ކައިވެނި ޕާޓީން ޕޮޒިޓިވްވި އަދަދު 78 އަށް އަރައިފި
ކައިވެނި ޕާޓީން ޕޮޒިޓިވްވި އަދަދު 78 އަށް އަރައިފި

ޝީ ބިލްޑިންގުގައި ބޭއްވި ކައިވެނި ޕާޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެ އިއްޔެގެ ނިޔަލަށް 78 މީހަކަށް ބަލި ޖެހިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ 20 ގައި ބޭއްވި ޕާޓީގައި ބައިވެރިވީ 120 މީހުންނެވެ. މިހާތަނަށް އެ ޕާޓީގައި ބައިވެރިވި 65 ޕަސެންޓް މީހުން މިވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

މި ކްލަސްޓާގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 18 އަހަރު ނުވާ ގިނަ ކުދިންތަކެއް ހިމެނެ އެވެ. ހައި ރިސްކު ކެޓަގަރީގެ ބަޔަކު ވެސް ޕޮޒިޓިވްވި އެވެ.

އެޗްއީއޯސީން ބުނީ ކޮންޓެކްޓުންގެ ގޮތުގައި ގިނަ ބަޔަކު ދެނެގަނެވި މިހާތަނަށް 260 އަށް ވުރެން ގިނަ ސާމްޕަލް ވެސް ވަނީ ނަގައިފަ އެވެ.

މިއީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްވެ ލުއިތައް ދޭން ފެށިފަހުން އެއްފަހަރާ މިހާ ގިނަ ބަޔަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. ޕާޓީ ބޭއްވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގަ އެވެ. އެކަމަކު އެތަނަކީ ރަނގަޅަށް ވައި ދައުރުނުވާ ކުޑަ ހޯލެކެވެ.

ކޮވިޑާ ބެހޭ ގޮތުން މިހާތަނަށް ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުން، ޕާޓީތައް ފަދަ ބަންދުކޮށް ހުންނަ ތަންތަނުގައި ބާއްވާ އެއްވުންތަކަކީ ކޮވިޑް ފެތުރިފައި އޮންނަ ހިސާބެއްގައި ކުރަން ރައްކާތެރިކަމެއް ނޫނެވެ. ކޮވިޑް-19 ފެތުރެން ފެށީންސުރެ ވެސް ތަޖުރިބާކާރުން އިންޒާރު ދެމުން އަންނަނީ އިންޑޯ ނުވަތަ ބަންދު ތަންތަނުގައި ގިނަ މީހުން ބައިވެރިވެގެން އިވެންޓްތައް ނުބޭއްވުމަށެވެ.

އެޗްޕީއޭ އިން ވަނީ ކައިވެނި ޕާޓީ އަށް ދިޔަ އެންމެން އެ އެޖެންސީއަށް އަންގަން އެދިފަ އެވެ. ރާއްޖެއިން މިހާތަނަށް 13،804 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ. ކޮވިޑު ޖެހިގެން 48 މީހަކު ވަނީ މަރުވެފަ އެވެ.