާ ސަރުކާރުގެ ޕެނަލަކުން މިހާރު ވަނީ އޮކްސްފޯޑާއި އެސްޓްރަޒެނެކާ ގުޅިގެން އުފެއްދި ކޮރޯނާވައިރަހުގެ ވެކްސިނަށް ހުއްދަ ދޭން ފެންނަ ކަމަށް ބުނެފަ އެވެ. އިންޑިއާގައި ވެކްސިން ދޭން ފަށާނީ ޑްރަގްސް ކޮންޓްރޯލް އޮތޯރިޓީން ހުއްދަ ދިނުމުންނެވެ.
ދެ ވަނަ އަށް އެންމެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އިންޑިއާ އިން މިހާތަނަށް ވަނީ 10.2 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފަ އެވެ. އާބާދީގައި 1.3 ބިލިއަން މީހުން ހިމެނޭ އިންޑިއާ އިން ޓާގެޓްކޮށްފައި ވަނީ މި އަހަރުގެ މެދަކާ ހަމައަށްދާއިރު 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ.
ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނި އިންޑިއާގެ ސީރަމް އިންސްޓްޓިއުޓުން މިހާރު ވަނީ އޮކްސްފޯޑުގެ ވެކްސިންގެ އެތައް މިލިއަން ޑޯޒެއްގެ އުފައްދައިފަ އެވެ. އިންޑިއާގައި ފަށާ ވެކްސިން ދިނުމުގެ ޕްރޮގްރާމަށް ވަނީ 96،000 ހެލްތު ވޯކަރުން ތަމްރީނުކޮށްފަ އެވެ.
އިންޑިއާގެ ހެލްތު މިނިސްޓަރު ވަރްޝް ވަރުދަން ވިދާޅުވީ ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ރިހާސަލެއް ބޭއްވި އެއްވެސް މައްސަލައެއް ނުޖެހި ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި ވެކްސިން ޖެހުމާ މެދު މީހުންގެ ހިތުގައި އުފެދިފައިވާ ޝައްކުތައް ފިލުވާލުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ސެޕްޓެމްބަރު މަހުން ފެށިގެން އިންޑިއާގައި ވަނީ ކޮރޯނާވައިރަހުގެ ކޭސްތައް ދަށްވާން ފަށައިފަ އެވެ.
އިނގިރޭސި ވިލާތާއި އާޖެންޓީނާ އިން މިހާރު ވަނީ އޮކްސްފޯޑުގެ ވެކްސިނަށް ހުއްދަ ދީފަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ ފައިޒާ-ބަޔޯއެންޓެކުގެ ވެކްސިނަށް ހުއްދަ ދީފަ އެވެ.