މިދިޔަ އަހަރު ރާއްޖެ އައީ 555،213 ޓޫރިސްޓުން
މިދިޔަ އަހަރު ރާއްޖެ އައީ 555،213 ޓޫރިސްޓުން

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 555،213 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވިފަހުން ޒިޔާރަތް ކުރީ 172،366 ޓޫރިސްޓުންނެވެ. މިއީ، ކޮވިޑުގެ ބަލިމަޑުކަމުގައި ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރި އަދަދަށް ވުރެ ގިނަ އަދަދެކެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެއީ 31،800 ޓޫރިސްޓުންނެވެ. ރާއްޖެއަށް އޮތް މަގުބޫލުކަން ރަޝިއާގެ ޓޫރިސްޓުންގެ މެދުގައި އިތުރުވުމާ ގުޅިގެން އެ ގަައުމުގެ އެއާލައިންތަކުން ވަނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފަ އެވެ.

ދެ ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އެއީ 27،667 ޓޫރުސްޓުންނެވެ. އަދި 19،686 ޓޫރިސްޓުންނާއެކު ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސި ވިލާތުންނެވެ.

މިދިޔަ އަހަރު ނިމުނު އިރު 543 ޓޫރިސްޓު ފެސިލިޓީއަކުން ވަނީ ހިދުމަތް ދޭން ފަށައިފަ އެވެ. އެގޮތުން 142 ރިސޯޓު ހުޅުވާފައިވާއިރު 11 ހޮޓަލާއި 133 ސަފާރީ އާއި 257 ގެސްޓު ހައުސް ވަނީ ޓޫރިސްޓުންނަށް ހުޅުވާލައިފަ އެވެ.